އިންތިޤާލީ އިންސާފުގެ އޮފީހުގެ އޮމްބަޑްސްޕާސަންގެ މަޤާމުގައި ހުންނެވި ޖިހާދާ އަނީސަށް މަސައްކަތުގެ މާހައުލުގައި ޖިންސީ ގޯނާއާއި، ތަފާތުކުރުމާ ކުރިމަތިވެވަޑައިގެންނެވިކަމަށް ތުހުމަތުކުރެއްވުމާއެކު، މަޤާމުން އިސްތިއުފާދެއްވައިފިއެވެ.
އިސްތިއުފާދެއްވިކަން ހާމަކުރައްވައި އާންމުކުރެއްވި ބަޔާނުގައި ޖިހާދާ ވިދާޅުވީ އޮފީހުގެ މުވައްޒަފަކު މަސްތުގެ ހާލަތުގައި ހުރެ އޭނާއަށް ޖިންސީ ފުރައްސާރަކުރި ކަމަށެވެ. އަދި އެމުވައްޒަފުގެ ފަރާތުން އެކި ބާވަތުގެ އުނދަގޫތަކާއި ތުރާތައް ކުރިމަތިިވެވަޑައިގެންނެވިކަން އޭނާ ފާހަގަކުރެއްވިއެވެ.
މަސައްކަތުގެ މާހައުލުގައި ހުރި ތަފާތުކުރުންތައް ފާހަގަކުރައްވަމުން ޖިހާދާގެ ބަޔާނުގައި ވިދާޅުވެފައިވަނީ އޭނާއަށް މަސައްކަތްކުރަން ލިބިވަޑައިގެންނެވި އެއް އަހަރުގެ ތެރޭގައި 469 މައްސަލައެއް ބަލަން ނިންމިއިރު އެއީ އެކަށީގެންވާ މުއްދަތެއް ނޫން ކަމަށެވެ. އަދި އެހެން އޮމްބަޑްސްޕާސަނުން މަސައްކަތްކުރެއްވީ އިންތިގާލީ އިންސާފުގެ ޤާނޫނުން ނުލިބޭ ލުއިތަކެއްގެ ތެރޭގައިކަމަށްވެސް ޖިހާދާ ތުހުމަތުކުރެއްވިއެވެ.
އޮމްބަސްޕާސަނުގެ އޮފީހުން ޤަވާއިދާ އުސޫލާ ޚިލާފަށް ކުރި ބައެއް ކަންކަން ފާހަގަކުރައްވައި ޖިހާދާ ވިދާޅުވީ މަސައްކަތް ނިމުމަށް ދެ ހަފުތާއެއްހައި ދުވަހަށް ވެފައިވަނިކޮށް، އެ އޮފީހުގެ ޤަވާއިދުތަކާއި އަމަލުކުރާ އުސޫލުތަކާ ޚިލާފަށް ގިނަ މައްސަލަތަކެއް ނިންމުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އިތުރަށް އޭނާ ތުހުމަތުކުރެއްވި ގޮތުގައި ކުރިން ތަހުގީގުކޮށް ނިންމާފައިވާ މައްސަލަތަކުގައި ނިންމާފައިވާ ނިންމުންތައް އެއޮފީހުން ބަދަލުކޮށްފައި އެބަހުއްޓެވެ. އަދި އޮމްބަޑްސްޕާސަނުން ބައިވެރިނުވާ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނެވިކަމަށް ފެންނާނެ ގޮތަށް އެ ބައްދަލުވުންތަކުގެ ޔައުމިއްޔާތައްވެސް ބަދަލުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް މުޙައްމަދު އަމީނުގެ ވެރިކަމުން ފެށިގެން ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގެ ނިޔަލަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ މުއައްސަސާއެއްގެ އިސް މުވައްޒަފެއްގެ ފަރާތުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި އަމަލެއްގެ ސަބަބުން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމަށް އުނިކަމެއް ލިބި ނިގުޅައިގަނެވިފައިވާ މައްސަލަތައް ބެލުމަށް ޤާނޫނުން އުފެއްދި އިންތިޤާލީ އިންސާފުގެ އޮމްބަޑްސް ޕާސަނުގެ އޮފީހުން ވަރަށް ގިނަ މައްސަލަތައް އިންސާފުން ބޭރުން ނިންމާފައިވާކަމަށް އެ މައްސަލަތައް ހުށަހެޅި ބައެއް ފަރާތްތަކުން އަންނަނީ ތުހުމަތުކުރަމުންނެވެ.
އިންތިޤާލީ އިންސާފު ޤާއިމުކުރެއްވުމަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެވަޑައިގެންނެވި މުހިއްމު ވައުދުފުޅެއް ނަމަވެސް އެމަނިކުފާނުގެ ވެރިކަން ނިމުނުއިރު އެވައުދު ފުއްދެވިފައިނުވާކަމާއި، އެ ވައުދު ފުއްދުމުގެ ނަމުގައި ޤާއިމުކުރި އޮފީހަށް ބޮޑެތި ޚަރަދުތަކެއް ކުރި ނަމަވެސް ނަތީޖާ ނުނެރެވުނުކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.
އިންތިޤާލީ އިންސާފުގެ އޮފީސް ޤާއިމުކުރެވިގެން އައީ 2020 ވަނަ އަހަރުގެ ޑިސެންބަރު މަހުގައި އިންތިޤާލީ އިންސާފުގެ ޤާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައި އެ ޤާނޫނަށް އަމަލުކުރަން ފެށުމުންނެވެ.