Saturday 20th Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާގެ އަސްކަރިއްޔާ

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަނުކުރި މައްސަލާގައި މާދަން ހައިކޯޓުން ހުކުމްކުރަނީ

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަނުކުރުމާ ގުޅިގެން ދިވެހިރާއްޖޭގައި ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައާމެދު އެ ކޯޓުން މާދަން ގޮތެއް ނިންމައި ހުކުމްކުރަން ތާވަލުކޮށްފިއެވެ.

މި މައްސަލައަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހޯދުމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ޑިފެންސް މިނިސްޓްރީއަށް ހުށަހެޅުމުން އެ މައުލޫމާތު ހާމަކޮށްފިނަމަ ޤައުމީ ސަލާމަތަށް ނުރައްކާވާނެކަމަށް ބުނެ އެ ވުޒާރާއިން އެ މައުލޫމާތު ހާމަނުކުރުމުން، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި އެ ނިންމުން އިލްތިމާސްކުރުމުން އެ މައުލޫމާތަކީ ހާމަކުރަންޖެހޭ މައުލޫމާތެއް ނޫންކަމަށް އައިކޮމްއިން ނިންމުމާ ގުޅިގެން ހައިކޯޓަށް ހުށަހެޅި މައްސަލައެކެވެ.

އެ މައްސަލައިގެ ހުރިހާ އަޑުއެހުންތައް މިހާރު ނިމިފައިވާއިރު މާދަމާ އެ މައްސަލާގައި ހުކުމްކުރާ އަޑުއެހުން އޮންނާނެކަން ހައިކޯޓުންވަނީ މައްސަލަ ހުށަހެޅުއްވި "ދިޔަރެސް"ގެ އެއް އޯނަރު އަޙްމަދު އަޒާނަށް އަންގާފައެވެ.

މި މައްސަލައިގެ އެންމެ ފަހުގެ އަޑުއެހުމުގައި ހައިކޯޓުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންވަނީ ދައުލަތަށާއި، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށާއި، މައްސަލަ ހުށަހެޅި ފަރާތަށް ސުވާލުތަކެއް އަމާޒުކުރައްވާފައެވެ. އެގޮތުން އެ މައްސަލާގައި އައިކޮމްގެ ނިންމުން ބިނާކުރި އަސާސްތަކާ ގުޅޭ ގޮތުން ފަނޑިޔާރުންވަނީ ސުވާލުކުރައްވާފައެވެ.

ޤައުމީ ދިފާއުގެ އިސްތިޝާރީ ބޯޑުގެ ލަފައަށް ބިނާކޮށް އިންޑިއާ ސިފައިންގެ އަދަދު ހާމަކުރުމަކީ ޤައުމީ ސަލާތަށް ނުރައްކާވެދާނެ އަދި ދޭދޭ ޤައުމުތަކުގެ ގުޅުމަށް ބުރޫއަރާނެ ކަމެއްކަމަށް ކަނޑައެޅިއިރު އައިކޮމްއިން އެކަމާ ގުޅޭ ލިޔެކިޔުންތައް ބަލާފައި ނެތްކަން އެ އަޑުއެހުގައި ހާމަވިއެވެ.

އޭގެ އިތުރަށް އެހެނިހެން ޑިމޮކްރެޓިކް މުޖުތަމައުތަކުގައި މިފަދަ މައުލޫމާތަކީ ހާމަކުރާ މައުލޫމާތުކަން ސާބިތުކޮށްދިނުމުގެ ގޮތުން އަޒާންވަނީ އާރްޓީއައި ފޯމެއް މެދުވެރިކޮށް އިނގިރޭސިވިލާތުގައި ޤާއިމުވެގެން ތިބޭ ބޭރު ސިފައިންގެ އަދަދު ހޯދައި، އެ މައުލޫމާތު ކޯޓާ ހިއްސާކޮށްފައެވެ.

އަދި އެ މައުލޫމާތު ހާމަކުރުމަކީ އާންމު މަސްލަހަތު އެންމެ ބޮޑަށް ރައްކާތެރިވާނެ ގޮތްކަމަށްވާއިރު، އެ މައުލޫމާތު ސިއްރުކުރުމުން ރައްކާތެރިކުރެވިދާނެކަމަށް ދައުލަތުން ދެކޭ މަސްލަހަތަށްވުރެ އެ މައުލޫމާތު ހާމަކުރުމުން ހާސިލުވާ މަސްލަހަތުގެ ބޮޑުކަން އަޒާން ފާހަގަކުރިއެވެ.

ދައުލަތުން އެދުވަހުގެ އަޑުއެހުމުގައި ބުނެފައިވަނީ އިންޑިއާއާއެކު ހެދިފައިވާ އެއްބަސްވުންތަކުގައި ރާއްޖޭގައި ތިބޭ އެ ޤައުމުގެ ސިފައިންގެ އަދަދު ހާމަކުރުން މަނާކުރާ މާއްދާތަކެއް ހިމެނޭ ކަމަށެވެ. ނަމަވެސް ފަނޑިޔާރުން އެކަމުގައި ސުވާލުކުރުމުން ދައުލަތުގެ ވަކީލުންނާއި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުންވެސް ބުނެފައިވަނީ އެ އެއްބަސްވުންތައް ފެނިފައިނުވާ ކަމަށެވެ.

މި މައްސަލައަކީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ މައްސަލައަކަށްވާއިރު މިއަދު އިންތިޚާބީ ރައީސްގެ ތަރުޖަމާން މުހައްމަދު ފިރުޒުލް ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރެވޭ މިންވަރަށް މިހާތަނަށް އިންތިޚާބީ ރައީސްގެ އޮފީހަށް އެކަމާ ގުޅޭ މައުލޫމާތު ލިބިފައިނުވާ ކަމަށެވެ.

މި ލިއުމާއި ގުޅޭ