ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން މާލީ ހާލަތު އެންމެ ބޮޑަށް ގޯސް އެއް ކުންފުނިކަމަށްވާ ފެނަކައިގެ މެނޭޖިން ޑިރެކްޓާ އަޙްމަދު ސައީދު އިއްޔެ ސަރުކާރަށް ތާއީދުކުރާ ބައެއް ނޫސްތައް އެއްކުރައްވައިގެން ކުރިއަށްގެންދެވި ބައްދަލުވުމުގައި އެ ކުންފުނީގެ މާލީ ހާލަތާ ގުޅޭ ގޮތުން ދައްކަވާފައިވާ ވާހަކަފުޅުތަކަކީ ކުންފުނީގެ މާލީ ހިސާބުތަކާއި، އޮޑިޓާ ޖެނެރަލްގެ އޮފީހުން ހަދާފައިވާ އޮޑިޓުތަކާއި، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރިޕޯޓުތަކުން ފެންނަން ހުރި ހިސާބުތަކާ ޚިލާފު ވާހަކަތަކެއްކަން ހާމަވެއްޖެއެވެ.
ސައީދު އިއްޔެ ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ވިދާޅުވި އެއް ވާހަކަފުޅަކީ އޭނާ ކުންފުންޏާ ހަވާލުވެވަޑައިގެންނެވިއިރުވެސް އެ ކުންފުނީގައި ބޮޑު ދަރަންޏެއް އޮތްކަމަށް ވިދާޅުވި ވާހަކަފުޅެވެ. އެގޮތުން އޭނާ ވިދާޅުވި ގޮތުގައި އެ ކުންފުނީގެ އެމްޑީގެ މަޤާމަށް އޭނާ 2018 ވަނަ އަހަރު ވަޑައިގެންނެވިއިރު އެ ކުންފުނީގައި 1.2 ބިލިއަން ރުފިޔާގެ ދަރަންޏެއް އޮތެވެ.
މަތީގައިވާ މާލީ ބަޔާނަކީ އޮޑިޓާ ޖެނެރަލް އޮފީހުން ޝާއިއުކޮށްފައިވާ ފެނަކައިގެ 2018 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައި ހިމެނޭ އެ ކުންފުނީގެ މާލީ ބަޔާނެވެ. އެ މާލީ ބަޔާނުގައި ކުންފުނީގެ ދަރަނި ބަޔާންކުރަނީ ދެ ކެޓަގަރީއެއްގައެވެ. އެއީ Non-current liabilities ނުވަތަ އެއް އަހަރަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި އަދާކުރަންނުޖެހޭ އިލްތިޒާމުތަކާއި، Current liabilities ނުވަތަ އަހަރަކަށްވުރެ ކުރު މުއްދަތުގައި އަދާކުރަންޖެހޭ އިލްތިޒާމުތަކެވެ.
އެ ބަޔާނުން ފާހަގަވާ ގޮތުގައި 2018 ވަނަ އަހަރުގެ ނިޔަލަށް އަހަރު ދުވަހުގެ ތެރޭގައި އަދާކުރަންނުޖެހޭ އިލްތިޒާމުތަކުގެ ތެރެއިން 372 މިލިއަން ރުފިޔާއަކީ Deferred income ނުވަތަ ލިބުން ލަސްވެފައިވާ އާމްދަނީއެވެ. އެހެންކަމުން އެއީ ކުންފުނިން އަދާކުރަންޖެހޭ ދަރަންޏެއް ކަމުގައި ނުބެލެވޭނެއެވެ. ބާކީ 109 މިލިއަން ރުފިޔާއަކީ ކުންފުނިން ނަގާފައިވާ ލޯނުތަކަށް ދައްކަންޖެހޭ ފައިސާއެވެ. އެއީ ދަރަންޏެވެ.
އެ އަހަރުގެ ނިޔަލަށް އަހަރު ދުވަހަށްވުރެ ކުރު މުއްދަތުގައި އަދާކުރަންޖެހޭ މާލީ އިލްތިޒާމުތަކުގެ ޖުމްލައަކީ 679 މިލިއަން ރުފިޔާއެވެ. އެއިން 620 މިލިއަން ރުފިޔާއަކީ ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުންނާއި އެހެނިހެން ފަރާތްތަކަށް ދައްކަންޖެހިފައި ހުރި ފައިސާއެވެ.
