ހަންގަނޑު ރައްކާކޮށްފައި ހުންނަ އެންމެ ބޮޑު އެއް ބޭންކު ހުންނަނީ އިސްރާއީލުގައެވެ. މި ބޭންކަކީ އިންސާނުންގެ ހަން ރައްކާކުރާ ޞިއްޙީ ފެސިލިޓީއެކެވެ. އެތަނުގައި ރައްކާކުރާ ހަން ފަހުން ބޭނުންކުރަނީ ހަމުގެ ބައެއް ބަލިތަކާއި ހަމުގެ ކެންސަރުގެ ފަރުވާތައް އުފެއްދުމަށެވެ. މި ބޭންކަކީ 1986 ވަނަ އަހަރު އިސްރާއިލު އަސްކަރިއްޔާގެ ސިއްހީ ބައިން ޤާއިމުކުރި ބޭންކެކެވެ. ބައިނަލްއަޤުވާމީ ފެންވަރުގައި އެކި ޤައުމުތަކަށް ޚިދުމަތް ފޯރުކޮށްދޭ މި ބޭންކުން ހުޅަނގުގެ ޤައުމުތަކުން އެދުމުން ޚާއްޞަ ސަމާލުކަމެއް ދީގެން ޚިދުމަތް ފޯރުކޮށްދެއެވެ.
އިސްރާއީލުގައި ހުންނަ ހަން ރައްކާކުރާ ބޭންކަކީ ދުނިޔޭގައި ހުރި އެބާވަތުގެ ހަމައެކަނި ބޭންކެއް ނޫނެވެ. އެހެނިހެން ޤައުމުތަކުގައި ހުންނަ މިބާވަތުގެ ބޭންކުތަކާއި މި ބޭންކުގެ މައިގަނޑު ތަފާތަކީ މިތަނުގައި ރައްކާކޮށްފައިވާ ހުރިހާ ހަމަކީ އަމިއްލައަށް އެދިގެން ދަރުމައަށް މީހުން ހަދިޔާކޮށްފައި ހުރި ހަންކަމަށް ނުވުމެވެ. އެތަނުގައި ރައްކާކޮށްފައިވާ ބައެއް ހަމަކީ ފަލަސްޠީނުގެ ޝަހީދުންގެ ހަށިގަނޑުން ވަކިކޮށް އެތަނަށް ގެންނަ ހަމެވެ. ހަން ނޫނަސް ޝަހީދުންގެ ގުނަވަންތައް ވަގަށްނެގުމަކީ އިސްރާއީލުން ހިންގަމުން އައި، ވަރަށް ބޮޑަށް ފޮރުވި ސަމާލުކަން ނުލިބި އޮތް ޖަރީމާއެކެވެ.
އެތައް ރިޕޯޓަކުން ކަށަވަރުވެފައިވާ ގޮތުގައި ޞަހުޔޫނީ އަސްކަރިއްޔާއާއި ޞިއްޙީ އިދާރާތަކުން ފަލަސްޠީނު ރައްޔިތުންގެ ގުނަވަންތައް ވަގަށް ނަގައެވެ. އަދި އެކަމުގެ މައްޗަށް މިފަދަ އޮޕަރޭޝަންތަކުގައި ޝާމިލުވެ ބައިވެރިވެފައިވާ ޞަހުޔޫނީ ޑޮކްޓަރުން ހެކިބަސް ދީފައި އެބަހުއްޓެވެ. އިސްރާއީލަކީ މެދުއިރުމަތީގައި ގުނަވަނުގެ ވިޔަފާރީގެ އެންމެ ބޮޑު ބާޒާރެވެ.
މިވާހަކައިގެ ފެށުން ރުޖޫއަވަނީ 2001 ވަނަ އަހަރުގައި ސުވިޑެންގެ ތަހުގީގީ ނޫސްވެރިއެއްކަމަށްވާ ޑޮނާލްޑް ބޮސްޓްރޯމް ޝާއިއުކުރި ތަހުގީގީ ރިޕޯޓަކަށެވެ. އެ ރިޕޯޓުގައި ފަލަސްޠީނުގެ ޝަހީދުންގެ ހަށިތަކުން ގުނަވަނުގެ ވައްކަން އިސްރާއީލުން ކުރާކަން އޭނާ ހާމަކުރިއެވެ. އަދި އެފަދައިން ވަގަށްނަގާ ގުނަވަންތަކުން އިސްރާއީލުގެ އިދާރާތަކުން ވިޔަފާރިކުރާކަންވެސް އޭނާ ހާމަކުރިއެވެ. މިއީ ޞަހުޔޫނީންގެ މި ޖަރީމާ ބައިނަލްއަޤުވާމީ ލޯތަކުގެ ކުރިމަތީގައި ކަޝްފުވެގެން އައި ފުރަތަމަ ފަހަރެވެ.
