Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޔާމީން

ރައީސް ޔާމީންގެ މައްސަލައިގައި ދެން އޮންނާނީ ދެފަރާތުގެ ފަހު ބަސް އިއްވުމުގެ މަޖިިލިސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް އިއްވި ޖަލު ހުކުމްތަކުގެ އިސްތިއުނާފު މައްސަލާގައި ދެން އޮންނާނީ މި މައްސަލާގައި ފަހު ބަސް އިއްވުން ކަމަށް ހައި ކޯޓުން މިއަދު ބުނެފިއެވެ.

ރައީސް ޔާމީނާއި ޔޫސުފް ނައީމްގެ މައްޗަށް ހުކުމް އިއްވީ، ރައީސް ޔާމީންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގަ އެވެ.

ރައީސް ޔާމީން 1.1 މިލިއަން ޑޮލަރުގެ ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑަކުރެއްވި ކަމުގެ ތުހުމަތު މިސަރުކާރުން އެމަނިކުފާނުގެ މައްޗަށް ކުރިއެވެ. ސަރުކާރުން ކޯޓުތަކަށް އަތް ބާނަމުން ގެންދާ ކަމުގެ ތުހުމަތު ކޮށްފައި ވަނިކޮށް ދައުވާތައް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު 11 އަހަރުގެ ޖަލުހުކުމެއް ކޮށް ފަސް މިލިއަން ޑޮލަރު ދައުލަތަށް ދޭން ޖެހޭ ކަމަށް ނިންމިއެވެ.

އަދި މި މައްސަލާގައި ދެން ހިމެނޭ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އެވެ. އޭނާ ތިން އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ.

މި މައްސަލަ މި ދެބޭފުޅުންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، އިސްތިއުނާފުގެ ޝަރީއަތުގައި މިދިޔަ ދެ ދުވަހު ވެސް ކުރިޔަށް ދިޔައީ ދަށު ކޯޓުގައި ޝަރީއަތް ހިނގައިދިޔަ ގޮތް ސާފު ކުރުމުގެ ގޮތުން ހައި ކޯޓުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ސުވާލުތައް ކުރުމާއި މައްސަލައިގެ ހަސްމުން އެ ސުވާލުތަކަށް ޖަވާބު ދިނުމެވެ.

މިއަދުގެ އަޑުއެހުން ނިންމާލައްވަމުން ފަނޑިޔާރުންގެ ބެންޗުން އަންގާފައި ވަނީ ދެން އޮންނާނީ އިސްތިއުނާފުގެ ކޮންމެ ގަޒިއްޔާއަކަށް ކޮންމެ ހަސްމަކަށް ފަހު ބަސް ބުނަން ފުރުސަތު ދިނުން ކަމަށެވެ.

އެގޮތުން ގާޒީ ވިދާޅުވީ ކޮންމެ ހަސްމަކަށް 30 މިނެޓުގެ ފުރުސަތެއް ދެއްވާނެ ކަމަށެވެ. އަދި މަނީ ލޯންޑަރިންގެ ގަޒިއްޔާއަށް ކޮންމެ ހަސްމަކަށް އެއް ގަޑިއިރުގެ ފުރުސަތެއް ދެއްވާނެ ކަމަށެވެ.

ޔާމީނަކީ ޕީޕީއެމް/ޕީއެންސީގެ އެންމެ އިސް ލީޑަރެވެ. ފުރަތަމަ ރިޔާސީ އިންތިހާބުގައި ވާދަކުރަން އެ އިއްތިހާދުގެ ޓިކެޓު އެރުވީ ވެސް ޔާމީނަށެވެ. ރައީސް ޔާމީން އަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުނީ ހައިކޯޓުގައި އޮތް އިސްތިއުނާފު މައްސަލަ ދިގުލައިގެން ދިއުމުގެ ސަބަބުންނެވެ.

މި ލިއުމާއި ގުޅޭ