Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހައި ކޯޓު

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރަންނުޖެހޭކަމަށް ނިންމީ ރަނގަޅަކަށް ނޫން: ހައިކޯޓު

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރަންނުޖެހޭނެކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމާފައިވާ ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫންކަމަށް ކަނޑައަޅައި، އެ މައްސަލަ އަލުން އިންފޮމޭޝަން ކޮމިޝަނަރު އޮފީހަށް ހުށަހަޅައިފިނަމަ، އެ އޮފީހުން މައްސަލަ އަލުން ބަލަންޖެހޭނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅައިފިއެވެ.

މި މައްސަލައަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހޯދުމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ޑިފެންސް މިނިސްޓްރީއަށް ހުށަހެޅުމުން އެ މައުލޫމާތު ހާމަކޮށްފިނަމަ ޤައުމީ ސަލާމަތަށް ނުރައްކާވާނެކަމަށް ބުނެ އެ ވުޒާރާއިން އެ މައުލޫމާތު ހާމަނުކުރުމުން، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި އެ ނިންމުން އިލްތިމާސްކުރުމުން އެ މައުލޫމާތަކީ ހާމަކުރަންޖެހޭ މައުލޫމާތެއް ނޫންކަމަށް އައިކޮމްއިން ނިންމުމާ ގުޅިގެން ހައިކޯޓަށް ހުށަހެޅި މައްސަލައެކެވެ.

މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރެއްވީ "ދިޔަރެސް"ގެ އެއް އޯނަރު އަޙްމަދު އަޒާނެވެ.

މިއަދު ހައިކޯޓުގައި އޮތް އަޑުއެހުމުގައި އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުސައިން ޝަހީދު އިއްވެވި ހުކުމުގައި އޭނާ ފާހަގަކުރެއްވި ގޮތުގައި އެ މައްސަލާގައި އެ މައުލޫމާތަކީ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ މައުލޫމާތެއް ކަމުގައި ބަލައި ހާމަކުރަންނުޖެހޭނެކަމަށް އިންފޮމޭޝަން ކޮމިޝަނަރު ނިންމަވާފައިވަނީ، ޤާނޫނުގައި ބަޔާންކުރާ އިޖުރާއާތުތަކާ އުސޫލުތަކާ ޚިލާފަށެވެ.

އެގޮތުން އިންޑިއާ ސިފައިންގެ އަދަދު ހާމަކުރުމަކީ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއްކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކަނޑައަޅާފައިވަނީ ޤައުމީ ދިފާއީ ބާރުގެ ސިފައިންގެ ޤައުމީ ލަފާދޭ ކޮމިޓީއާއެކު ބޭއްވި ސިއްރު ބައްދަލުވުމަކަށް ފަހުގައިކަމަށް އައިކޮމްގެ ނިންމުމުގައި ފާހަގަކޮށްފައިވާކަން ފަނޑިޔާރު ޝަހީދު ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް ސިފައިންގެ ޤައުމީ ލަފާދޭ ކޮމިޓީއަކީ ސިފައިންގެ އިދާރީ އަދި އޮޕަރޭޝަނަލް ކަންކަމާ ގުޅޭ ގޮތުން ލަފާ އެރުވުމަށް ސިފައިންގެ އިސް އޮފިސަރުންގެ ތެރެއިން މިނިސްޓަރު އިޚުތިޔާރުކުރައްވާ އޮފިސަރުންތަކެއްގެ މައްޗަށް އެކުލެވޭ ކޮމިޓީއެއްކަމަށްވާއިރު މި މައުލޫމާތަކީ ސިފައިންގެ އޮޕަރޭޝަނަލް ނުވަތަ އިދާރީ ކަންކަމާ ގުޅުންހުރި މައުލޫމާތެއްކަން ޑިފެންސް މިނިސްޓްރީއަށް އަދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ބުނެދެވިފައިނުވާކަމަށް ފަނޑިޔާރު ޝަހީދު ވިދާޅުވިއެވެ.