ބޮސްޓްރޯމްގެ މަސައްކަތް އެހިސާބުން ނިންމައިނުލައި، 2009 ވަނަ އަހަރު ސުވިޑެންގެ ނޫހެއްކަމަށްވާ އަފްޓޮންބްލޮޑެޓްގައި އިތުރު ތަހުގީގީ ރިޕޯޓެއް އޭނާ ޝާއިއުކުރިއެވެ. އެރިޕޯޓުގައި ބޮސްޓްރޯމް ކިޔައިދިނީ 1992 ވަނަ އަހަރު އިސްރާއީލުގެ އެއިރުގެ ޞިއްޙަތާ ބެހޭ ވަޒީރު އެހޫދު އޮލްމާޓް ގުނަވަން ހަދިޔާކުރުމަށް ހިތްވަރުދޭ ޕްރޮގުރާމެއް ފެށިކަމެވެ. ނަމަވެސް އެ ޕްރޮގުރާމާއެކުވެސް ގުނަވަން ހަދިޔާކުރާ މިންވަރާ ގުނަވަނަށް އޮތް ޑިމާންޑުގެ ފަރަގު ކުޑަނުވިކަމެވެ.
މި ކެމްޕެއިން ފެށި ދުވަސްވަރުގައި ގިނަ އަދަދަކަށް ފަލަސްޠީނުގެ ޒުވާނުން ގެއްލެން ފެށިއެވެ. ރޭގަނޑުގެ ކަނު އަނދިރީގައި އެމީހުންގެ ފުރާނަ ނެތް މަސްގަނޑުތައް ބަންދުކޮށްފައިވާ ސަންދޯކުތަކުގައި ގެނެސް، ރޭގަނޑުގެ އަނދިރީގައި ޖަނާޒާއެއް ނުބާއްވައި އެމީހުން ވަޅުލަން އިސްރާއީލުން އެޒުވާނުންގެ އާއިލާތަކަށް އައީ މަޖުބޫރުކުރަމުންނެވެ.
ބޮސްޓްރޯމް ބުނި ގޮތުގައި އެދުވަސްވަރު އޭނާވެސް ހުރީ މެދުއިރުމަތީގައެވެ. އދގެ މުވައްޒަފުން އޭނާއަށް ގުޅައި ކަންކަން ހިނގަމުންދާ ގޮތާމެދު ކަންބޮޑުވުން ފާޅުކޮށް، ގުނަވަނުން ވައްކަންކުރުމުގެ އަމަލު ހިނގާކަން ކަށަވަރުވާކަމަށާއި، އެކަމާމެދު ފިޔަވަޅު އެޅުން އެމީހުންނަށް މަނާކޮށްފައިވާކަމަށް ބުނަމުންދިޔަ ކަމުގައި ބޮސްޓްރޯމް ލިޔެފައިވެއެވެ.