އެހެންކަމުން 2018ގެ ނިޔަލަށް ފެނަކައިން ދިގު މުއްދަތުގައި އަދާކުރާ ދަރަންޏާއި، އަހަރު ދުވަހުގެ ތެރޭގައި އަދާކުރަންޖެހޭ ދަރަނީގެ ޖުމްލައަކީ، 788 މިލިއަން ރުފިޔާއެވެ. ސައީދު ވިދާޅުވި އަދަދަކީ ދަރަނީގެ އަދަދެއް ނޫނެވެ. އެއީ ކުންފުނީގެ އިކުއިޓީ ނުވަތަ ކުންފުނީގެ އެސެޓުތަކުން ދަރަނި ކެނޑުމުން ނުކުންނަ އަދަދާއި ދަރަނީގެ އަދަދު އެއްކުރުމުން ނިކުންނަ އަދަދެވެ. އެއީ ދަރަނީގެ ޖުމްލަ އަދަދެއް ނޫނެވެ.
"ފެނަކައިގެ 2018 ގެ ފަހުކޮޅުން މި އަހަރަށް ދަރަނި އިތުރުވި އަދަދަކީ 1.9 ބިލިއަން ރުފިޔާ. އެހެންވީމަ ކުރީގެ ކުންފުނީގެ ދަރަންޏާ މިއާ އަޅާ ކިޔާލީމަ ހަގީގީ އިތުރުވި ދަރަންޏަކީ 632 މިލިއަން ރުފިޔާ،" ސައީދު ވިދާޅުވިކަމަށް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
ސައީދު ވިދާޅުވާ ގޮތުން 2023 ވަނަ އަހަރުގެ މިހާތަނަށް ފެނަކައިގެ ދަރަންޏަކީ 1.9 ބިލިއަން ރުފިޔާއެވެ. އަދި ވިޔަފާރިތަކަށް ދައްކަންޖެހި ނުދައްކައިހުރި ފައިސާގެ އަދަދުކަމަށް އޭނާ ވިދާޅުވާ އަދަދަކީ 1.4 ބިލިއަން ރުފިޔާއެވެ. ނަމަވެސް އެންމެ ފަހުން ޝާއިއުކޮށްފައިވާ އޮޑިޓު ރިޕޯޓުތަކަށް ބަލާއިރު މިއީ ޞައްޙަ އަދަދެއް ނޫންކަން އެނގެއެވެ. އަދި ޕީސީބީން ޝާއިއުކުރި ހިސާބުތަކަށް ބަލާއިރު، އެންމެ ފަހުގެ އޮޑިޓު ރިޕޯޓުތަކުން ފެންނަ ދަރަނީގެ އަދަދަށްވުރެ މިހާރު އެ ކުންފުނީގެ ދަރަނިވަނީ އެތައް ތަނެއް އިތުރުވެފައެވެ.
އެންމެ ފަހުން އޮޑިޓު އޮފީހުން ފެނަކައިގެ އޮޑިޓު ރިޕޯޓެއް އާންމުކޮށްފައިވަނީ 2021 ވަނަ އަހަރުއެވެ. އެ އަހަރުގެ އޮޑިޓު ރިޕޯޓުގައި ހިމަނާފައިވާ ފެނަކައިގެ މާލީ ބަޔާނަށް ބަލާއިރު އެއް އަހަރަށްވުރެ ކުރު މުއްދަތުގައި އަދާކުރަންނުޖެހޭ ދަރަންޏާއި އެއް އަހަރުގެ ތެރޭގައި އަދާކުރަންޖެހޭ ދަރަނި އެއްކޮށްލުމުން ފެނަކައިގެ ދަރަނި 1.6 ބިލިއަން ރުފިޔާއަށް އެއިރުވެސް އަރައެވެ. އެ ފައިސާގެ ތެރެއިން ބޮޑު ބައަކީ ވިޔަފާރިތަކަށް އެ ކުންފުނިން އަދާކުރަންޖެހިފައިވާ ފައިސާއެވެ. އެއީ 1.4 ބިލިއަން ރުފިޔާއެވެ.
