Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޓްރާންސްޕޭރެންސީ މޯލްޑިވްސް

އަދީބާއި ޒިޔަތު މިނިވަންކުރުމުން ޓްރާންސްޕޭރެންސީން އެކަން ކުށްވެރިކޮށްފި

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ކުށް ސާބިތުވެ، 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު މިނިވަންކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވުމާއި ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެ ދެ ބޭފުޅުން މިނިވަންވުމަކީ ކޮރަޕްޝަނާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް އެޅުނު ހުރަހެއްގެ ގޮތުގައި ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވަނީ ސިފަކޮށްފަ އެވެ.

އަދީބާއި ޒިޔަތުގެ އަދަބު ލުއިކޮށް ދިނީ ޕެރޯލް ގާނޫނުގެ ދަށުން ރައީސް އިބްރާހިމަށް ލިބިދޭ ބާރުގެ ދަށުންނެވެ.

އެކަމާ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައި ޓްރާންސްޕޭރެންސީން ވަނީ އެ ދެ ބޭފުޅުން އަދަބު ލުއިކޮށް މިނިވަން ކުރުން ކުށްވެރިކޮށްފަ އެވެ. އަދި, އެއީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ އަދަބު ލުއިކޮށްދިނުމުގެ ބާރުގެ ނަހަމަ ބޭނުން ކުރުން ކަމަށް ވެސް ޓްރާންސްޕޭރެންސީން ބުނެފައިވެ އެވެ.

އަދި, މި ނިންމުމުގެ ސަބަބުން އެނގިގެންދަނީ ސިޔާސީ ފަރާތްތަކަށް ކުށް ކުރުމަށް ފަހު ވެސް އެއްވެސް އަދަބެއް ލިބުމެއް ނެތި މިނިވަންކަމާ އެކު އުޅެވޭނެކަން ކަމަށް ވެސް ޓްރާންސްޕޭރެންސީން ބުނެފައިވެ އެވެ.

ޓްރާންސްޕޭރެންސީން ބުނީ ރައީސް އިބްރާހިމް ވެރިކަމަށް ވަޑައިގެންނެވީ ކޮރަޕްޝަނަށް ޒީރޯ ޓޮލެރެންސްގެ ސިޔާސަތާ އެކު ކަމަށާއި ނަމަވެސް މިދިޔަ ފަސް އަހަރުގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރުމުގެ ބަދަލުގައި އެފަދަ އަމަލުތަކަށް ހިތްވަރުދީ އެފަދަ ކަންކަމުގައި އުޅޭ މީހުންނަށް ހިމާޔަތް ދިން މަންޒަރު ފެނިގެން ގޮސްފައިވާ ކަމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ދައުލަތަށް ލިބެންޖެހޭ 1.3 ބިލިއަނަށްވުރެ ގިނަ ރުފިޔާ ވަގަށްނެގިއިރު، ޒިޔަތު ހުންނެވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ. ވައްކަމުގެ މޭސްތިރި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އެއިރު ހުންނެވީ ފަތުރުވެރިކަމާ ބެހޭ މިނިސްޓަރުގެ މަގާމުގަ އެވެ.

ޒިޔަތު މިނިވަން ކުރީ އެމްއެމްޕީއާރްސީގެ ވައްކަމުގެ މައްސަލައިގައި ކުށް ސާބިތުވެ، 20 އަހަރުގެ ޖަލު ހުކުމެއް, ގޭ ބަންދުގައި ހުރެ ތަންފީޒު ކުރަމުން ދަނިކޮށެވެ. އޭނާ މިނިވަންކުރި އިރު, ޒިޔަތުގެ މައްޗަށް އާ ތިން ދައުވާއެއް ކުރަން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޕީޖީ އޮފީހުން ވަނީ ކޯޓަށް ހުށަހަޅާފަ އެވެ.

އެއީ 203 މިލިއަން ރުފިޔާއަކަށް ހިޔާނާތްތެރިވި މައްސަލައަކާއި ހަ މިލިއަން ޑޮލަރަކަށް ހިޔާނާތްވި މައްސަލައަކާއި އެއް މިލިއަން ޑޮލަރަކަށް ހިޔާނާތްތެރިވި މައްސަލައެއް ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ. އެ ތިން ދައުވާގެ އަދަބެއްގެ ގޮތުން ޖުމްލަ 12 އަހަރުގެ ޖަލު ހުކުމެއް ޒިޔަތުގެ މައްޗަށް އިއްވުމަށް ދައުލަތުން އެދެ އެވެ.

އެމްއެމްޕީއާރުސީއަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވިކަމުގެ ކުށް ސާބިތުވުމާއެކު އަދީބު ވެސް ހުރީ 20 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. އެއީ އޭނާ ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމެއްގެ ދަށުންނެވެ. އެ ހުކުމުގައި އޭނާ ތަންފީޒު ކުރެއްވީ ތިން އަހަރާއި އެއް މަސް ދުވަހުގެ މުއްދަތެކެވެ.

އޭގެ ފަހުން ސަރުކާރާއެކު ހެދި ޑީލެއްގެ ދަށުން ގޭ ބަންދަށް ބަދަލުކޮށްފައި ހުންނަތާ އަހަރުތަކެއް ވެއްޖެ އެވެ. އަދީބަށް މައާފު ދީފައިވާއިރު, އޭނާ ވަނީ މީގެ ކުރިން ޓަގު ބޯޓެއްގައި ރާއްޖެއިން ފިލައިގެން ދާން މަސައްކަތް ކޮށްފައެވެ.

މި ލިއުމާއި ގުޅޭ