އައިކޮމްއިން ސިފައިންގެ ލަފާދޭ މަޖިލީހާއެކު ބޭއްވި ބައްދަލުވުމުގައި އެ މައުލޫމާތު ހާމަކުރުމުން ޤައުމީ ސަލާމަތަށް ނުރައްކާވާނެ ގޮތް ތަފުސީލުކޮށް ކިޔައިދިންކަމަށާއި، އެ މައުލޫމާތު ހާމަކުރުމަކީ އިންޑިއާއާއެކު ހަދާފައިވާ ސިއްރު އެއްބަސްވުމެއްގެ ދަށުން ހާމަނުކުރެވޭނެ މައުލޫމާތުކަމަށް ބުނެފައިވާކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނެފައިވާކަން ފަނޑިޔާރު ޝަހީދު ފާހަގަކުރެއްވިއެވެ.

ހައިކޯޓުގެ ނިންމުމުގައި ފާހަގަކުރި ގޮތުގައި އެ ބައްދަލުވުމުގެ ރެކޯޑިންއެއް އަދި މަހުޟަރެއްވެސް ނެތްކަމަށް އައިކޮމްއިން އެއްބަސްވާއިރު، އެ ބައްދަލުވުމުގައި ސިފައިންގެ ލަފާދޭ މަޖިލީހުން ފާހަގަކުރި އެއްވެސް ނުކުތާއެއް އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމުގައި ބަޔާންކޮށްފައި ނެތެވެ. ފަނޑިޔާރު ޝަހީދު ފާހަގަކުރެއްވި ގޮތުގައި ޝަރުޢީ އަދި ޤާނޫނީ ނިންމުމެއް ނިންމާއިރު އެ ނިންމުމަކަށް ވާސިލުވި ގޮތް އެނގޭނެހެން ބަޔާންކުރުމަކީ ޤާނޫނު އަސާސީން ލާޒިމުކުރާ ކަމެކެވެ. އަދި އެފަދައިން އެ ނިންމުމަށް ވާސިލުވި ސަބަބު ބަޔާންކުރާނެ ގޮތުގެ ތަފުސީލުތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަކުގައި ބަޔާންކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޑިމޮކްރެޓިކް ޤައުމުތަކުގައި އަމަލުކުރާ ގޮތްތައް އިންޑިއާއާއި ކެނަޑާގައި މިފަދަ މައްސަލަތަކުގައި ނިންމާފައިވާ ނިންމުންތަކަށް ހަވާލާދެއްވައި ފަނޑިޔާރު ޝަހީދު ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި މައުލޫމާތު ހާމަކުރުމުން އިސްތިސްނާވާ ހާލަތުގައި އެމައުލޫމާތެއް ހާމަނުކޮށް ހިފަހައްޓަން އެއިން އިސްތިސްނާއެއް ބޭނުންކުރާ ސަބަބު ބަޔާންކުރަންޖެހޭނެ ކަމަށާއި، މި މައްސަލާގައި އެފަދައިން ސަބަބެއް ބަޔާންކޮށްނުދީ ހަމައެކަނި ސިފައިންގެ ލަފާދޭ މަޖިލީހުގެ ބަހަށް ބަރޯސާވެފައިވާ ކަމަށެވެ.

ހައިކޯޓުން ފާހަގަކުރި ގޮތުގައި މައްސަލައެއްގައި ނިންމާ ނިންމުމަކަށް ވާސިލުވި ގޮތް ބަޔާންކުރުމަކީ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އިންސާފުވެރި ޝަރީޢަތެއް ލިބުމުގެ ހައްގުގެ މައިގަނޑު އަސާސް ކަމަށެވެ.

ފަނޑިޔާރު ޝަހީދު ވިދާޅުވީ ޤާނޫނުގައި މައުލޫމާތު ހާމަކުރުމުން އިސްތިސްނާވާ ހާލަތްތައް ބަޔާންކުރާ މާއްދާތަކަށް ހަވާލާދީ އެމައުލޫމާތު ހާމަނުކުރަން ޑިފެންސް މިނިސްޓްރީން ނިންމިއިރު އެ މާއްދާތަކާ އެ މައުލޫމާތާ ގުޅޭ ގޮތެއް ބަޔާންކޮށްފައި ނެތްކަމަށެވެ. އަދި އައިކޮމްގެ ނިންމުމުގައިވެސް އެކަމަށް ރިއާޔަތްކޮށްފައިނުވާ ކަމަށެވެ.

