Wednesday 14th May 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

ނަޝީދު ވަކިކުރުމުގެ ޤަރާރު ދެ ބުރަށް ބޭރުކޮށްލުމާއެކު، ރައީސް އިބްރާހީމް އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ރައީސް މުޙައްމަދު ނަޝީދު ވަކިކުރުމަށް އެމްޑީޕީން ހުށަހެޅި ޤަރާރުގެ މައްސަލަ ދެބުރަށް މަޖިލީހުގެ ރިޔާސަތުން ބޭރުކޮށްލާފައިވަނިކޮށް، އެމްޑީޕީގެ މަޖިލިސް މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބައްދަލުކުރައްވަން ނިންމަވައިފިއެވެ.

މިއަދު ހެނދުނު ބޭއްވި ޖަލްސާގެ ރިޔާސަތުގައި އިންނެވީ ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފެވެ. ޑިމޮކްރެޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ އަފީފު އިތުބާރުނެތްކަމުގެ މައްސަލައިގެ ޤަރާރު އެޖެންޑާގައި ހިމެނޭކަން އިއުލާނުކުރެއްވުމާއެކު، އެޕާޓީގެ ޕީޖީ ލީޑަރު އަލީ އާޒިމު ނިޒާމީ ނުކުތާއެއް ނަންގަވައި ޤަރާރު އޮތީ މަޖިލީހުގެ ޤަވާއިދާ ޚިލާފަށް ކަމުގައި ވިދާޅުވިއެވެ.

އެގޮތުން އޭނާ ފާހަގަކުރެއްވި ޤަރާރުގައި ހުރުން ލާޒިމުވާ ސިފަތަކުގެ ތެރެއިން ޤަރާރު ހުށަހަޅާ ސަބަބު ބަޔާންކުރާ ދީބާޖާ މި ޤަރާރުގައި ނެތް ކަމަށެވެ.

އެ ނުކުތާއާމެދު އެމްޑީޕީން ވަރަށް ބޮޑަށް އިއުތިރާޒުކުރިއެވެ. އެމްޑީޕީގެ މެންބަރުން ވިދާޅުވީ ޤަރާރު ހުށަހަޅާފައިވަނީ ކުރިންވެސް އެބާވަތުގެ ޤަރާރުތައް މަޖިލީހަށް ހުށަހަޅާ ގޮތަށްކަމަށެވެ. އަދި ބައެއް މެންބަރުންވަނީ އަފީފަކީ މި މައްސަލާގައި މަސްލަހަތު ފުށުއަރާ ބޭފުޅެއްކަމަށްވާތީ ރިޔާސަތު ނުއިންނެވޭނެ ކަމުގައިވެސް ވިދާޅުވެފައެވެ.

ނިޒާމީ ނުކުތާތަކުގެ ތެރެއިން ކުރެވުނު ބަހުސްތަކަށްފަހު އަފީފު ވިދާޅުވީ މަޖިލީހުން ކުރިން ކަންކުރަމުން އައި ގޮތަށް ސުޕްރީމް ކޯޓުގެ ނިންމުމާއެކު ބަދަލު އައިސްފައިވާ ކަމަށެވެ. މިހާރު މަޖިލީހުގެ ޤަވާއިދު ކިޔަންޖެހެނީ އެކީގައި ކަމަށާއި، އެނޫން ގޮތަކަށް މަޖިލީހުގައި މިހާރު އަމަލުނުކުރެވޭނެ ކަމަށެވެ.

"އެހެންވެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށަހެޅި ނިޒާމީ މައްސަލަ އަޅުގަނޑު ބަލައިގެންފިން. މި ގަރާރު މި އޮތީ މަޖިލީހުގެ ގަވައިދާ އެއްގޮތަކަށް ނޫން ހުށަހެޅިފަ. އެހެންވީމަ އަލުން މި މައްސަލަ ހުށަހަޅުއްވަން މި މައްސަލަ ނިންމަން. މި މައްސަލަ މިހާރު މި ނިމުނީ،" އަފީފު ވިދާޅުވިއެވެ.

މައްސަލަ އަފީފު ބޭރުކޮށްލައްވާފައިވަނިކޮށް މެންދުރުކުރިން 11:30 އަށް އަނެއްކާވެސް މަޖިލީހުގެ ޖަލްސާއެއް ތާވަލުކުރިއެވެ. އެޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ރާވާފައި އޮތީ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފުކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް ޖަލްސާ ފެށުމުގެ ކުރިން ޑެންގޫގެ އާލާސްކަންފުޅާ މަޖިލީހަށް ވަޑައިނުގެން ހުންނެވި މަޖިލީހުގެ ނައިބުރައީސް އީވާ ޢަބްދުﷲ މަޖިލީހަށް ވަޑައިގެން ރިޔާސަތާ ހަވާލުވެވަޑައިގަތެވެ.

އީވާ ރިޔާސަތާ ހަވާލުވެވަޑައިގެން އެޖެންޑާ އިއުލާނުކުރެއްވުމަށްފަހު ވިދާޅުވީ މަޖިލީހުގެ އެ ޖަލްސާއަށް ހުށަހަޅާފައިވާ އިތުބާރުނެތްކަމުގެ މައްސަލައަކީ ޤަވާއިދާ ޚިލާފަށް އޮތް ޤަރާރެއްކަމަށް ނިންމައި މަޖިލީހުގެ ރިޔާސަތު ބޭރުކޮށްފައިވާތީ އެ މައްސަލަ ކުރިއަށްނުގެންދެވޭނެ ކަމަށެވެ.

މިއަދު މެންދުރުފަހު 3:00 ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މަޖިލީހުގެ މެންބަރުންނާ ބައްދަލުކުރައްވަން ބޭނުންފުޅުވާކަމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ވަޓްސްއަޕް ގުރޫޕަށް މެސެޖުކޮށްފައިވެއެވެ. އަދި ފަހުން ބައްދަލުވުމުގެ ވަގުތު ބަދަލުކޮށްފައިވަނީ މެންދުރުކުރިން 11:30 އަށެވެ.

މި ލިއުމާއި ގުޅޭ