މި ކޯލުތަކާ ގުޅިގެން ބޮސްޓްރޯމް ނިންމީ އެކަން އިތުރަށް ތަހުގީގުކުރާށެވެ. އެގޮތުން އެ ސަރަހައްދަށް ގޮސް މިފަދައިން ހަށިފޭރުމަށްފަހު، މަރާލައި ގެއަށް ގެނައި ޒުވާނުންގެ އާއިލާތަކާ ބައްދަލުކުރުމުން އެޒުވާނުންގެ ހަށިތައް އަނބުރާ ހަވާލުކުރިއިރު ހަށިގަނޑުގެ ގުނަވަންތައް މަދުކަމަށް އާއިލާތަކުން ބުނެފައިވެއެވެ. އެގޮތުން 1992 ގައި އުއްމުއް ތީން އަވަށުން އިސްރާއީލު ސިފައިން ހަށިފޭރިގަނެގެން ގެންގޮސް މަރައިލުމަށްފަހު އާއިލާއާ ހަވާލުކުރި، އުމުރުން 19 އަހަރުގެ ޒުވާނެއްކަމަށްވާ ބިލާލް އަޙްމަދު ޣަނާނުގެ ހަށިގަނޑު ހަވާލުކުރިއިރު، އެތެރެހަށީގެ ގުނަވަންތައް ނެތްކަމަށާއި، އޭނާގެ ކަރުން ފެށިގެން ދަށްބަނޑާ ހަމައަށް ފަޅާފައިވާކަމަށް އާއިލާއާ ހަވާލާދީ ބޯސްޓްރޯމް ލިޔެފައިވެއެވެ.
އިސްރާއީލުގެ އިދާރާތަކުން އެ ވާހަކަތައް ދޮގެއް ނުކުރެއެވެ. ބިލާލުގެ ހަށިގަނޑާމެދު ކަން ހިނގިކަމަށް އާއިލާއިން ކިޔައިދޭ ވާހަކަތަކަކީ ދެތު ވާހަކަތަކެއްކަމަށް ވެދާނެކަމަށް އިސްރާއީލުގެ ފޮރެންސިކް މެޑިސިން އިންސްޓިޓޫޓުގެ އެއިރުގެ ވެރިޔާ ބުނެފައިވާކަން ބޮސްޓްރޯމް ފާހަގަކުރިއެވެ. އެއީ އެތަނަށް ގެންނަ ހުރިހާ ހަށިގަނޑަކުންވެސް ނެގެތް ހުރި ހުރިހާ އެއްޗެއް އަބަދުވެސް ނަގާތީކަމަށް އޭނާ ބުނިކަމަށްވެސް ބޮސްޓްރޯމް ލިޔެފައިވެއެވެ.
މި މައްސަލައާ ގުޅޭ ގޮތުން 2009 ވަނަ އަހަރު އާންމުކުރި ޑޮކިއުމެންޓަރީއަކަށް އިސްރާއީލުގެ ފޮރެންސިކް މެޑިސިން އިންސްޓިޓޫޓުގެ ކުރީގެ ވެރިޔާ ޔެހޫދާ ހިސް ބުނެފައިވަނީ، ފަލަސްޠީނުގެ ޝަހީދުންގެ ހަށިތަކުން ކަށްޓާއި، ހަމާއި، ހިތުގެ ބައިތައް ނަގާފައިވާނެ ކަމަށެވެ. އެތަކެތި ނެގުމުގެ ގިނަ މަސައްކަތްކުރީ ރަސްމީ ސިފައެއްގައި ނޫންކަމަށާއި، އެކަމަށް އެ ޝަހީދުންގެ އާއިލާތަކުގެ އިޛުނައެއް ހޯދާފައިނުވާނެ ކަމަށެވެ.
އިސްރާއީލުގެ ފޮރެންސިކް މެޑިސިން އިންސްޓިޓޫޓާ ގުޅޭ ގޮތުން އެތަނުގައި ކުރިން މަސައްކަތްކުރި އެންތުރޮޕޮލޮޖިސްޓެއްކަމަށްވާ މީރާ ވެއިސް ލިޔެފައިވާ "އޮން ދެއާ ބޮޑީސް" މިފޮތުގައި އޭނާ ބުނީ އެ އިންސްޓިޓޫޓުގައި އޭނާ އުޅުނުއިރު، ފަލަސްޠީނު މީހުންގެ ހަށިތަކުން ގުނަވަންތައް ނަގައި އިސްރާއީލު ސިފައިންގެ ހަށިތައް ސަލާމަތުން ދޫކޮށްލާތަން އޭނާ ދުށްކަމަށެވެ.
