Wednesday 12th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ރާއްޖެއަކީ އިންޑިޔާއަށް މުހިންމު ގައުމެއް: މޯދީ

ރާއްޖެ އާއި އިންޑިޔާގެ ސަލާމަތާއި ދެ ގައުމުގެ ރައްޔިތުންގެ އިޖްތިމާއީ އަދި އިގްތިސޯދީ ކުރިއެރުމަށްޓަކައި ރާއްޖެއަކީ މުހިންމު ގައުމެއް ކަމަށާއި ރާއްޖޭގެ ސަރުކާރާއި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.


ރާއްޖޭގެ 55 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަން މެދުވެރިކުރައްވައި، މޯދީ ނެރުއްވި ނޫސްބަޔާނެއްގައި އޭނާވަނީ ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށާއި ދިވެހި ސަރުކާރަށް އަދި ރައްޔިތުންނަށް ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އަރިސްކޮށްފައެވެ.

މޯދީ ވިދާޅުވީ ރާއްޖެއަކީ އަބަދުވެސް އިންޑިޔާއެކު ގާތްގުޅުމެއް ބާއްވާ ގައުމެއް ކަމަށާއި އެ ގުޅުން ދަމަހައްޓާނެ ކަމަށެވެ. އަދި ދެ ގައުމުގެ ހާރިޖީ ގުޅުން ވަރުގަދަކުރުމަށްޓަކައި ގިނަ މަސައްކަތް މިހާރުވެސް ކުރަމުން ގެންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ހަމައެއާއެކު ރާއްޖެއަކީ އިންޑިޔާއަށް ވަރަށް މުހިންމު ގައުމެއްކަން ފާހަގަކުރައްވަމުން މޯދީ ވިދާޅުވީ ދެގައުމުގެ ސަލާމަތާއި ކުރިއެރުމުގައި ރާއްޖޭގެ ދައުރު ބޮޑު ކަމަށެވެ.

"ނެއިބާހުޑް ފަސްޓް" ސިޔާސަތުގައި ދިވެހިރާއްޖެއަކީ ހާއްސަ މަގާމެއް ލިބިފައިވާ ގައުމެއް ކަމަށް މޯދީ ވަނީ ވިދާޅުވެފައެވެ. ކުރިއަށް އޮތް އަހަރުތަކުގައި މަލްޓީ ޑައިމެންޝަނަލް ޕާޓްނާޝިޕް އިތުރު ހަރުފަތަކަށް ކުރިއަރާނެ ކަމުގައި ގަބޫލު ކުރައްވާ ކަމުގައި މޯދީ ވަނީ ވިދާޅުވިއެވެ. އަދި މި ސަރަހައްދުގެ ސަލާމަތާއި ކުރިއެރުމުގެ ތަސައްވުރު "ސެކިއުރިޓީ އެންޑް ގްރޯތް ފޯ އޯލް އިން ދަ ރީޖަން" (އެސްއޭޖީއޭއާރް) ގާއިމްކޮށްދިނުމުގައި ދިވެހިރާއްޖެއަކީ އިސް ދައުރެއް އަދާކުރާ ގައުމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިންޑިއާގެ ރައީސް ޑްރޮޕަދީ މުރުމޫ ވެސް ވަނީ ރައީސް ސޯލިހަށް އަދި ދިވެހި ރައްޔިތުންނަށް ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ. ޑްރޮޕަދީ މުރުމޫ ވިދާޅުވީ އިންޑިއާ އަދި ދިވެހިރާއްޖޭގެ ގުޅުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް އިތުބާރާއި އިހްތިރާމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށެވެ. އަދި އެ ގުޅުން ބަދަހިވެފައި ވަނީ ދެ ގައުމުގެ ރައްޔިތުންގެ ދެމެދުގައިވާ ޒަމާނުއްސުރެ ވަރުގަދަ ތާރީހީ އަދި ސަގާފީ ގުޅުމާއި ދެ ގައުމުގެ ޑިމޮކްރަސީގެ ތެރެއިން އިގްތިސޯދީ އަދި ވިޔަފާރީގެ ގޮތުން އުފެދިފައިވާ ގުޅުމުގެ ސަބަބުން ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ އިޖްތިމާއި އަދި އިގްތިސޯދީ ކުރިއެރުމަށާއި، މި ސަރަހައްދަށް އުޖާލާ މުސްތަގްބަލެއް ހޯދުމަށް، ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ދިވެހިރާއްޖެއާ ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގައި ވެސް އިންޑިއާގެ ރައީސް ވިދާޅުވިއެވެ.

އިންޑިޔާއިން މިހެން ބުނެފައިވާއިރު ރާއްޖޭގައި އިންޑިޔާ ސިފައިން ތިބުމާއި ދެކޮޅަށް ދިވެހި ރައްޔިތުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި މި ސަރުކާރުން އިންޑިޔާއެކު ގާތްގުޅުމެއް ބާއްވާ ދައުލަތުގެ ދަރަނި އިތުރުވެފައިވާކަމަށްބުނެ ސަރުކާރަށް ފާޑުކިޔަމުންނެވެ. އިންތިހާބީ ރައީސް ވިދާޅުވީ އިންޑިޔާއެކު ގާތް ގުޅުމެއް ބޭއްވި ނަމަވެސް ވަކި މިންގަނޑެއްގެ ތެރޭގައި އެކަން ބާއްވާނެ ކަމަށާއި ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ފޮނުވާލުމުގެ މަޝްވަރާތައް މިހާރު ކުރަމުންދާ ކަމަށެވެ. އަދި އިންޑީޔާ ސިފައިން ފޮނުވާލެވޭނެ ކަމުގެ ޔަގީންކަން އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ދެއްވާފައެވެ.

މި ލިއުމާއި ގުޅޭ