މިއަދުވެސް އިތުރަށް ސާފުވެ ހާމަވެގެންދިޔައީ އެމްޑީޕީ ހިންގުމާ ހަވާލުވެވަޑައިގެން ތިއްބެވި ބޭފުޅުންގެ ފެންވަރު ނެތްކަންކަމަށް ރައްޔިތުންގެ މަޖިލީހުގެ އުގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ވައްޑެ އިޝާރާތްކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުން ރައީސް މުޙައްމަދު ނަޝީދު ވަކިކުރުމަށް އެމްޑީޕީން ހުށަހެޅި މައްސަލަ ދެބުރެއްގެ މަތިން މަޖިލީހުން ބޭރުކޮށްލި މައްސަލައަށެވެ.
މިއަދު ހެނދުނު ބޭއްވި ޖަލްސާގެ ރިޔާސަތުގައި އިންނެވީ ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފެވެ. ޑިމޮކްރެޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ އަފީފު އިތުބާރުނެތްކަމުގެ މައްސަލައިގެ ޤަރާރު އެޖެންޑާގައި ހިމެނޭކަން އިއުލާނުކުރެއްވުމާއެކު، އެޕާޓީގެ ޕީޖީ ލީޑަރު އަލީ އާޒިމު ނިޒާމީ ނުކުތާއެއް ނަންގަވައި ޤަރާރު އޮތީ މަޖިލީހުގެ ޤަވާއިދާ ޚިލާފަށް ކަމުގައި ވިދާޅުވިއެވެ.
އެގޮތުން އޭނާ ފާހަގަކުރެއްވި ޤަރާރުގައި ހުރުން ލާޒިމުވާ ސިފަތަކުގެ ތެރެއިން ޤަރާރު ހުށަހަޅާ ސަބަބު ބަޔާންކުރާ ދީބާޖާ މި ޤަރާރުގައި ނެތް ކަމަށެވެ.
އެ ނުކުތާއާމެދު އެމްޑީޕީން ވަރަށް ބޮޑަށް އިއުތިރާޒުކުރިއެވެ. އެމްޑީޕީގެ މެންބަރުން ވިދާޅުވީ ޤަރާރު ހުށަހަޅާފައިވަނީ ކުރިންވެސް އެބާވަތުގެ ޤަރާރުތައް މަޖިލީހަށް ހުށަހަޅާ ގޮތަށްކަމަށެވެ. އަދި ބައެއް މެންބަރުންވަނީ އަފީފަކީ މި މައްސަލާގައި މަސްލަހަތު ފުށުއަރާ ބޭފުޅެއްކަމަށްވާތީ ރިޔާސަތު ނުއިންނެވޭނެ ކަމުގައިވެސް ވިދާޅުވެފައެވެ.
ނިޒާމީ ނުކުތާތަކުގެ ތެރެއިން ކުރެވުނު ބަހުސްތަކަށްފަހު އަފީފު ވިދާޅުވީ މަޖިލީހުން ކުރިން ކަންކުރަމުން އައި ގޮތަށް ސުޕްރީމް ކޯޓުގެ ނިންމުމާއެކު ބަދަލު އައިސްފައިވާ ކަމަށެވެ. މިހާރު މަޖިލީހުގެ ޤަވާއިދު ކިޔަންޖެހެނީ އެކީގައި ކަމަށާއި، އެނޫން ގޮތަކަށް މަޖިލީހުގައި މިހާރު އަމަލުނުކުރެވޭނެ ކަމަށެވެ.
"އެހެންވެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށަހެޅި ނިޒާމީ މައްސަލަ އަޅުގަނޑު ބަލައިގެންފިން. މި ގަރާރު މި އޮތީ މަޖިލީހުގެ ގަވައިދާ އެއްގޮތަކަށް ނޫން ހުށަހެޅިފަ. އެހެންވީމަ އަލުން މި މައްސަލަ ހުށަހަޅުއްވަން މި މައްސަލަ ނިންމަން. މި މައްސަލަ މިހާރު މި ނިމުނީ،" އަފީފު ވިދާޅުވިއެވެ.
މައްސަލަ އަފީފު ބޭރުކޮށްލައްވާފައިވަނިކޮށް މެންދުރުކުރިން 11:30 އަށް އަނެއްކާވެސް މަޖިލީހުގެ ޖަލްސާއެއް ތާވަލުކުރިއެވެ. އެޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ރާވާފައި އޮތީ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފުކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް ޖަލްސާ ފެށުމުގެ ކުރިން ޑެންގޫގެ އާލާސްކަންފުޅާ މަޖިލީހަށް ވަޑައިނުގެން ހުންނެވި މަޖިލީހުގެ ނައިބުރައީސް އީވާ ޢަބްދުﷲ މަޖިލީހަށް ވަޑައިގެން ރިޔާސަތާ ހަވާލުވެވަޑައިގަތެވެ.
އީވާ ރިޔާސަތާ ހަވާލުވެވަޑައިގެން އެޖެންޑާ އިއުލާނުކުރެއްވުމަށްފަހު ވިދާޅުވީ މަޖިލީހުގެ އެ ޖަލްސާއަށް ހުށަހަޅާފައިވާ އިތުބާރުނެތްކަމުގެ މައްސަލައަކީ ޤަވާއިދާ ޚިލާފަށް އޮތް ޤަރާރެއްކަމަށް ނިންމައި މަޖިލީހުގެ ރިޔާސަތު ބޭރުކޮށްފައިވާތީ އެ މައްސަލަ ކުރިއަށްނުގެންދެވޭނެ ކަމަށެވެ.
އެ މައްސަލާގައި ކަން ހިނގާފައިވާ ގޮތަށް އިޝާރާތްކުރައްވައި ވައްޑެ ވިދާޅުވީ އެއް ދުވަހު އެމްޑީޕީން ޤަރާރު ހުށަހަޅާނެ ކަމަށެވެ. އަދި ޖެހިގެން އަންނަ ދުވަހުގައި އެ ޤަރާރު އަނބުރާ ގެންދާނެ ކަމަށެވެ. މިފަދައިން އޭނާ ވިދާޅުވީ ޖޫން މަހުގައި ރައީސް ނަޝީދުގެ އިތުބާރުނެތްކަމަށް ހުށަހެޅި މައްސަލަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށްފަހު އަނބުރާ ގެންގޮސްފައި، އަލުން އެ މައްސަލަ ހުށަހެޅި ހުށަހެޅުމަށް އިޝާރާތްކުރައްވައެވެ.
އިތުރަށް ވައްޑެ ވިދާޅުވީ ޤަރާރު ހުށަހަޅައި، އަނބުރައި ގެންގޮސް އަލުން ހުށަހަޅައި ހަދާއިރު ޤަރާރެއް އޮންނަންޖެހޭނެ ގޮތަށްވެސް އެބޭފުޅުން ބައްލަވައިނުލައްވާ ކަމަށެވެ. އެކަމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މުލިއާގެއިން ނިކުމެވަޑައިގަންނަވަންޖެހިވަޑައިގަތުމުން އުޅުއްވޭ ހިތްދަތި ގޮތެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.