Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު ރޮޒައިނާ އާދަމް

ފުލެޓު ލިސްޓަށް ރޮޒައިނާ ނުފޫޒު ފޯރުވިކަން އެނގޭ ސްކްރީން ޝޮޓުތަކެއް އާންމުވެއްޖެ

މި ސަރުކާރުން ބިނާކުރަން ފަށާފައިވާ 4،000 ހައުސިން ޔުނިޓުގެ ހައްގުވެރިން ކަނޑައެޅުމުގައި ޕޮއިންޓު ދިނުމުގައި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ނުފޫޒު ފޯރުއްވިކަން ސާބިތުވާނެ ސްކްރީން ޝޮޓެއް ލީކުވެއްޖެއެވެ.

އެމްޑީޕީގެ އަންހެނުންގެ ގޮފީގެ ރައީސްކަންވެސް ކުރައްވާ ރޮޒައިނާއާއި މާލޭގައި އެމްޑީޕީ ހަރަކާތްތަކުގައި އިސްކޮށް އުޅޭ ބައެއް އަންހެނުން ތިބޭ ވަޓްސްއަޕް ގުރޫޕެއްގައި ދެކެވިފައިވާ ވާހަކަތައް ހިމެނޭ ޗެޓު ލޮގެއް އާންމުވެފައިވާއިރު، އެ ޗެޓްލޮގުގައި ދެކެވިފައިވާ ވާހަކަތަކުން ފުލެޓު ލިސްޓުގައި ޕޮއިންޓު ލިބުނު ގޮތާމެދު ހިތްހަމަނުޖެހޭ މީހުންގެ ފަރާތުން އެމީހުންނަށް ޕޮއިންޓު އިތުރުކޮށްދިނުމުގެ މަސައްކަތް ރޮޒައިނާ ކުރައްވާކަން ދޭހަވެއެވެ.

އެގޮތުން އެ ޗެޓުލޮގުގައި އެކަކު ބުނެފައިވަނީ އޭނާގެ ފިރިމީހާ ފުލެޓަށް އެދި ހުށަހެޅި ފޯމުގެ ނަންބަރު ފޮނުވާފައިވާނެ ކަމަށެވެ. ރޮޒައިނާ ޖަވާބުގައި ވިދާޅުވެފައިވަނީ ލިބުނު ކަމަށެވެ. އަދި އިތުރު މީހަކު އެހެން މީހެއްގެ ކަންތައް ބަލައިދިނުމަށާއި، އެމީހާއަށް ފުލެޓު ލިބޭ މިންވަރަށް ޕޮއިންޓު ހަމަނުވާކަމަށް ބުނުމުން، އޭނާ އެދުނު ކަންތައްވެސް ބައްލަވައިދެއްވާކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

މި ސްކްރީން ޝޮޓުތަކަކީ ސައްހަ ސްކްރީން ޝޮޓުތަކެއްކަން އެ ގުރޫޕުގައި އިންނަ އެމްޑީޕީގެ އެކްޓިވިސްޓަކު "ދިޔަރެސް"އަށް ކަށަވަރުކޮށްދީފައިވެއެވެ. އޭނާ ބުނި ގޮތުގައި ރޮޒައިނާ ގާތުގައި ޕޮއިންޓު ހަމނުވާ މީހުން ޝަކުވާކުރުމުން

ފުލެޓު ލިބޭ ފަރާތްތަކުގެ ލިސްޓު އާންމުވުމާއެކު އެމްޑީޕީ މެންބަރުން ތިބޭ ވަޓްސްއަޕް ގުރޫޕުތަކުގައި އެ ފުލެޓު ލިސްޓާމެދު ނުރުހުން ފާޅުކޮށް އެ ޕާޓީގެ އެކްޓިވިސްޓުން ވާހަކަދައްކާފައިވާ ޗެޓްލޮގުތައްވެސް އާންމުވެފައިވެއެވެ. އެ ގުރޫޕުތަކުގައި ރޮޒައިނާވަނީ އެމްޑީޕީގެ ބައެއް މީހުންނަށް ފުލެޓު ނުލިބި ޕީޕީއެމް މީހުންނަށް ފުލެޓު ލިބިފައިވާތީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ފުލެޓު ލިސްޓު އެންމެ ފުރަތަމަ އާންމުކުރިއިރު ޕޮއިންޓު ލިބުނު ގޮތް އެނގޭނެ ގޮތަށް އާންމުނުކުރެއެވެ. ފަހުން ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް ޕޮއިންޓު ލިބޭނެ ގޮތް ފެންނާނެ އިންތިޒާމު ހަމަޖެއްސިއެވެ. އެންމެ ފުރަތަމަ ލިސްޓު އާންމުކުރީ ޝަކުވާ ހުށަހެޅުމަށް ފުރުސަތު ދިނުމަކާ ނުލައެވެ. ނަމަވެސް ފަހުން ޝަކުވާ ހުށަހެޅުމަށް ފުރުސަތު ހުޅުވައިލިއެވެ.

ފުލެޓު ލިސްޓާ ގުޅިގެން ގިނަ ބަޔަކު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މައްސަލަތައް ހުށަހެޅުމާ ގުޅިގެން އެ މައްސަލަތައް ރަނގަޅަށް ބެލުމަށްފަހު، ނޫނީ ފުލެޓު ހަވާލުކުރުމުގެ އެއްވެސް މުއާމަލާތެއް ނުހިންގުމަށް ކޮމިޝަނުން އެންގިއެވެ.

ޝަކުވާ ހުށަހެޅުމުގެ މުހުލަތުގައި 7،000 އަށްވުރެ ގިނަ ޝަކުވާ ލިބިފައިވާކަން މިނިސްޓްރީން ކަށަވަރުކޮށްދިނެވެ. މިނިސްޓްރީން ބައެއް މީޑިއާއަށް މައުލޫމާތު ދިން ގޮތުގައި ހުށަހެޅި ހުރިހާ ޝަކުވާއެއް ބަލައި ދާއިމީ ލިސްޓު ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި އާންމުކުރާނެއެވެ.

މި ލިއުމާއި ގުޅޭ