Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ ފައްޔާޒް

އަފީފުގެ ފަރާތުން ފެނިގެން ދިޔައީ ފިނޑި އަމަލެއް ކަމަށް ވިދާޅުވެ ފައްޔާޒު ނުރުހުން ފާޅުކޮށްފި

މިއަދު ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފުގެ ފަރާތުން ފެނިގެން ދިޔައީ ފިނޑި އަމަލެއް ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ނުރުހުންފާޅުކުރައްވައި ފާޑުވިދާޅުވެއްޖެއެވެ.

ފައްޔާޒު މިހެން ވިދާޅުވެފައިވަނީ މިއަދު އެކްސްއަށް ކުރެއްވި ޕޯސްޓެއްގައެވެ. ފައްޔާޒު ވިދާޅުވެފައިވަނީ، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ފިއްލަވަންވެގެން އަފީފް މިއަދުގެ މަޖިލީހުގައި ދެއްކެވީ ފިނޑި އަމަލުތަކެއް ކަމުގައެވެ. އަދި، މިއަކީ ރާއްޖޭގެ ޕާލިމެންޓަރީ ޑިމޮކްރަސީއަށް ފެނިގެންދިޔަ އަދިރި، ލަދުވެތި ދުވަހެއް ކަމުގައެވެ. އަދި ރައީސް ނަޝީދު ވޯޓާއި ކުރިމަތިލައްވަން ޖެހޭކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު އެކްސްއަށް ކޮށްފައިވާ ޕޯސްޓު

އިތުރަށް ފައްޔާޒު ވިދާޅުވީ މަޖިލީހުގެ ކުރީގެ ރައީސް ޢަބްދުﷲ މަސީހު ހިންގަވާފައިވާ ނުރަނގަޅު އަމަލުތައް މިއަދު މަޖިލީހުގައި އަފީފު ހިންގެވި ލަދުވެތި ފިނޑި އަމަލުތަކާ އަޅާބަލާއިރު މާ ކުޑަ ކަމަށެވެ. އަދި ރައީސް ނަޝީދަށް ފައްޔާޒު ގޮވައިލެއްވީ އިތުބާރުނެތްކަމުގެ ވޯޓަށް ނުފިއްލަވައި އެވޯޓާ ކުރިމަތިލެއްވުމަށެވެ.

މިއަދުގެ މަޖިލީހުގައި، މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ ޑިމޮކްރެޓްސްގެ މެންބަރު އަލީ އާޒިމް ވިދާޅުވެފައިވަނީ ހުށަހެޅިފައިވާ ގަރާރަކީ ގަވާއިދާ ހިލާފު ގަރާރެއް ކަމުގައެވެ. އާޒިމް ވިދާޅުވީ ޤަރާރުގައި ހުރުން މަޖިލީހުގެ ޤަވާއިދުން ލާޒިމުކުރާ ސިފައެއް ޤަރާރުގައި ނެތްކަމަށެވެ. އެއަށްފަހު މަޖިލީހުގައި އެއް މެމްބަރަކު އަނެއް މެމްބަރަކަށް ހޫނު ރައްދުތަކެއް ދީފައިވެއެވެ.

ހުށަހެޅިފައިވާ ގަރާރާމެދު ބަހުސް ކުރެއްވުމަށް ވަގުތުކޮޅެއް ދިނުމަށްފަހުގައި މިއަދުގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވި އަފީފް ވިދާޅުވީ ނަޝީދު ވަކިކުރުމަށް އެމް.ޑީ.ޕީއިން ހުށަހެޅި ޤަރާރު އޮތީ މަޖިލީހުގެ ޤަވާއިދާ ޚިލާފަށް ކަމުގައެވެ. އަދި ގަވާއިދާ އެއްގޮތަށް މައްސަލަ ހުށަހެޅުމަށް ވިދާޅުވެ، މިއަދުގެ މަޖިލީސް ނިންމަވައިލެއްވިކަން އިއުލާން ކުރެއްވިއެވެ.

މަޖިލީހުގެ ރައީސް ވަކިކުރުމަށް އެތައް ފަހަރެއްގެ މަތިން އެމް.ޑީ.ޕީ މެމްބަރުން މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް އެކި ސަބަބުތަކާހެދި މައްސަލަ ނިންމޭގޮތް ވަނީ ނުވެފައެވެ. ނަޝީދުގެ މައްސަލަ ސުޕްރީމް ކޯޓަށްވެސް ހުށަހަޅާފައިވެއެވެ. ނަމަވެސް އަދިވެސް އެމް.ޑީ.ޕީއަށް މަޖިލީހުގެ ރިޔާސަތުން ނަޝީދު ވަކިކުރެވޭގޮތެއް ނުވެއެވެ.

މި ލިއުމާއި ގުޅޭ