މި ސަރުކާރުން އަޅަމުން އަންނަ 4000 ފްލެޓު ލިބޭ ފަރާތްތަކުގެ ލިސްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފައިވާ މުއްދަތު ހަމަވިއިރު 7000އަށް ވުރެއް ގިނަ ޝަކުވާ ހުށަހަޅައިފައިވާ ކަމަށް ޕްލޭނިންގް މިނިސްޓްރީއިން މައުލޫމާތު ދީފިއެވެ.
މި ސަރުކާރުން ހުޅުވައިލި ގެދޮރުވެރިޔާ ސުކީމުގެ ދަށުން 13،000 ފުލެޓު ދިނުމަށް ނިންމައި އިއުލާނުކުރި ނަމަވެސް މިހާތަނަށް ފެށިފައިވަނީ 4،000 ފުލެޓުގެ މަސައްކަތެވެ. ސަރުކާރުން ފުލެޓު ލިބޭނެ ފަރާތްތަކުގެ ލިސްޓުގެ ގޮތުގައި އާންމުކުރި ލިސްޓަކީ މި 4،000 ފުލެޓު ލިބޭ މީހުންގެ ލިސްޓެވެ. ލިސްޓުގައި ޕޮއިންޓު ދީފައިވާ ގޮތާމެދު ގިނަ ބަޔަކުވަނީ ނުރުހުން ފާޅުކޮށްފައެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ސަރުކާރުން އަޅަމުން އަންނަ ފްލެޓުތަކާއި ގުޅިގެން އެންމެ ފުރަތަމަ ފެންމަތިވި މައްސަލައަކީ ދާއިމީ ލިސްޓު ނެރުނު އިރު، މީހުނަށް ޕޮއިންޓު ދީފައިވާ ގޮތް ފެންނަން ނެތުމުގެ މައްސަލައެވެ. އެކަމުގައި އެތައްބަޔަކު އަޑުއުފުލުމުން މިނިސްޓްރީއިން ޕޮއިންޓު ދީފައިވާ ގޮތް ހާމަ ކުރިއެވެ. ނަމަވެސް، ޕޮއިންޓު ދީފައިވަނީ އިންސާފުން ބޭރުން ކަމަށް ބުނެ، އެތައް ބަޔަކު އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް އިހުތިޖާޖު ކޮށްފައިވެއެވެ.
ފުލެޓު ލިސްޓުގައި ޕޮއިންޓު ދީފައިވާ ގޮތާމެދު ގިނަ ބަޔަކު ޝަކުވާތައް ހުށަހެޅުމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުންވަނީ ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ ފުރުސަތެއް ދިނުމަށްފަހު، އެ ޝަކުވާތައް ރަނގަޅަށް ބަލައި، އެ ޝަކުވާތަކާމެދު ގޮތެއް ނުނިންމައި ފުލެޓުތައް ހަވާލުކުރުމުގެ އެއްވެސް މަސައްކަތެއް ނުކުރަން ހައުސިން މިނިސްޓްރީއަށް އަންގާފައެވެ.
އެފަދައިން އެންގި ފަހުން ހައުސިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބަޔާނެއްގައި އެ ވުޒާރާއިން ބުނެފައިވަނީ ފުލެޓު ލިބޭ ލިސްޓާ ގުޅޭ ގޮތުން ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރޭގައި ލިސްޓަށް ބަދަލު ގެންނަންޖެހޭ މިންވަރުގެ ޝަކުވާތަކެއް ލިބިފައިނުވާ ކަމަށެވެ.