Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.މުއިއްޒު

ސަރުކާރު މިއެކުލަވައިލަނީ ރެއާއި ދުވާލު މަސައްކަތްކުރަން، ފުރަތަ ހަފުތާއިންވެސް ތަފާތު ފެންނާނެ: ޑރ.މުޢިއްޒު

އެމަނިކުފާނު ސަރުކާރު އެކުލަވައިލައްވަނީ ގޭގައި އަރާމުގައި ނިދާފައި ތިބުމަށް ނޫންކަމަށާއި، ރެއާއި ދުވާލު މަސައްކަތްކޮށް ނަތީޖާ ނެރުމަށް ކަމަށާއި، ވެރިކަމުގެ ފުރަތަމަ ހަފުތާއިންވެސް ތަފާތު ފެންނާނެކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއިން ގެނެސްދޭ އިންތިޚާބީ ރައީސް ހުވައިކުރެއްވުމުގެ ކައުންޓްޑައުން ޕްރޮގުރާމް "ދިވެހީންގެ ރާއްޖެ" ޕްރޮގުރާމުގެ ޖުމްހޫރީ ދުވަހުގެ ޚާއްޞަ ޕްރޮގުރާމަށް މިއަދު ދެއްވި ބަސްދީގަތުމެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ އެމަނިކުފާނު ސަރުކާރު އެކުލަވައިލައްވައި ވުޒާރާތަކަށާއި ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނަށް ގެންނަވާ ބޭފުޅުންނަކީ ރެއާއި ދުވާލު މަސައްކަތްކުރައްވައި ނަތީޖާ ނެރެދެއްވުމަށް ކަމަށެވެ.

"އަޅުގަނޑު ޓީމު، 22 ކެބިނެސްޓު މިނިސްޓަރުންނާއި ކުންފުނިތަކުގެ ވެރިންނާއެކު މިޓީމު އެކުލަވައިލަނީ ސީދާ ނަތީޖާ ނެރުމަށް. އެނޫން ކަމެއް ކުރާކަށް އެނޫން ވިސްނުމެއް ނޯންނާނެ،" ޑރ.މުޢިއްޒު ވިދާޅުވިއެވެ. އަދި އިޤުތިޞާދު ކޮޅަށްޖެހުމަށް ކުރާނެ ކަންކަން ކެމްޕެއިނުގައި ހާމަކުރައްވާފައިވާނެ ކަމަށާއި، އެކަންކަން ކުރެއްވުމުގެ މަސައްކަތް ހަލުއިކޮށް ފައްޓަވާނެ ކަމުގައި ވިދާޅުވިއެވެ.

މެނިފެސްޓޯގައި ހިމެނޭ މަސައްކަތްތަކުގެ ތެރެއިން ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫޢަކީ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ފައްޓަވާނެ މަސައްކަތެއް ކަމަށެވެ. އަދި 10 ވަރަކަށް މަސްތެރޭގައި ލަސްވެގެން މަސައްކަތް ނިންމަވާނެ ކަމަށްވެސް ޑރ.މުޢިއްޒު ވިދާޅުވިއެވެ. އަދި އެކަން ކުރުމަށް ދައުލަތުން ފުރަތަމަ މާބޮޑު ޚަރަދެއް ކުރަންނުޖެހޭނެ ފޯމިއުލާއެއް ނެރުއްވާނެ ކަމަށް ވިދާޅުވިއެވެ.

އެންމެ އިސްކަންދެއްވާ މަޝްރޫއަކީ އެއާޕޯޓު މަޝްރޫޢުކަމަށާއި، އެ މަޝްރޫއު ނިންމުމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް މި މަރުހަލާގައިވެސް ކުރައްވާފައިވާކަން ފާހަގަކުރައްވައި އެމަނިކުފާނު ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ މަސައްކަތް ނިންމުމަށް ވަރަށް ބޮޑު އެހީއެއް ލިބިފައިވާކަން ޑރ.މުއިއްޒު ފާހގަަކުރެއްވިއެވެ. އަދި ސައުދީ ސަރުކާރުންވެސް އެހީތެރިކަން ލިބިފައިވާކަން ފާހަގަކުރެއްވިއެވެ.

އެއާޕޯޓު މަޝްރޫޢާއި ފުށިދިއްގަރު މަޝްރޫޢުގެ އިތުރަށް އައްޑޫ ސިޓީ ހިތަދޫއާއި ހުޅުމީދޫ ބުރިޖަކުން ގުޅުވައިދެއްވަން ވެވަޑައިގެންނެވި ވައުދު ފުއްދެވުމަށްޓަކައި ހަދަންޖެހޭ ސާވޭތަކާއި ދިރާސާތަކުގެ މަސައްކަތް ބަޔަކާ ހަވާލުކޮށް ވެރިކަމުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ފައްޓަވާނެ ކަމަށް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

އެ މަޝްރޫޢުތަކުގެ މަސައްކަތާއެކު، ރާއްޖޭގެ އިޤުތިޞާދީ ތަރުތީބުތަކާއި އިންތިޒާމުތައް ރަނގަޅުކޮށް އިޤުތިޞާދީ ހާލަތު ރަނގަޅުކޮށް ރާއްޖެއަށް އިންވެސްޓަރުން ގެނައުމުގެ މަސައްކަތްވެސް ހިނގަމުންދާނެ ކަމުގައި އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

"ފުރަތަމަ ހަފުތާއިންވެސް ފެންނާނެ ތަފާތުތަކެއް މި މަސައްކަތްތައް ކުރުމުގައި. އެމަސައްކަތް ކުރުމުގެ ހިތްވަރާއި ޤާބިލުކަމާއި ޝައުޤު ހުރި ބޭފުޅުންތަކެއް އަޅުގަނޑު ޓީމަށް މިނަގަނީ،" އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