ވެލާނާ ބައިނަލްއަޤުވާމީ އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު އަވަހަށް ނިންމުމަށް ޔުނައިޓެޑް އަރަބް އެމެރޭޓްސްއިން ފޯރުކޮށްދޭން ނިންމި 80 މިލިއަން ޑޮލަރާ ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ބައެއް މީޑިއާތަކަށް ދެއްވި ބަސްދީގަތުމުގައި ދެއްކެވި ވާހަކަފުޅަށް ޕީއެންސީގެ ޗެއާޕާސަން އަދި ޑިރެކްޓާ އޮފް ޓްރާންޒިޝަން އަބްދުއްރަހީމް އަބްދުﷲ ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާން މުޙައްމަދު ފިރުޒުލް ވިދާޅުވެފައިވަނީ ދާދިފަހުން އިންތިޚާބީ ރައީސް ޔޫއޭއީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގެ ތެރެއިން އެއާޕޯޓު މަޝްރޫޢުގެ މަސައްކަތް އަވަހަށް ނިންމުމަށް އެހީއެއްގެ ގޮތުގައި 80 މިލިއަން ޑޮލަރު ދިނުމަށް އެ ޤައުމުން އެއްބަސްވެފައިވާ ކަމަށެވެ.
ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ފެށި އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު ދިގުލައިގެން ގޮސް މަސައްކަތް ނުނިމި ލަސްވެފައިވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އެ މަސައްކަތްކުރަމުންދާ ގޮތުންކަމަށް އެއާޕޯޓު މަޝްރޫޢުގެ މަސައްކަތް ހިނގާ ގޮތުގެ ތަފުސީލު އެނގިވަޑައިގަންނަވާ ވަރަށް ގިނަ ބޭފުޅުން ވިދާޅުވެއެވެ.
އަދި އެއާޕޯޓުގެ ފަސިންޖާ ޓާމިނަލުގެ ފަރުމާއަށް މި ސަރުކާރުން ގެނައި ބަދަލުތަކާއެކު އެ މަސައްކަތް ނިންމުމަށް ކުރަންޖެހޭ ޚަރަދު ކުރިން އަންދާޒާކުރި ވަރަށްވުރެ ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލްވެސް ވިދާޅުވިއެވެ.
2025 ވަނަ އަހަރުގެ ފަހުކޮޅުގައި ނިމޭ ގޮތަށް އޮތް އެއާޕޯޓުގެ މަޝްރޫޢުގެ މަސައްކަތް ހަލުއިކޮށް އަންނަ އަހަރުގެ ފަތުރުވެރިކަމުގެ ޕީކް ސީޒަން ފެށުމުގެ ކުރިން އެ މަޝްރޫޢު ނިންމަވައިލެއްވުމަށް އިންތިޚާބީ ރައީސްވަނީ އަމާޒު ހިއްޕަވާފައެވެ.
ފިރުޒުލް މިއަދު ވިދާޅުވީ ޔޫއޭއީއަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ކުރެއްވި ނުރަސްމީ ދަތުރުފުޅުގެ ތެރެއިން ލިބިވަޑައިގެންނެވި ފުރުސަތެއްގައި އެއާޕޯޓު މަޝްރޫޢަށް 80 މިލިއަން ޑޮލަރުގެ އެހީއެއް އެ ޤައުމުން އެމަނިކުފާނު ހޯއްދަވާފައިވާ ކަމަށެވެ.
ފިރުޒުލްގެ ވާހަކަފުޅާ ގުޅިގެން ބައެއް މީޑިއާއަށް މައުލޫމާތުދެއްވަމުން އަމީރު ވިދާޅުވެފައިވަނީ އެ ފައިސާއަކީ މި ސަރުކާރުން ހަމަޖައްސާފައިވާ ފައިސާ ކަމަށެވެ. އަދި އެ ފައިސާ ހޯދުމުގެ ހުރިހާ މަސައްކަތެއް ނިމި، އެ ފައިސާ ލިބޭނެކަމުގެ ޔަގީންކަން މިސަރުކާރަށް އަރަބި ކޯޕަރޭޝަން ގުރޫޕުން ދީފައިވާކަމަށްވެސް އަމީރު ވިދާޅުވިއެވެ.
އަމީރުގެ ވާހަކަފުޅަށް ރައްދުދެއްވައި ފޭސްބުކުގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ސިފަކުރެއްވި ގޮތުގައި އަމީރުގެ ވާހަކަފުޅަކީ ރޯމާދުވާލު ހަދާ ބޮޑެތި ދޮގެވެ. އަދި މިފަދަ ދޮގުހަދައި އޮޅުވައިލުމުގެ ނަތީޖާ ސަރުކާރަށް އަދިވެސް ނުފެންނަނީތޯ އަބްދުއްރަހީމް ސުވާލުކުރެއްވިއެވެ.
އިތުރަށް އަބްދުއްރަހީމް ވިދާޅުވީ ނިމުނު ރިޔާސީ އިންތިޚާބުގެ ނަތީޖާއިން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ރައްޔިތުންނަށް އޮޅުވައިލަންކުރާ ކަންކަން ބަލައިނުގަންނާނެކަން ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ.
"އެއާޕޯޓު މަޝްރޫއަށް ބޭނުންވާ 80 މިލިއަން ޑޮލަރަކީ އިބޫ ސޯލިހުގެ ސަރުކާރުން ހޯދި އެއްޗެއް ނޫން. އެ ފައިސާ ހޯއްދެވީ އިންތިޚާބީ ރައީސް ޑރ.މުޢިއްޒު ދާދިފަހުން ޔޫއޭއީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގައި،" އެ ފައިސާ ލިބުނު ގޮތާމެދު ފިރުޒުލް ދެއްކެވި ވާހަކަފުޅަށް އިތުރަށް ބާރުދެއްވައި އަބްދުއްރަހީމް ވިދާޅުވިއެވެ.