Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފެނަކަ

ރޯދަ މަހަށް ތައްޔާރުވުމުގެ ނަމުގައި ފެނަކައިގެ އައްޑޫ ބްރާންޗުތަކަށް ބައެއް ސާމާނު ގަންނަން ވަކި ބަޔަކާ ހަވާލުކުރަނީ

އައްޑޫ ސިޓީގެ ފެނަކައިގެ ގޮފިތަކަށް ބޭނުންވާ ބައެއް ސާމާނު ފޯރުކޮށްދޭން ވަކި ބަޔަކާ ހަވާލުކުރުމަށް މަސައްކަތްކުރަމުންދާކަން ހާމަވެއްޖެއެވެ.

"ދިޔަރެސް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފެނަކައިގެ އައްޑޫ ބްރާންޗުތަކަށް އައު ފިލްޓާ ބެޓަރީއާއި، އިންޖީނުތަކުގެ ސްޕެއާ ޕާޓުތައް ގަތުމަށް ބްރާންޗުތަކުން މިއަދު ރަސްމީ ގަޑި ނިމުމުގެ ކުރިން ރިކުއެސްޓު ހެދުމަށް ގއ، ގދ، ޏ، އަދި އައްޑޫ ޒޯން އެސިސްޓެޓު އަސްބާހު ސަމީރު އައްޑޫ ފެނަކަ ބްރާންޗުތަކަށް އަންގަވާފައިވެއެވެ.

މިތަކެތި ހޯދުމަށް ރިކުއެސްޓު ހެދުމަށްފަހު، ބުރާންޗުތަކުން އެ ރިކުއެސްޓުތައް މިއަދު އެޕްރޫވުކުރުމަށްވެސް އޭނާ އެދިފައިވެއެވެ. މިތަކެތި މިހާރު ހޯދަނީ އަންނަ އަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމަށް ކަމުގައިވެސް އޭނާ ބުނެފައިވެއެވެ.

"ދިޔަރެސް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ތަކެތި ގަތުމަށް ރިކުއެެސްޓު ހެދުމަށް އަންގާފައިވަނީ އެ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ހަވާލުކުރަން އުޅޭ ކުންފުނިން އެތަކެތި ރާއްޖެއަށް ގެނައުމާއެކުއެވެ.

މި ނޫހަށް މައުލޫމާތު ދިން ފެނަކައިގެ އިސްވެރިޔަކު ވިދާޅުވި ގޮތުގައި މީގެ ކުރިންވެސް ފެނަކައިގެ ބުރާންޗުތަކަށް ބޭނުންވާ ބައެއް ސާމާނު ގަންނަން ރިކުއެސްޓު ހަދައި ވަކި ކުންފުނިތަކަކާ ހަވާލުކުރަނީ އެ ކުންފުނިތަކުން ކުރިއާލާ މުދާ ގެނެސްފައެވެ. އެހެން ހަދަނީ ކުންފުނީގެ ބައެއް ވެރިންނާ އެ ކުންފުނިތަކާ ދެމެދުގައި އޮންނަ އެއްބަސްވުމެއްގެ ދަށުން، އެ މަސައްކަތް ހަވާލުކުރުމުން އެ ބޭފުޅުންނަށް ކޮންމެވެސް މަންފާއެއް ކުރާ އުސޫލަށެވެ.

"މިހާރު މަސައްކަތްކުރަނީ މިތަކެތި ފޯރުކޮށްދިނުން އެ ބޭފުޅުން ބޭނުންވާ ބަޔަކާ މި މަހުގެ 17 ވަނަ ދުވަހުގެ ކުރިން ހަވާލުކުރަން. ބޭނުންވަނީ އައު ރައީސް ހުވައިކުރެއްވުމުގެ ކުރިން މިކަން ކޮށް ނިންމައިލުން،" އޭނާ ވިދާޅުވިއެވެ.

އައްޑޫގެ ފެނަކަ ބުރާންޗުތަކަކީ ފެނަކައަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ބުރާންޗުތަކެވެ. އެއީ ފެނަކައިން ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު އާބާދީއަކީ އައްޑޫއެވެ.

ފެނަކައިން އިންތިޤާލީ މަރުހަލާގެ ތެރޭގައި ކުންފުންޏަށް މުދާ ހޯދުމުގެ ނަމުގައި އަންނަނީ ވަކި ކުންފުނިތަކަކާ ގިނަ މަސައްކަތްތަކެއް ހަވާލުކުރަމުންނެވެ. މިފަދައިން ހަވާލުކުރާ ކަންކަމުގެ އަގު އެތައް ސަތޭކަ މިލިއަން ރުފިޔާއަށް އަރާނެކަމަށް ކުންފުނީގެ ބައެއް ވެރިން މައުލޫމާތު ދެއެވެ.

މިފަދައިން ފެނަކައިގެ ތެރެއިން ހިންގާ ކޮރަޕްޝަނަށް ތުހުމަތުވާ ކަންކަން ފަޅާއަރުވައިލި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ މުވައްޒަފަކު ވަރަށް ފަހުން ވަޒީފާއިންވެސް ވަކިކޮށްފައިވެއެވެ.

މި ލިއުމާއި ގުޅޭ