އުމުރުން އެންމެ 43 އަހަރުގެ އައިޝަތު ރައުފުގެ ހަޔާތަށް ވަނީ ބަނަ ވިލާގަނޑެއްގެ ހިޔަނި ވަނީ އެޅިފައެވެ. މީހަކާއިނދެ 2 ކުދިން ލިބިފައިވާއިރު އެ ކުދިންގެ ޒިންމާވެސް މިއަދު ނަގަން ހުރީ އައިޝާއެވެ. 2011 ވަނަ އަހަރު ކިޑްނީ ފެއިލްވި ހަބަރު ލިބުމާއެކު އޭނަގެ ދިރިއުޅުން ވަނީ ވިއްސި ވިހާލިވެފައެވެ. ހިތާމައިގެ ކޮޅެއްވެސް ނެތް ކަހަލައެވެ. އެހެން މައިންނެކޭ އެއްފަދައިން ދަރިންނަށް ލޯބިދީ އެކުގައި ވަގުތު ހޭދަކޮށް މަޖާ ކުރަން އައިޝާ ބޭނުމެވެ. އެހެންނަމަވެސް ހާލަތު ތަން ނުދެއެވެ. އަބަދު ބަލިވެ އުޅޭތީ ދަރިންގެ ކަންތަކުގައި ސަމާލުކަން ނުދެވެއެވެ. އައިޝާގެ ދޮށީ އަންހެން ދަރިފުޅަށް މިހާރު 18 އަހަރުވެފައިވާއިރު ހަނގު ދަރިފުޅު 13 އަހަރު ވެއްޖެއެވެ. މި ބަލީގައި އައިޝާ ތަހައްމަލް ކުރަމުންދާ ވޭނާއި ހިތާމަ ދަންނަ ބަޔަކީ އޭނާގެ އާއިލާއެވެ.
އާއިލާއިން މައުލޫމާތު ދިން ގޮތުގައި އެންމެ ފުރަތަމަ ޑައިލިސިސް ހަދަމުން ދިޔައީ ފިސްޓިއުލާ ނުލައްވައި ކަމަށާއި އެހެން ހުރެފަ ކުއްލި ގޮތަކަށް ހާލު ދެރަވުމުން ފިސްޓިއުލާ ލައްވަން ޖެހުނު ކަމަށެވެ.
"އެންމެ ފުރަތަމަ ފިސްޓިއުލާ ނުލައްވާ ކަރަށް ހޮޅި ގުޅައިގެން ޑައިލެސިސް ހެދީ. އެތަން ވަރަށް ބޮޑަށް އިންފެކްޓްވެގެން ނުވެސް ހިނގޭ މިހާއަށް، އެވަރުވީ ފަހުން ފިސްޓިއުލާ ލެއްވީ." އާއިލާއިން ބުންޏެވެ.
އެހެންނަމަވެސް އަދިވެސް އައިޝާގެ ހާލަތު ރަނގަޅު ނުވާތީ މިހާރު ހަފްތާއަކު 3 ދުވަހު ޑައިލިސިސް ހަދަމުންގެންދާ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ. އަދި ކަރަށް ހޮޅި ގުޅައިގެން ޑައިލިސިސް ހެދުމުގެ ސަބަބުން އެތަނުގައި އިންފެކްޝަން ހެދި އޭގެ އަސަރު އައިޝާގެ ސިކުނޑިއަށްވެސް ކޮށްފައިވާ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ އާއިލާއިން ބުނެއެވެ.
"އިންޑިޔާއިން ބުނީ އުމުރުން އެހާ ދުވަހެއް ނުވޭ ނޫން ހެއްޔޭ، އެހެންވީމަ ބޮޑަށް ރަނގަޅީ އިތުރަށް އޭގެ ސަބަބުން އިތުރު އޯގަންތަކަށް އަސަރު ކުރުމުގެ ކުރިޔަށް 6 މަސް ތެރޭގައި ވީހާވެސް އަވަހަކަށް ޓްރާންސް ޕްލާންޓް ހެދުމޭ މުހިންމީ." އާއިލާއިން މައުލޫމާތު ދިނެވެ.
މިދިޔަ އޮގަސްޓުމަހު އިންޑިޔާއަށް ދިޔުމުން ޑޮކްޓަރުން އަންގަނީ 6 މަސް ތެރޭ ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށެވެ. އެހެންނޫނީ އެ އިންފެކްޝަންގެ އަސަރު ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ކޮށްފާނެ ކަމަށް ޑޮކްޓަރުން ބުނެއެވެ.
އައިޝާއަކީ އެކަނިވެރި މަޔަކަށްވެފައި އޭނަގެ ހުރިހާ ކަމެއް ބަލަހައްޓާ ބޭސްފަރުވާގެ ކަންތައްވެސް ކުރަމުންދަނީ އާއިލާއިންނެވެ. އެހެންނަމަވެސް ކިޑްނީ ޓްރާންސްޕްލާންޓް ކުރުން ފަދަ ކަމަކަށް ބޭނުންވާ ވަރަށް ފައިސާ ނެތުމުންނާއި އާއިލާއަކީ އެހާ ތަނަވަސް އާއިލާއަކަށް ނުވުމުން އައިޝާގެ ބޭސް ފަރުވާއަށް އާއިލާއިން އެދެނީ އާންމުންގެ ދީލަތި އެހީއަކަށެވެ.
އިތުރު މައުލޫމާތު ހޯދުމަށް: 9494240