އޭނާ އިތުރަށް ލިޔެފައިވަނީ އެތަނުގައި ފަލަސްޠީނު ޝަހީދުންގެ ހަށިތަކުން ނޭވާހޮޅިއާއި ހިތުގެ ވަލްވާއި ހަން ނަގަނީ އެ ގުނަވަންތައް ނެތްކަމަށް ތަޚައްޞުޞީ ޑޮކްޓަރުންނަށް ނޫނީ ދެނެނުގަނެވޭނެ ގޮތަށެވެ. އެގޮތުން ނޭވާހޮޅިތައް ނެގުމަށްފަހު ބަދަލުގައި ޕުލާސްޓިކު ބައިތަކެއް ލައްވާ ކަމަށާއި، ހަންގަނޑު ނަގަނީ މުޅިންވެސް ބުރިކަށިން އާއިލާއަށް ނުފެންނާނެ ގޮތަށް ބަލައިގެން ކަމުގައިވެސް އޭނާ ލިޔެފައިވެއެވެ. އަދި ދިރާސީ ބޭނުންތަކަށް އިސްރާއީލުގެ ޔުނިވާސިޓީތަކާއި މެޑިކަލް ފެކަލްޓީތަކުގައި ޝަހީދުންގެ ހަށިތައް ބޭނުންކުރާކަމަށްވެސް އޭނާ ލިޔެފައިވެއެވެ.
އަދި ފުރަތަމަ އިންތިފާޟާގެ ދުވަސްވަރުގައި އިސްރާއީލުގެ އަސްކަރިއްޔާގެ އެދުމަށް އެ އިންސްޓިޓޫޓުގައި ފަލަސްޠީނު އަސީރުންގެ އޮޕަރޭޝަންތައް ކޮށް އެ އޮޕަރޭޝަންތަކުގެ ތެރެއިން އެމީހުންގެ ހަށިގަނޑުން ގުނަވަންތައް ވަކިކޮށްފައިވާކަމަށާއި، އެގޮތަށް ވަކިކުރާ ހަންތައް ޞަހުޔޫނީ ސިފައިންގެ ތެރެއިން އަލިފާނުގެ ހާދިސާތަކުގައި ނުވަތަ ހަނގުރާމާގައި އަނދާފައިވާ މީހުންނަށް ފަރުވާދިނުމަށް ބޭނުންކުރާކަމަށްވެސް އޭނާ ލިޔެފައިވެއެވެ.
ދުނިޔޭގެ ނިސްބަތުންވެސް އިސްރާއީލަކީ އިންސާނުންގެ ގުނަވަނުގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާ ދައުލަތެކެވެ. އަދި އެއީ މުޅި މެދުއިރުމަތީގައި އެ ވިޔަފާރި އެންމެ ފުޅާކޮށް ކުރާ ތަނެވެ. އަޙްމަދު ސާލިމުގެ މިރިޕޯޓުގައި އިސްރާއީލުން މިވިޔަފާރީގެ ބޭނުމަށް ފަލަސްޠީނު މީހުން މަރައި އެމީހުންގެ ހަށިތަކުގެ އެތެރެހަށީގެ ގުނަވަންތައް ވަގަށް ނަގައި، އެއިން ޤާނޫނާ ޚިލާފަށް ފައިދާ ހޯދާ ގޮތުގެ ތަފުސީލުތައް ކިޔައިދީފައިވެއެވެ.
މިފަދަ އެއް ހާދިސާއަކީ 2009 ވަނަ އަހަރު އެމެރިކާގެ ފެޑަރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަނުން އަތުލައިގަތް ލެވީ އިސާކް ރޯސަންބައުމް ނަމަކަށް ކިޔާ މީހާގެ ވާހަކައެވެ. އޭނާ ބޮޑު އަގު ނަގައިގެން އިސްރާއީލުގެ ބަޔަކަށް ފައިސާ ދީގެން ގުނަވަންތައް ހޯދައިދިނުމުގެ މެދުވެރިއެއްގެ ދައުރު އަދާކުރާކަން ފަޅާއަރައި ހައްޔަރުކޮށް ޖަލަށް ލިއެވެ. އެ ގުނަވަންތަކަކީ "ހަދިޔާކުރި" ގުނަވަންތަކެއްކަމަށް ރޯޒަންބައުމް ބުނި ނަމަވެސް ގުނަވަން ހަދިޔާކުރި މީހެއް ތަހުގީގުތަކަށް ހޯދިފައިނުވެއެވެ.
