ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ރައީސް މުޙައްމަދު ނަޝީދު ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށްގެންދާނެ ގޮތެއް ހޯދުމަށް ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ ލަފައެއް ހޯދުމަށް މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފިއެވެ.
މިއަދު އޮތް މަޖިލީހުގެ ޖަލްސާއަށް ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅުމުން އެ މައްސަލަ ހުށަހެޅި ޤަރާރު އޮތީ މަޖިލީހުގެ ޤަވާއިދާ ޚިލާފަށް ކަމަށް އެވަގުތު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އިންނެވި ހަސަން އަފީފު ނިންމަވައި އަލުން މައްސަލަ ހުށަހަޅަން އަންގަވައި މަޖިލިސް ނިންމަވައިލެއްވިއެވެ.
އޭގެ ފަހުން ދެވަނަ ޖަލްސާއެއް ތާވަލުކޮށް އެ ޖަލްސާއަށް ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ އެޖެންޑާކުރި ނަމަވެސް އެ ޖަލްސާގެ ރިޔާސަތާ ހަވާލުވެވަޑައިގެންނެވި މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ ނިންމެވީ ފުރަތަމަ ޖަލްސާގައި އެ މައްސަލަ ބޭރުކޮށްލާފައިވާތީ އިތުރު ޖަލްސާއަކަށް އެޖެންޑާކުރެވޭނެ ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ.
އެކަމާ ގުޅިގެން މަޖިލިސް ހުއްޓިފައިވާކަމަށް ވިދާޅުވެ ބަންޑާރަނައިބުގެ ލަފައެއް އެ މައްސަލަ ކުރިއަށްގެންދާނެ ގޮތަކާމެދު ހޯދުމަށް ހުށަހެޅުއްވީ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިނެވެ.
އެ މައްސަލަ ހުށަހަޅުއްވަމުން މެންބަރު ރަޝީދު ވިދާޅުވީ މިހާރު އެ މައްސަލަ މަޑުޖެހިފައި އޮތުމުން ދެން އެ މައްސަލަ ކުރިއަށްގެންދާނެ ގޮތަކާމެދު ބަންޑާރަނައިބުގެ ލަފައެއް ހޯދަންޖެހިފައިވާ ކަމަށެވެ. އަދި ބޭނުމަކީ އެ މައްސަލަ ކުރިއަށްގެންދިއުމުގައި މަޖިލީހުގެ އަމީންއާންމަަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން އެ ހުށަހެޅުން ފާސްކޮށްފައިވާއިރު، ސުލޫކު ކޮމިޓީންވަނީ މެންބަރު އަފީފާއި އީވާ މަޖިލީހުގެ އިމްތިޔާޒަށް އަރާވަޑައިގެންފައިވާކަމަށް ނިންމާފައެވެ.
މަޖިލީހުގެ ސުލޫކަށް އެ ދެ މެންބަރުން އަރާވަޑައިގެންފައިވާކަމަށް ނިންމުމާއެކު، ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށްގެންދާ އެއްވެސް ޖަލްސާއެއްގައި ޑިމޮކްރެޓްސްގެ މެންބަރުންނަށް ރިޔާސަތު ނުބެލެހެއްޓެވޭނެ ގޮތަށް އިންތިޒާމު ހަމަޖައްސަން ކޮމިޓީން މަޖިލީހުގެ އިދާރާއަށް ލަފާއަރުވާފައިވެއެވެ.