Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޔާމީން

ޑރ. މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް، ރައީސް ޔާމީނަށް ވަޑައިނުގެންނެވޭ

ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކަރެކްޝަންސް އިން ދީފައިވާ ލުއިތަކުގެ ތެރެއިން، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާ ކުރައްވާ ރަސްމިއްޔާތަށް ވަޑައިގަތުމުގެ ހުއްދަ އެމަނިކުފާނަށް ނެތްކަން އެނގިއްޖެ އެވެ.
ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރެއްވުމަށް މާފުށީ ޖަލުގައި ގިނަ ދުވަސްތަކެއް ހުންނެވުމަށްފަހު، މިދިޔަ މަހު ރައީސް ޔާމީން ގޭ ބަންދަށް ބަދަލުކުރީ ނިމިދިޔަ ރިޔާސީ އިންތިހާބު އެމަނިކުފާނު ތާއީދުކުރެއްވި ކެންޑިޑޭޓު ޑރ. މުއިއްޒު ކާމިޔާބު ކުރެއްވުމާ ގުޅިގެންނެވެ. އަދި އެއަށްފަހު އޮކްޓޯބަރު 28 ގައި ރައީސް ޔާމީން ރަށު ބަންދަން ބަދަލުކުރަން ނިންމި އެވެ.
އެހެންވެ، މި މަހު 17 ގައި ބާއްވާ އިންތިހާބީ ރައީސާއި ނައިބު ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ކުރީގެ ހުރިހާ ރައީސުންނަށް ދެއްވާ ދައުވަތުގެ ތެރެއިން، ރައީސް ޔާމީނަށް ދައުވަތު ދެއްވަން މަޖިލީހުގެ އިދާރާއިން ވަނީ ނިންމާފަ އެވެ.
ނަމަވެސް ކަރެކްޝަންސް އިން ބުނި ގޮތުގައި ރައީސް ޔާމީނަށް ދީފައިވާ ލުއިތަކުގެ ތެރޭގައި ހަފުލާތަކަށް ވަޑައިގަތުމާއި އެއްވުންތަކުގައި ބައިވެރިވުން ފަދަ ކަންކަން ނުހިމެނެ އެވެ. އެމަނިކުފާނަށް ދީފައިވާ ލުއިތަކުގެ ތެރޭގައި ހިމެނެނީ ކަރެކްޝަންގެ ހުއްދައާ ނުލައި ޑޮކްޓަރަށް ދެއްކުމާއި ކަސްރަތު ކުރަން ދިޔުމާއި ހާއްސަ މީހުންނާ ބައްދަލުކުރުމެވެ.
އެކަމަކު ރަށު ބަންދަށް ބަދަލުކުރެއްވި ފަހުން ރައީސް ޔާމީން ވަނީ ޕީޕީއެމް އޮފީހުގައި އޮތް ދެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ވެސް ދައްކަވާފަ އެވެ. އެކަމާ ގުޅިގެން ކަރެކްޝަންސް އިން ވަނީ ޝަރުތުތަކާ ހިލާފުވާނަމަ އިގުރާރު އުވާލާނެ ކަމުގެ އިންޒާރު ދީފަ އެވެ.
އެގޮތުން ރައީސް ޔާމީން ބަދަލުކުރީ ރަށު ބަންދަށް ނޫން ކަމަށާއި އެމަނިކުފާނަށް ދިން ލުޔަކީ ޑޮކްޓަރަށް ދެއްކުމަށް ދިން ލުޔެއް ކަމަށް ކަރެކްޝަންސް އިން މީގެ ކުރިންވެސް ވަނީ ބުނެފަ އެވެ.
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް (ސެމްބެ) މަގާމުގެ ހުވާ ކުރައްވާނީ ނޮވެމްބަރު 17 ވަނަ ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގަ އެވެ. އެ ރަސްމިއްޔާތަށް ރާއްޖެއިން ބޭރު، އަވަށްޓެރި ގައުމުތަކުގެ މެހެމާނުންނާއި ބައިނަލްއަގްވާމީ މީޑިއާއާއި، ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާއި މަންދޫބުން ހިމެނިވަޑައިގަންނަވާ ގޮތަށް 3،500 މީހުންނަށް ދައުވަތު ދޭނެ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ވަނީ ބުނެފަ އެވެ.
މި ލިއުމާއި ގުޅޭ