Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޣައްސާން މައުމޫން

ކުރިއަށް އޮތް 5 އަހަރު ހީނުކުރާވަރުގެ ހެޔޮ ބަދަލެއް އައްޑޫ ސިޓީއަށް ގެނެވޭނެ: ޣައްސާން

އަންނަ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެމަނިކުފާނުގެ 5 އަހަރުގެ ދައުރުގައި ހީނުކުރާވަރުގެ ހެޔޮ ބަދަލެއް އައްޑޫ ސިޓީއަށް ގެންނަވާނެކަމަށް ޕީޕީއެމްގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ޕްރޮގުރާމެއްގައި ވާހަކަދައްކަވަމުން ޣައްސާން ވިދާޅުވީ އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު އެންމެ ފުރަތަމަ ރައްޔިތުންނާ ބައްދަލުކުރެއްވި ދުވަހުވެސް އިންތިޚާބީ ރައީސް ވައުދުވެވަޑައިގަތީ އިންސާފުވެރިކަމާއެކު ހުރިހާ ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށް ކަމަށެވެ. އެބަސްފުޅުގެ މާނައަކީ ހަމަކަމާއެކު ވެރިކަން ކުރައްވާނެ ކަމަށާއި، ކޮންމެ ރައްޔިތަކީވެސް ޑރ.މުޢިއްޒަށް މުހިއްމު ރައްޔިތަކަށްވުންކަމަށް ޣައްސާން ވިދާޅުވިއެވެ.

ޣައްސާން ވިދާޅުވި ގޮތުގައި އިންތިޚާބީ ރައީސްގެ ވިސްނުންފުޅުގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުމާއި، ރާއްޖެ ޖުމްލަ ގޮތެއްގައި މިހާރު އޮތް ހާލަތަށްވުރެ ރަނގަޅު ހާލަތަކަށް ގެންދިއުމުގައި އައްޑޫ ސިޓީގެ ދައުރު ވަރަށް މުހިއްމުވެފައި ބޮޑުވާނެއެވެ.

"އައްޑޫ ސިޓީއަކީ މާލެ ސިޓީ ނަގާފައި އެންމެ އާބާދީ ބޮޑު ސިޓީ. ރައީސް މުއިއްޒު ޤަބޫލުކުރައްވާ ގޮތުގައި އައްޑޫ ސިޓީއަކީ ދިވެހި އިޤުތިޞާދު، މުޅި ދިވެހިރާއްޖެ ކުރިއަށްގެންދިއުމުގައި ވަރަށް ބޮޑު ހިއްސާއެއްވާނެ ތަނެއް،" ޣައްސާން ވިދާޅުވިއެވެ.

ޣައްސާން ވިދާޅުވީ އެ ސަބަބަށްޓަކައި އައްޑޫ ސިޓީއަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަރަށް ބޮޑަ އަހަންމިއްޔަތުކަމެއް ދެއްވާފައިވެއެވެ. އަދި ހަމަ އެސަބަބަށްޓަކައި އައްޑޫ ސިޓީއަށް ވަރަށް ބޮޑެތި ގިނަ ވައުދުތަކެއްވެސް ޑރ.މުޢިއްޒު ވެވަޑައިގެންފައިވާކަމަށް ޣައްސާން ވިދާޅުވިއެވެ.

އެހެންނަމަވެސް މިހާރު ނިމެންދާ ސަރުކާރާ ޚިލާފަށް އައްޑޫ ސިޓީއަށް ޑރ.މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުތަކަކީ ދިރާސާކުރެއްވުމަށްފަހު އެކަންކަން ހާސިލުކުރެއްވޭނެކަމުގެ ޔަގީންކަން އޮވެގެން ވެވަޑައިގެންފައިވާ ވައުދުތަކެއް ކަމުގައި ޣައްސާން ވިދާޅުވިއެވެ.

"އެހެންނަމަވެސް ތަފާތަކީ މިހާރު ހިންގަމުންދާ ސަރުކާރާ، ވަރަށް ގިނަ ދިރާސާތައް ކުރައްވާފައި، ފުއްދެވޭނެކަން ޔަގީންކުރައްވާފައި ވެވަޑައިގެންނެވި ވައުދުތަކެއް އެއީ،" އައްޑޫ ސިޓީއަށް އިންތިޚާބީ ރައީސް ވެވަޑައިގެންނެވި ވައުދުތަކަށް އިޝާރާތްކުރައްވައި ޣައްސާން ވިދާޅުވިއެވެ.

އަދި އެކަންކަމަށް ރިއާޔަތްކުރައްވައި ޣައްސާން ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރުގައި ޑރ.މުޢިއްޒުގެ ވެރިކަމުގައި އައްޑޫ ސިޓީއަށް ހީނުކުރާވަރުގެ ހެޔޮ ބަދަލުތަކެއް އަންނާނެކަމާމެދު އެއްވެސް ޝައްކެއް އޭނާގެ ހިތްޕުޅުގައި ނެތްކަމަށެވެ.

އެގޮތުން އަންނާނެ ބަދަލުތަކަކީ އައްޑޫ ސިޓީގެ ރައްޔިތުންގެ ޖީބަށް އެބަދަލުގެ އަސަރު އިހުސާސްވާނެ ފަދަ ބަދަލުތަކެއް ކަމަށާއި، އެގޮތުން ރައްޔިތުންނަށް ލިބޭނެ އާމްދަނީ އިތުރުވުމާއި، ޞިއްޙީ ފަރުވާގެ ނިޒާމު ވަރަށް ބޮޑަށް ރަނގަޅުކުރެވިގެންދާނެ ކަމަށް ޣައްސާން ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑަށް ޔަގީން އިހުމާލުވެވަޑައިނުގަންނަވާނެ. އައްޑޫ ސިޓީއަށް ވަރަށް ފާގަތި ފަސް އަހަރޭ ޑރ.މުޢިއްޒުގެ ވެރިކަމުގައި ފެނިގެންދާނީ،" ޣައްސާން ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