Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

ރައީސްގެ ވަދާއީ ޚިތާބު: ހޯދި ކާމިޔާބީތައް ދެމެހެއްޓުމަކީ ދެން އަންނަ ސަރުކާރުތަކާއި ވެރިންގެ ޒިންމާއެއް

މި ފަސް އަހަރުގައި އެމަނިކުފާނުގެ ސަރުކާރުން ހޯދި ކާމިޔާބުތައް ނަގަހައްޓައި ދަމަހައްޓައި އަށަގެންނެވުމަކީ ދެން އަންނަ ސަރުކާރުތަކާއި، ވެރިންގެ މަސްއޫލިއްޔަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް މިފަދައިން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ދައުރު 17 ނޮވެންބަރުގައި ނިމުމަކަށް އައުމުގެ ކުރިން ޤައުމާ މުޚާޠަބުކުރައްވައި ދެއްވާ ފަހު ތަޤުރީރުގައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.

އެ ޚިޠާބުގައި އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަން އުފެދުނުއިރު އޮތް ހާލަތު އެމަނިކުފާނުގެ 5 އަހަރު ނިމުނުއިރު ނައްތައިލެވިފައިވާ ކަމަށެވެ. އެގޮތުން ބިރުވެރިކަމާއި ނާމާންކަން ފިލައި ގޮސް މަގުތަކުގައި އަމާންކަން މިހާރު ޤާއިމުވެފައިވާ ކަމަށް ވިދާޅުވިއެވެ. ޚިޔާލު ތަފާތުވުމާއެކުވެސް ވިޔަފާރިވެރިންނާއި އާންމުންނަށް ދިރިއުޅުމާއިގެން ކުރިއަށްދެވޭނެކަން ކަށަވަރުކޮށްދެއްވާފައިވާނެކަމަށާއި، ރައްޔިތުން ބޭނުންވި އަސާސީ ޚިދުމަތްތައް މުޅި ރާއްޖެއަށް އާންމުކޮށްދެއްވި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރާއްޖެ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަކަށް ބަދަލުވި ފަހުން ފުރަތަމަ ފަހަރަށް ސުލްހަވެރިކަމާއެކު ވެރިކަން ބަދަލުކުރުމުގެ މަރުހަލާ ނިމިގެންދާ މަންޒަރު މިފަހަރު ރައްޔިތުންނަށް ފެނިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ސުލްހަވެރިކަމާއެކު ވެރިކަން ބަދަލުވާ މަންޒަރު ރައްޔިތުން ދެކެން ބޭނުންވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ހަމަހަމަކަމާއެކު ހުރިހާ ރައްޔިތުންނަށް ނުލިބި ރާއްޖޭގައި ޑިމޮކްރަސީ ފުރިހަމަނުވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއީ އެމަނިކުފާނުގެ ވެރިކަމުގައި އަސާސީ ޚިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫޢުތައް އެންމެ ގިނައިން ހިންގި ސަބަބު ކަމަށެވެ. އަދި އެ މަސައްކަތްތަކުގެ އުފާވެރިކަމާއި ލުއިފަސޭހަކަން އަތޮޅު ތެރޭގެ ރަށްތަކުގައި ތިބި ރައްޔިތުން އިހުސާސްކުރަމުންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އިތުރަށް ރައީސްވަނީ އެމަނިކުފާނުގެ ވެރިކަމުގައި ޓީޗަރުންނާއި ޑޮކްޓަރުންނާއި ޞިއްޙީ އެހެނިހެން ޚިދުމަތްތެރިންގެ މުސާރަތައް ބޮޑުކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މިހާރު ހުށަހަޅާފައިވާ 2024 ވަނަ އަހަރުގެ ބަޖެޓުގައި ޝަރުއީ ދާއިރާއާއި ފުލުހުންނާއި ސިފައިންނާއި، ސަރުކާރުގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރުމަށް ހިމަނާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި އިޖުތިމާއީ ޚިދުމަތުގެ ދާއިރާއާއި ކުޅިވަރާއި، އެހެނިހެން ދާއިރާތަކުން ފާއިތުވި 5 އަހަރު ބޮޑެތި ކާމިޔާބުތަކެއް ސަރުކާރަށް ހާސިލުކުރެވިފައިވެއެވެ.

މި ލިއުމާއި ގުޅޭ