Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަސްވެރިކަން

ރާއްޖޭގެ ސަރަހައްދުން ޤަވާއިދާ ޚިލާފަށް މަސްވެރިކަންކުރި އިންޑިއާ ބޯޓެއްގެ ޖޫރިމަނާ މައާފުކޮށްދޭން އުޅެނީ

ރާއްޖޭގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދުގެ ތެރެއިން ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަނިކޮށް އަތުލައިގަތް އިންޑިއާ މަސްބޯޓަކުން ދައްކަންޖެހޭ ޖޫރިމަނާ މައާފުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަން "ދިޔަރެސް"އަށް އެނގިއްޖެއެވެ.

ނަން ސިއްރުކުރުން ޝަރުތުކުރައްވައި "ދިޔަރެސް"އަށް މައުލޫމާތުދެއްވި ސަރުކާރުގެ އިސްވެރިޔަކު ވިދާޅުވި ގޮތުގައި މި މަސްބޯޓަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސް ބާނަނިކޮށް މިހާތަނަށް އަތުލައިގަތް މިބާވަތުގެ އެންމެ ބޮޑު ބޯޓެވެ. އަދި އެ ބޯޓު އަތުލައިގަތްއިރު ބޯޓުގައި ދާއަޅައިގެން މަސްވެރިކަން ކުރިކަމަށް ދަލީލުކުރާނެ ހެކި ހުއްޓެވެ.

އޭނާ ވިދާޅުވީ 75 ފޫޓުގެ މި ބޯޓު އަތުލައިގަތްއިރު ބޯޓުގައި 10 ޓަނުގެ މަސް ހުރި ކަމަށެވެ. އަދި 10 މޭލުގެ ދިގުމިންހުރި މަސް ބާނަން ބޭނުންކުރާ ދައުވެސް ބޯޓުން ފެނުނުކަމަށް އޭނާ ބުންޏެވެ. އަދި ރާއްޖޭގައި ބޭނުން މަނާކޮށްފައިވާ 30 މިޔަރުވެސް ބޯޓުން ފެނިފައިވާކަމަށް އޭނާ މައުލޫމާތުދެއްވިއެވެ.

މީގެ ކުރިން ލަންކާގެ މަސްބޯޓުފަހަރުވެސް މިފަދައިން ޤަވާއިދާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަނިކޮށް ހިފަހައްޓާފައިވެއެވެ. އަދި އެބޯޓުތައްވެސް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފައި ވެއެވެ.

އެބޯޓުތަކުގެ ވެރިންވެސް އެ ޖޫރިމަނާ މައާފުކޮށްދިނުން އެދި މިނިސްޓްރީއަށް ތަކުރާރުކޮށް ސިޓީތައް ފޮނުވި ނަމަވެސް އަބަދުވެސް މިނިސްޓްރީން އެފަރާތްތަކަށް ދެމުންއައި ޖަވާބަކީ އެފަދައިން މިނިސްޓްރީއަށް އެ ޖޫރިމަނާ މައާފުކުރުމުގެ ބާރު ލިބިފައި ނެތްކަމަށް ބުނުން ކަމަށެވެ.

"ބޭރުގެ ބޯޓުތައް އެކަންޏެއް ނޫން، ޤަވާއިދާ ޚިލާފުވެގެން ދިވެހި ބޯޓުތައްވެސް މިނިސްޓްރީން ޖޫރިމަނާކުރޭ. އެހުރިހާ އެންމެންވެސް ޖޫރިމަނާ މައާފުކޮށްދޭން އެދޭ، އަބަދުވެސް މިނިސްޓްރީގެ ޖަވާބަކީ، އެއީ މިނިސްޓްރީއަށް ކުރެވޭނެ ކަމެއް ނޫނޭ ބުނުން،" މި ޚަބަރަށް މައުލޫމާތު ދެއްވި ސަރުކާރުގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ.