ނޫސްވެރިޔާ ޑޮނާލްޑް ބޮސްޓްރޯމް ލިޔުނު ގޮތުގައި މިފަދައިން އިސްރާއީލު މީހަކު މެދުވެރިގެން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވަގަށް ފޯރުކޮށްދޭ ގުނަވަންތަކަކީ ގިނައިން ވަގަށް ނަގާފައިވާ ގުނަވަންތަކެވެ. އަދި 21 ޤަރުނުގެ ފުރަތަމަ ދަހަރުގައި އިސްރާއީލުގައި ޗިސްމޭ ބަދަލުކޮށްފައިވާ މީހުންގެ ދެބައިކުޅަ އެއްބައި މީހުންނަކީ ޤާނޫނާ ޚިލާފު މަގުތަކުން ޗިސްމޭ ގަތް މީހުންކަން އިސްރާއީލުގެ އިދާރާތަކަށް އެނގުނު ނަމަވެސް އެކަމާ އަޅާލާފައިނުވެއެވެ.
2016 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 27 ވަނަ ދުވަހުގައި އިސްރާއީލުގެ ނޫސް ހާރެޓްޒްގައި ޝާއިއުކުރި ރިޕޯޓެއްގައި އިސްރާއީލުގެ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުރި ފަލަސްޠީނު ޝަހީދުންތަކެއްގެ ހަށިތައް ގެއްލިފައިވާކަމަށް ބުނެފައިވެއެވެ. އަދި އިސްރާއީލުގެ ޖުޑީޝަރީއާއި ސަލާމަތީ ބާރުތަކުގެ މަސްދަރުތަކާ ހަވާލާދީ އެ ރިޕޯޓުގައި ބުނެފައިވަނީ 70ގެ އަހަރުތަކުން ފެށިގެން އިސްރާއީލުގެ އިދާރާތަކުގެ ބެލުމުގެ ދަށުގައި ހުރި ފަލަސްޠީނު ޝަހީދުންގެ ހަށިތަކުން 121 ހަށިގަނޑު ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށެވެ.
ފަލަސްޠީނުގެ ޝަހީދުންގެ ހަށިތަކުން ގުނަވަން ވަގަށް ނެގުމުގެ ކަންކަން 2009 ވަނަ އަހަރުގައި ފަޅައިއަރައި ގިނަ ބައެއްގެ ފާޑުކިޔުން އިސްރާއީލަށް އަމާޒުވުމުން އެއިރު އިސްރާއީލުގެ ޞިއްޙީ ވުޒާރާގެ ތަރުޖަމާނު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އަމަލަކީ އިހުގައި ހިނގި އެއިރު އެކީ ނެތިގެންގޮސްފައިވާ ކަމެއް ކަމަށެވެ.
އިންސާނީ ޙައްޤުތަކާއި ކަރާމާތަށް އަރައިގަންނަ މިޖަރީމާ މިހާރު ނުހިންގާކަމަށް އިސްރާއީލުން ބުނި ނަމަވެސް އެ ވާހަކަތަކާމެދު ޝައްކު އުފެދެއެވެ. އެ ޝައްކަށް ބާރުދޭ އެއްކަމަކީ އަދަބެއްގެ ގޮތުގައިކަމަށް ބުނެ ފަލަސްޠީނުގެ ޝަހީދުންގެ ހަށިތައް އިސްރާއީލުގެ ބެލުމުގެ ދަށުގައި އަދިވެސް ބަހައްޓަމުން އައުމެވެ.
އަސީރުންނާއި ޖަލުން މިނިވަންވާ މީހުންގެ ކަންކަން ދިރާސާކުރާ ޖަމާއަތެއްގެ ރައީސް ޢަބްދުއްނާޞިރު ފަރްވާނާ ވިދާޅުވި ގޮތުގައި މިހާރުވެސް 370 ފަލަސްޠީނު ޝަހީދުންގެ ހަށިތައް އިސްރާއީލުން ހިފަހައްޓާފައިވެއެވެ. އޭނާ ވިދާޅުވި ގޮތުގައި ހިފަހައްޓާފައިވާ ހަށިތަކުގެ ތެރޭގައި 70 ގެ އަހަރުތަކުން ފެށިގެންގޮސް 2023 ވަނަ އަހަރާ ދެމެދުގައި ޝަހީދުވި މީހުންގެ ހަށިތައް ހިމެނެއެވެ.