Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޔާމީން

ރައީސް ޔާމީނު އަތްޕުޅުން 5 މިލިއަން ޑޮލަރު ހޯދަން ދައުލަތުން ހުށަހެޅި މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ނިންމައިފި

ވ.އާރަށު މައްސަލައާ ގުޅިގެން ޕީޕީއެމްގެ ލީޑަރު ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމުގައިވާ 5 މިލިއަން ޑޮލަރު ހޯދުމަށް ދައުލަތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ކުރިއަށްނުގެންދެވޭނެ ކަމަށް އެ ކޯޓުން ނިންމައިފިއެވެ.

ފާއިތުވި އަހަރުގެ ޑިސެންބަރު މަހުގެ 25 ވަނަ ދުވަހުގައި ކުރިމިނަލް ކޯޓުންވަނީ އާރަށު މައްސަލައާ ގުޅިގެން ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅާފައެވެ. އެ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމާއެކު، 5 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކުރަން ކުރިމިނަލް ކޯޓުން ހުކުމްކުރިއެވެ.

އެ ފައިސާ އެމަނިކުފާނު ނުދައްކަވާކަމަށް ބުނެ އެޓާނީ ޖެނެރަލްގެ އޮފީހުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅުމާ ގުޅިގެން އިއްޔެ އެ މައްސަލާގައި ކޯޓުން ގޮތެއް ނިންމައި ހުކުމްކޮށްފައިވެއެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅިއިރު، އާރަށު މައްސަލާގައި ކުރިމިނަލް ކޯޓުން އިއްވި ހުކުމް ރައީސް ޔާމީނުގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރައްވާފައިވެއެވެ.

5 މިލިއަން ޑޮލަރުގެ ޖޫރިމަނާ ތަންފީޒުކުރުން އެދި އޭޖީ އޮފީހުން ކުރި ދައުވާއާ ގުޅިގެން ސިވިލް ކޯޓުން ކުރި ހުކުމުގައި ފާހަގަކުރީ، އާރަށު މައްސަލާގައި އިއްވާފައިވާ ހުކުމުގެ އިސްތިއުނާފާއެކު، އެ ޖޫރިމަނާ ދެއްކުން ފަސްކުރުމުގެ އަމުރަކަށް ރައީސް ޔާމީން ހައިކޯޓުގައި އެދިވަޑައިގަތުމުން އެފަދަ އަމުރެއް އެ ކޯޓުން ނެރެފައި އޮތް ކަމެވެ.

އެގޮތުން ހައިކޯޓުގެ އަމުރުގައި ބުނެފައިވަނީ ހައިކޯޓުގައި ހިނގަމުންދާ އާރަށު މައްސަލައިގެ އަޑުއެހުންތައް ނިންމައި ގޮތެއް ކަނޑައެޅުމާ ހަމައަށް، އެ ފައިސާ ހޯދުމުގެ ގޮތުން ކޯޓަކަށް އެއްވެސް މައްސަލައެއް ހުށަހަޅާފައިވާނަމަ އެ މައްސަލައެއް ކުރިއަށްނުގެންދިއުމަށާއި، އެނޫންވެސް ގޮތަކުން އެ ފައިސާ ހޯދުމަށް މީރާއިން ނުވަތަ ދައުލަތުގެ އެހެން އިދާރާއަކުން އެއްވެސް މަސައްކަތެއް ނުކުރުމަށެވެ.

އެހެންކަމުން ސިވިލް ކޯޓުން ނިންމާފައިވަނީ އެ މައްސަލާގައި ހައިކޯޓުގެ އަޑުއެހުންތައް ނިމި ހުކުމެއް ކުރާނެ ވަކި ތާރީޚެއް އަންދާޒާކުރަން ނޭނގޭތީއާއި، އެ މައްސަލަ ދައުލަތާ އެއްކޮޅަށް ނިމި ކުރިމިނަލް ކޯޓުގެ ހުކުމް ހައިކޯޓުން ދަމަހައްޓައިފިނަމަ، އެ ފައިސާ ހޯދުމަށް ތަންފީޒުކުރުމުގެ އަމުރަކަށް އެދުމުގެ އިޚުތިޔާރު ދައުލަތަށް އޮންނާނެތީ، ހައިކޯޓުގައި އޮތް މައްސަލަ ނުނިމެނީސް ސިވިލް ކޯޓުގައި މައްސަލަ ކުރިއަށް ގެންދިއުމުގެ ބޭނުމެއް ނެތް ކަމަށެވެ.

އެ ސަބަބުތަކަށްޓަކައި ކުރިމިނަލް ކޯޓުން އިއްވި ހުކުމުގައި ހިމެނޭ ފައިސާގެ ބައި ތަންފީޒުކުރަން އެދި ދައުލަތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ މިހާރު ކުރިއަށްގެންދަންޖެހޭ ސަބަބެއް ނެތުމުން، އެ މައްސަލަ ކުރިއަށްނުގެންދެވޭނެ ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވެއެވެ.

އާރަށު މައްސަލާގައި ރައީސް ޔާމީނު އިސްތިއުނާފުކުރެއްވި މައްސަލައިގެ އަޑުއެހުންތައް ވަރަށް ބޮޑަށް މަޑުޖެހި އެ މައްސަލަ ދިގުލައިގެން ގޮސްފައިވާއިރު، މިހާތަނަށް އެ މައްސަލަ އެކަށީގެންވާ ދުވެލީގައި ކުރިއަށްނުދަނީ ސަރުކާރުގެ ނުފޫޒުން ކަމަށް އިދިކޮޅުން ތުހުމަތުކުރެއެވެ.

މި ލިއުމާއި ގުޅޭ