ނަމަވެސް އިންޑިއާގެ މި މަސްބޯޓުގެ ފަރާތުން ޖޫރިމަނާ މައާފުކޮށްދޭން އެދުމުން، ދައްކަން އެންގި 4.2 މިލިއަން ރުފިޔާގެ ޖޫރިމަނާ މައާފުކޮށްދެވޭނެ ގޮތްތައް ހޯދުމުގެ މަސައްކަތް މިހާރު ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން މާލިއްޔަތު ޤާނޫނާއި ޤަވާއިދުގެ ތެރެއިން އެކަން ކުރެވޭނެ ގޮތެއް ފެނޭތޯ ސަރުކާރުން ދިރާސާކޮށް ބަލަމުންދާކަމަށް މި މައްސަލައާ ގުޅިގެން މައުލޫމާތުދެއްވި އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މި މައްސަލާގައި ޖޫރިމަނާ މައާފުކޮށްދިނުމަށް މިނިސްޓްރީއަށް ހުށަހެޅުމުން މިނިސްޓްރީންވަނީ ޖޫރިމަނާ މައާފުކޮށްދެވެން ނެތްކަމަށް އަންގާފައެވެ. ދެން އޮންނާނީ އެ ނިންމުން މިނިސްޓްރީގެ މުރާޖައާ ކޮމިޓީއަށް ހުށަހެޅުމެވެ. "މިކަން ހަމަޖައްސައިދޭން ބޭނުންވާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާ މުރާޖައާ ކޮމިޓީންވެސް އެ ޖޫރިމަނާ މައާފުކޮށްދޭން ނުނިންމާނެކަން. އެހެންވީމާ ސަރުކާރުން މަސައްކަތްކުރަނީ އެހެން ގޮތެއް ހޯދައިގެން އެކަންކުރަން،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މިކަމުގައި ސަރުކާރުގެ ވިސްނުންހުރީ މި ފައިސާއަކީ ދައުލަތަށް ލިބެން ނެތް ފައިސާކަމަށް ކަނޑައަޅައި މާލިއްޔަތު ޤަވާއިދުގެ ދަށުން ލިބޭ ބާރުގެ ބޭނުންކޮށްގެން ފިނޭންސް މިނިސްޓްރީން މި ފައިސާ ނުލިބޭނެތީ މައާފުކުރުމަށެވެ.

މިފަދައިން މިހާރުވެސް ދައުލަތަށް ލިބެންޖެހޭ ބައެއް ފައިސާ މައާފުކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން 2002 ވަނަ އަހަރު މަސްދޯނިފަހަރު ބަންނާށާއި ދޯނިފަހަރުގައި އިންޖީނު އެޅުމަށް މިނިސްޓްރީން ދޫކުރި ފައިސާއިން ނުލިބިހުރި 13 މިލިއަނެއްހައި ރުފިޔާއަކީ ދައުލަތަށް ނުލިބޭނެ ފައިސާކަމަށް ނިންމައި، ދައުލަތަށް ލިބެންޖެހޭ ފައިސާއާއި މުދާ އަނބުރައި ނުލިބޭނެކަމަށް ކަނޑައަޅައި ދޫކޮށްލުމުގައި އަމަލުކުރާ އުސޫލު"ގެ ދަށުން އެ ފައިސާ މައާފުކުރުމުގެ ހުއްދަ ފާއިތުވި ހަފުތާގައި ރައީސް އޮފީހުން ދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑަށް ބުރަވެވެނީ ހަމަ އެއުސޫލުން މި ފައިސާވެސް މައާފުކޮށްދޭނޭ. މިފަދައިން މިފައިސާ މައާފުކޮށްދިނުމަކީ ވަރަށް ބޮޑު އިންޖަސްޓިސްއެއް. ރާއްޖޭގެ ސަރަހައްދުގައި ހިތުހުރިގޮތަކަށް ދާއަޅައިގެން މަސްވެރިކަން ކުރަން ދެވޭ ހިތްވަރެއް،" އޭނާ ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