ރައްޔިތުންގެ މަޖިލީހުގެ ކަންކަމުގެ ތެރެއަށް ބަންޑާރަނައިބު އިބްރާހީމް ރިފްއަތު ވަދެވަޑައިގަތުމަކީ ދައުލަތުގެ އެއް ބާރުން އަނެއް ބާރުގެ ތެރެއަށް ވަދެ ބަޣާވާތްކުރުންކަމަށް ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މަޖިލީހުގެ ރައީސްކަމުން ރައީސް މުޙައްމަދު ނަޝީދު ވަކިކުރުމަށް ހުށަހަޅާފައިވާ ޤަރާރު ޤަވާއިދާ ޚިލާފުކަމަށް ބުނެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި ނިޒާމީ ނުކުތާއެއްގެ މައްޗަށް ބިނާކުރައްވައި އެ ޤަރާރު ބޭރުކޮށްލެއްވުމަށް މަޖިލީހުގެ ރިޔާސަތުގައި އިންނެވި ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ނިންމެވި ނިންމެވުމާ ގުޅިގެން ބަންޑާރަނައިބުގެ ލަފައެއް ހޯދުމަށް ނިންމީ މަޖިލީހުގެ އާންމު ކޮމިޓީންނެވެ.
އެ ނިންމެވުމާ ގުޅިގެން ބަންޑާރަނައިބު މަޖިލީހަށް ދެއްވި ލަފައެއްގައި ވިދާޅުވީ އެ މައްސަލަ ބޭރުކޮށްލާފައިވަނީ މަޖިލީހުގެ ޤަވާއިދާ ޚިލާފަށް ކަމަށެވެ. އޭގެ އިތުރަށް މަސްލަހަތު ފުށުއަރާތީކަމަށް ވިދާޅުވެ، ދަ ޑިމޮކްރެޓްސްގެ އެއްވެސް މެންބަރަކަށް ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ ހިނގާ ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓެވޭނެކަމަށްވެސް ބަންޑާރަނައިބު ލަފާދެއްވިއެވެ.
އެ ލަފައާމެދު ގޮތެއް ނިންމުމަށް ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުމުގައި އިލްޔާސް ވިދާޅުވީ އިހަކަށް ދުވަހު ފިނޭންސް މިނިސްޓަރު ބަޖެޓު ހުށަހަޅުއްވަން ވަޑައިގަތުމާމެދު، ބަންޑާރަނައިބު ދެއްވި ލަފައަކީ ޤާނޫނާ ޚިލާފު ލަފައެއްކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށެވެ.
އަދި ރާއްޖޭގައި އޮތީ ތިން ބާރު ވަކިވެފައި އޮތް ވެރިކަމުގެ ނިޒާމެއްކަން ފާހަގަކުރައްވައި އިލްޔާސް ވިދާޅުވީ މަޖިލީހުގެ ކަންކަމުގެ ތެރެއަށް ބަންޑާރަނައިބު ވަދެވަޑައިގެން މަޖިލީހުގެ ކަންކަން ހިންގަންވީ ގޮތް ވިދާޅުވެދެއްވުމަކީ އެ ނިޒާމާ މުޅިން ޚިލާފަށް އެއް ބާރުން އަނެއް ބާރުގެ މަސައްކަތަށް އަތްބާނައި ނުފޫޒު ފޯރުވުން ކަމަށެވެ.
"ތިން ދުވަސް ފަހުން މަޤާމުން ބޭރުވާ ބަންޑާރަނައިބު، ދައުލަތުގެ އެއް ބާރަށް ނުފޫޒު ފޯރުވުމަށް ލަފައެކޭ ކިޔާފައި ފޮނުވާފައި އޮތް ލިޔުމަކީ މިތަނަށް ބަލައިގަނެވޭނެ ކަމެއް ނޫން. އަދި މިކޮމިޓީގައި އެޖެންޑާ ކުރެވޭނެވެސް ކަމެއް ނޫން. މަޖިލިސް ހިންގާނެ ގޮތް އެޓާނީ ޖެނެރަލަށް ގޮތް ނުކިޔޭނެ،" އިލްޔާސް ވިދާޅުވިއެވެ.
އިލްޔާސް އިތުރަށް ވިދާޅުވީ އެޓާނީ ޖެނެރަލް އޮފީހުގެ ވަކީލުން ތިއްބެވީ ރިޔާސީ އިންތިޚާބު ނިމުނު ފަހުން އިހުތިޖާޖުގައި ކަމަށެވެ. އެއީ އިންތިޚާބު ނިމުނުފަހުން ޤާނޫނުއަސާސީއާއި ޤާނޫނާ ޚިލާފަށް ނިންމަވާ ނިންމެވުންތަކާ ގުޅިގެންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އެ ހާލަތުގައި ހުރި ބޭފުޅަކު ދައުލަތުގެ އެއް ބާރަށް ނުފޫޒު ފޯރުވަނީ. މިއީ އެތައް ޒަމާނަކަށް ދެމިގެންދާ ގޮތަށް ދައުލަތުގެ އިންތިޒާމުތައް ޚަރާބުކޮށްލުން. މިގޮތަކަށް މިކަމެއް ނުކުރެވޭނެ،" އިލްޔާސް ވިދާޅުވިއެވެ.
މިފަދައިން އިލްޔާސް ވިދާޅުވި ނަމަވެސް މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ފާސްކުރީ ބަންޑާރަނައިބުގެ ލަފާގައިވާ ގޮތުގެ މަތިން މަޖިލީހުގެ ޖަލްސާތައް ކުރިއަށްގެންދަން މަޖިލީހުގެ އިދާރާއަށް އެންގުމަށެވެ.
ބަންޑާރަނައިބު ލަފާދެއްވީ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލަ މަޖިލީހުގެ ރިޔާސަތުން އިއްޔެ ބޭރުކުރީ ގޯސްކޮށްކަމަށާާއި، ރައީސް ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށްގެންދާއިރު އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސްގެ އެއްވެސް މެންބަރަކަށް ރިޔާސަތު ހަވާލުނުކުރުމަށެވެ.