ރައީސް ޢަބްދުﷲ ޔާމީނުގެ ސަރުކާރުގައި ފެށި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު ހަލުއިކޮށް ނިންމުމަށް 1.2 ބިލިއަން ރުފިޔާގެ އެހީތެރިކަމެއް ދިނުމަށް ޔުނައިޓެޑް އަރަބި އެމެރޭޓްސްއިން ނިންމައިފިއެވެ.
ޔޫއޭއީއިން މިއެހީތެރިކަން ދިނުމަށް ނިންމާފައިވާކަން އެ ޤައުމުން ހާމަކުރީ، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެ ޤައުމަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގައެވެ.
ޔޫއޭއީ ސަރުކާރުގެ ދައުވަތަކަށް އެ ޤައުމަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގެ ތެރެއިން އެއާޕޯޓު މަޝްރޫޢު ނިންމުމަށް ބޭނުންވާ އެހީތެރިކަން ހަމަޖެހުނުކަން މިއަދު އިންތިޚާބީ ރައީސްގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާން މުހައްމަދު ފިރުޒުލް ހާމަކުރައްވާފައިވެއެވެ.
ފިރުޒުލް ވިދާޅުވީ އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ)އިން އެއާޕޯޓު މަޝްރޫޢު ނިންމުމަށް ބޭނުންވާ ފައިސާ އިންތިޚާބީ ރައީސް ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ހަމަޖެހިފައިވާ ކަމަށެވެ.
"ޔޫއޭއީއަށް އެމަނިކުފާނު ކުރެއްވި އަމިއްލަ ދަތުރުފުޅުގެ ތެރެއިން ލިބިވަޑަިއގެންނެވި ފުރުސަތުގެ ތެރޭގައި ކުރެއްވި މަޝްވަރާތަކުގެ ތެރެއިން އެ ފައިސާ ހަމަޖެއްސަވައިދެއްވުމަށް ޔޫއެސް ސަރުކާރުގެ ތެރެއިން އަބޫދާބީގެ ސަރުކާރުގައި އެދިވަޑައިގެންފައިވޭ. އެކަމަށް އިޖާބަދެއްވައި އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމެންޓް އިން 80 މިލިޔަން ޑޮލަރު (1.2 ބިލިޔަން ރުފިޔާ) ހަމަޖައްސަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވޭ،" ފިރުޒުލް ވިދާޅުވިއެވެ.
ފިރުޒުލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި އެއާޕޯޓުގެ މަޝްރޫޢު އަވަހަށް ނިންމުމަކީ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް އިސްކަންދެއްވާކަމަކަށްވާތީ އެ މަޝްރޫޢު ނިންމުމަށް ފައިސާ ހޯއްދެވުމަށް އެ ދަތުރުފުޅުގައިވެސް މަޝްވަރާކުރެއްވީއެވެ.
"އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުތަކުގެ ތެރެއިން ރާއްޖޭގެ އިގްތިސާދު ކޮޅަށް ނެގުމަށް އެންމެ މުހިންމު ސަމާލުކަމެއް ދޭ ކަމެއްގެ ގޮތުގައި ފާހަގަކުރައްވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، ރާއްޖޭގެ މައި ދޮރާށީގެ މަޝްރޫއު ނިންމުން އަވަސްކުރުން،" ފިރުޒުލް ވިދާޅުވިއެވެ.
އަދި އެދަތުރުފުޅުގައި އިތުރު އެހެން ކަންތައްތަކާ ގުޅޭ ގޮތުންވެސް މަޝްވަރާކުރެއްވިކަމަށާއި، އެ މަޝްވަރާތަކުން ވަރަށް މުހިއްމު ގިނަ ކަންތައްތަކެއް ދިވެހިރާއްޖެއަށް ހާސިލުވެފައިވާކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.
މި ސަރުކާރުން ނިންމާފައިވާ ގޮތުން މިހާރު އެއާޕޯޓުގެ މަޝްރޫޢު ނިމޭނީ 2025 ވަނަ އަހަރުގައެވެ. ނަމަވެސް އިންތިޚާބީ ރައީސް ޑރ.މުޢިއްޒުވަނީ އެ މަސައްކަތް 2024 ވަނަ އަހަރުގެ ޕީކް ސީޒަން ފެށެންވާއިރަށް ނިންމުމަށް މަސައްކަތްކުރައްވާނެކަން އިއުލާނުކުރައްވާފައެވެ.