ޤައުމީ ސަލާމަތަށް ނުރައްކާވެދާނެކަމަށް ބުނެ މައުލޫމާތެއް ހިފަހައްޓާނަމަ އެ މައުލޫމާތެއް ހާމަކުރުމުން ގެއްލުމެއް ލިބުމުގެ އިހުތިމާލު އޮތްކަން އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ހަމަބުއްދިން ޤަބޫލުކުރެވޭ މިންވަރަށް އެކަން ސާބިތުކޮށްދިނުމަކީ ކުރަންޖެހޭނެ ކަމެއް ކަމުގައި ފަނޑިޔާރު ޝަހީދު ވިދާޅުވިއެވެ.

އަދި ކޯޓުތަކޭ އެއްފަދައިން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމާ ނިންމުމެއްގައިވެސް މައްސަލައިގެ ނިންމުމަށް ވާސިލުވި ގޮތް އެނގުމަކީ މައްސަލާގައި ޝާމިލުވި ޚަޞްމުންގެ ހައްގެއްކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ހަމައެހެންމެ މި މައްސަލާގައި ސިފައިންގެ ލަފާދޭ މަޖިލީހާއެކު ބޭއްވި ބައްދަލުވުމަށްފަހު އައިކޮމްއިން ގޮތެއް ނިންމާފައިވަނީ އެ މަޖިލީހުން ދެއްކި ވާހަކަތަކަށް އެކަނި ރިއާޔަތްކޮށް، މައުލޫމާތު ހޯދަން އެދުނު ފަރާތަށް ވާހަކަދެއްކުމުގެ ފުރުސަތު ނުދީކަން ފާހަގަކޮށް ހައިކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވަނީ، އެގޮތަށް އެކަން ކޮށްފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ޤާނޫނު ގޯސްކޮށް މާނަކޮށްގެން ކަމަށެވެ.

އަދި އައިކޮމްގެ ނިންމުން ނިންމުމުގައި ހަވާލާދީފައިވާ އިންޑިއާއާއެކު ހަދާފައިވާކަމަށް ސިފައިންގެ ލަފާދޭ މަޖިލީހުން ބުނާ އެއްބަސްވުމަކީ ވުޖޫދުގައި އޮތް އެއްބަސްވުމެއްކަން ނުވަތަ ނޫންކަންވެސް އައިކޮމްއިން ކަށަވަރުކޮށްފައިނުވާކަން ފަނޑިޔާރު ޝަހީދު ފާހަގަކުރެއްވިއެވެ.

އެ ހުރިހާ ކަމެއްގެ މައްޗަށް ބިނާކޮށް ހައިކޯޓުން ނިންމާފައިވަނީ އައިކޮމްއިން އެ މައުލޫމާތު ހާމަކުރަންނުޖެހޭކަމަށް ނިންމާފައިވަނީ އެކަމުގައި ކަށަވަރުކުރަންޖެހޭ ކަންކަން ކަށަވަރުކޮށްފައިނޫން ކަމަށެވެ. އަދި އެ ނިންމުމަކީ އިޖުރާއާތުތަކާ ޚިލާފު ނިންމުމެއްކަމަށްވާތީ އެ ނިންމުން ބާތިލުކުރުމާއެކު، މިއަދުން ފެށިގެން 10 ދުވަހުގެ ތެރޭގައި ހުށަހަޅައިފިނަމަ ކޯޓުން ފާހަގަކުރި ކަންކަމުގެ އަލީގައި އަލުން މައްސަލަ ބަލަންޖެހޭނެކަމަށް އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުން ހުކުމްކުރައްވާފައިވެއެވެ.

މި ލިއުމާއި ގުޅޭ