ފެނަކައިގެ މާލީ ހާލަތު އެނގޭނެ އެންމެ ފަހުގެ ރިޕޯޓަކީ ކޮންމެ ކުއާޓާއެއް ނިމުމުން ޕީސީބީން އާންމުކުރާ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ދައުލަތުގެ ކުންފުނިތަކުގެ ކުއާޓާލީ ފައިނޭންޝަލް ރިވީއުއެވެ. އެ ރިޕޯޓުގައި އަލިއަޅުވައިލާ ހުރިހާ ކުންފުނިތަކުގެ މާލީ ބަޔާންތަކުގެ ޚުލާޞާއެއް ފެންނަ ޓޭބަލެއް ހިމަނާފައިވެއެވެ.
އެ ޓޭބަލަށް ބަލާއިރު 2022 ވަނަ އަހަރުގެ ނިޔަލަށް ކުންފުނީގެ ޖުމްލަ ދަރަނި ދަށަށް ދިޔައެވެ. 1.5 ބިލިއަން ރުފިޔާއަށް ޖުމްލަ ދަރަނި މަދުވި ނަމަވެސް 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގެ ނިޔަލަށް އެ އަދަދުވަނީ 2.9 ރުފިޔާއަށް އަރާފައެވެ.
އަދި އެ ރިޕޯޓުގައިވަނީ ފެނަކައިން އެކި ފަރާތްތަކަށް ދައްކަންޖެހިފައިހުރި ފައިސާގެ އަދަދުތައް ހިމަނާފައެވެ. އެ ތަފުސީލުތަކަށް ބަލާއިރު ޖުމްލަ 2.5 ބިލިއަން ރުފިޔާ ފެނަކައިން އެކި ފަރާތްތަކަށް ދައްކަންޖެހިފައިހުރިކަން އެނގެއެވެ. އެހެންކަމުން ސައީދު ވިދާޅުވި ފަދައިން ވިޔަފާރިތަކަށް ދައްކަންޖެހޭ ފައިސާގެ އަދަދަކީ 1.4 ބިލިއަނެއް ނޫންކަން ސާފުވެއެވެ.
ސައީދު އިތުރަށް ވިދާޅުވި ވާހަކަފުޅަކީ ފެނަކައިގައި 9.1 ބިލިއަން ރުފިޔާގެ ހަރު މުދާ ހުރިކަމަށް ވިދާޅުވި ވާހަކަފުޅެވެ. ނަމަވެސް 2021 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގެ މާލީ ބަޔާނުން އެނގޭ ގޮތުގައި ފެނަކައިގެ ހުރިހާ އެސެޓެއް އެއްކޮށްލުމުން އެ އަހަރު ކުންފުނީގެ އެސެޓުތަކުގެ އަގަކީ ޖުމްލަ 3.7 ބިލިއަން ރުފިޔާއެވެ. އޭގެ ތެރޭގައި ހަރު މުދަލުގެ ގޮތުގައި ނުހިމެނޭ "Intangible assets" އަދި ކުންފުނިން ދިން ޚިދުމަތަށް ބިލުކޮށްފައިވާ ފައިސާއިން ނުލިބޭ ފައިސާއާއި، ކުންފުނީގައި ހުރި ކޭޝްވެސް ހިމެނެއެވެ.
ޕީސީބީން އާންމުކޮށްފައިވާ ރިޕޯޓަށް ބަލާއިރު ފެނަކައިގެ ހުރިހާ އެސެޓެއް ހަރު މުދަލާއި އެނޫން މުދާވެސް ހިމެނޭ ގޮތަށް އަގުކުރުމުން އަރަނީ 5.2 ބިލިއަން ރުފިޔާއަށެވެ. އެ މިންވަރު 9.1 ބިލިއަން ރުފިޔާއަށް އަރާފައިވާކަން އެނގޭނެ އެއްވެސް ލިޔުމެއް އެއްވެސް އިދާރާއަކުން އާންމުކޮށްފައި ނެތެވެ.
ސައީދު ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި މައިގަނޑު ހުރިހާ ވާހަކަފުޅަކީ އޮޑިޓު ރިޕޯޓުތަކާއި، ޕީސީބީގެ ރިޕޯޓުތަކުން ފެންނާންހުރި ހިސާބުތަކާ ފުށުއަރާ ވާހަކަފުޅެވެ. ނަމަވެސް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފައިވާ ހިސާބުތަކަކީ އެ ރިޕޯޓުތަކުގައި ހުރި ހިސާބުތަކާ ދިމާވާ ހިސާބުތަކެވެ.