މާލެ ސަރަހައްދުން ފްލެޓް ދިނުމަށް މި ސަރުކާރުން ހިންގާ 'ގެދޮރުވެރިޔާ' ސްކީމުގެ ފުރަތަމަ ބުރުގައި ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދިން މުއްދަތު އިތުރުކޮށްފި އެވެ.
ފްލެޓު ލިސްޓަށް އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިދިޔަ އާދިއްތަ ދުވަހު ހުޅުވާލީ މިއަދުގެ 16:00 ގެ ނިއަލަށެވެ.
ހައުސިން މިނިސްޓްރީން ބުނީ، ޝަކުވާ ހުށަހެޅުމަށް ދިން މުއްދަތު އިތުރުކުރަން ނިންމީ ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ. އެގޮތުން ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވަނީ މާދަމާގެ ނިޔަލަށެވެ.
ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ލިބިފައިވާ ކަމަށާއި ނަމަވެސް، އެ ލިސްޓަށް ބަދަލު އަންނަ ވަރުގެ ޝަކުވާއެއް އަދި ނެތް ކަމަށް ހައުސިން މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު ވަނީ ބުނެފަ އެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބަށް ކުޑަތަންވެފައިވަނިކޮށް ސަރުކާރުން އިއުލާނުކުރި ގެދޮރުވެރިޔާ މަޝްރޫއަށް އެދި ފޯމު ހުށަހެޅި 20،000 އަށްވުރެ ގިނަ މީހުންގެ ތެރެއިން، 13،000 މީހުން ޝަރުތު ހަމަވާކަމަށް ކަނޑައަޅައި އެ އެންމެންނަށް ފްލެޓުދޭން ނިންމި ނަމަވެސް އޭގެ ތެރެއިން ފުރަތަމަ ފްލެޓު ލިބޭ 4،000 މީހުންގެ ދާއިމީ ލިސްޓު އާންމުކުރުމާއެކު ޝަކުވާ ވަނީ ގިނަވެފަ އެވެ.
ދޭން ނިންމީ މިހާރު ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދަން ފަށިފައިވާ 4،000 ފްލެޓެވެ. ބާކީ 9،000 މީހުންނަށް ދޭން ނިންމާފައިވަނީ "ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހައުސިން މަޝްރޫއުތަކުގެ ތެރެއިން ފްލެޓެއް" ލިބޭނެ ކަމުގެ ލިޔުމެކެވެ.
އެއާއެކު 13،000 މީހުންގެ ތެރެއިން ފުރަތަމަ ފްލެޓު ލިބޭ 4،000 މީހުން ހޮވަން ޕޮއިންޓު ދިންގޮތް އިންސާފުވެރި ނޫންކަމަށް ބުނެ ގިނަ ބެއެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ.
އެ ފާޑުކިޔުންތަކާ ގުޅިގެން ފްލެޓު ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލިއިރު ވެސް ޕޮއިންޓު ދިން ގޮތުގެ ތަފްސީލު މިނިސްޓްރީން ހާމައެއްނުކުރެ އެވެ. އެކަމާ ޝަކުވާ ބޮޑުވެ، ޕޮއިންޓް ލިބުނު ގޮތުގެ ތަފްސީލް އިއްޔެއިން ފެށިގެން އާންމު ކުރުމާއެކު ގިނަ ބަޔަކު ޕޯޓަލް އަށް ވަނުމުން، ޕޯޓަލް ޑައުންވެ މައްސަލަތައް ކުރިމަތިވި އެވެ.
އާންމުކޮށް މިފަދަ ސްކީމުތަކުގައި އަމަލުކުރާ އުސޫލަކީ ވަގުތީ ލިސްޓު އާންމުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ފުރުސަތު ހުޅުވައިލަނީ އެވެ. ނަމަވެސް 4،000 ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކުރީ އެ ފުރުސަތު ހުޅުވާނުލަ އެވެ.