Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދައުލަތުގެ ރިޒާވް

އޮކްޓޯބަރުގެ ނިޔަލަށް ދައުލަތުގެ ރިޒާވްގައި ބާކީ ހުރީ 91 މިލިއަން ޑޮލަރު!

ދައުލަތުގެ ރިޒާވްގައި ބޭނުން ކުރެވޭ ގޮތަށް ހުރި ބޭރު ފައިސާގެ އަދަދު 91 މިލިއަން ޑޮލަރަށް ވެއްޓިއްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި އޮކްޓޯބަރު މަހުގެ ނިޔަލަށް ޖުމްލަ ރިޒާވްގައި ހުރީ 552 މިލިއަން ޑޮލަރެވެ. އޭގެ ތެެރެއިން ބޭނުން ކުރެވޭ ގޮތަށް ހުރީ 91 މިލިއަން ޑޮލަރެވެ. މިއީ ގާތްގަނޑަކަށް 1 މަސް ދުވަހުގެ އިމްޕޯޓަށް ބޭނުން ކުރެވޭހާ މަދު ފައިސާކޮޅެކެވެ.

އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު މިމަހުގެ 17 ވަނަ ދުވަހު ރާއްޖޭގެ ރައީސް ކަމާއި ހަވާލުވެވަޑައިގަންނަވާއިރު, މިހާރު ނިމެމުންދާ ސަރުކާރުން ރިޒާވްގެ ބޮޑުބައި ހުސްކޮށްލާނެ ކަމުގެ ބިރު އެބައޮތް ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. މިގޮތުން މީގެ ކުރިން ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވަނީ މިހާރުގެ ސަރުކާރުން ބޭނުން ކުރެވޭ ރިޒާވް 30 މިލިއަން ޑޮލަރަށް ވައްޓާލާނެ ކަމަށް ތުހުމަތު ކުރައްވާފައެެވެ.

ބޭނުން ކުރެވޭ ރިޒާވް އެންމެ ބޮޑަށް ދަށަށް ގޮސްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އޮކްޓޯބަރު ނިމުނު އިރު ރިޒާވްގައި ބޭނުން ކުރެވޭގޮތަށް ހުރީ 105 މިލިއަން ޑޮލަރެވެ. އެހެންވެ ސަރުކާރުން ވަނީ ނޮވެމްބަރު މަސްތެރޭ އިންޑިއާގެ މަރުކަޒީ ބޭންކުން ލޯނެއް ނަގާފައެވެ. އަދި ރާއްޖޭގައި ހުންނަ އިންޑިއާގެ ސްޓޭޓް ބޭންކަށް ބޮންޑެއް ވިއްކައިގެން ވެސް ފައިސާ ހޯދިއެވެ.

އެހެންވެ ނޮވެމްބަރު މަސް ނިމުނުއިރު ރިޒާވް ވަނީ 219 މިލިއަން ޑޮލަރަށް އަރާފައެވެ. އަދި ރާޢްޖޭގެ ފަތުރުވެރިކަމުގެ ޕީކް މަސް ކަމަށްވާ ޑިސެމްބަރު މަސް ނިމުނު އިރު ބޭނުން ކުރެވޭ ރިޒާވްގައި 267 މިލިއަން ޑޮލަރު ހުއްޓެވެ. އެހެން ނަމަވެސް ދެން އެއަށްފަހު ކޮންމެ މަހަކުވެސް ރިޒާވްގެ މިންވަރު ދިޔައީ ދަށަށެވެ.

ދައުލަތުގެ ރިޒާވް ބިރުވެރި މިންވަރަކަށް ދަށަށް ދިޔަނަމަވެސް ސަރުކާރުން ބުނާ ގޮތުން ރާއްޖޭގެ އިޤްތިސާދީ ހާލަތު ވަރަށް ރަނގަޅެވެ. އަދި ސަރުކާރުން ދަނީ އެކިއެކި ކަންކަމަށް ބޮޑެތި ހަރަދުތައް ކުރަމުންނެވެ. އެ ކަންކަމަށް ފައިސާ ހަމަޖައްސަނީ ފައިސާ ޗާޕުކޮށްގެންނެވެ. ސަރުކާރުން ހުއްޓުމެއްނެތި ފައިސާ ޗާޕުކުރަމުންދާތީ، ފައިސާގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަށް އެމްއެމްއޭގެ ރިޒާވުގައި ހުންނަ ޑޮލަރު ބޭނުން ކުރަންޖެހެއެވެ. ރިޒާވް ދަށަށް ދަށްދާ ސަބަބުތަކުގެ ތެރޭގައި އެކަން ހިމެނެއެވެ.

މި ލިއުމާއި ގުޅޭ