ފާއިތުވި ރިޔާސީ އިންތިޚާބު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ކާމިޔާބުކޮށްދިނުމުގެ ގޮތުން މަސް ގަންނަ އަގު ބޮޑުކުރުމަށްފަހު، އަނެއްކާވެސް އަގު މުރާޖައާކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މިފްކޯއިން މަސް ގަންނަ އަގު ކުރިން ސަރުކާރުން ކަނޑައަޅާފައި އޮތުމަށްފަހު ރައީސް އިބްރާހީމުގެ ވެރިކަމުގައި މަސް ގަންނަ އަގު ދޫކޮށްލުމުން ވަރަށް ބޮޑަށް މަހުގެ އަގު ވެއްޓުނެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ 2018 ގެ ކުރިން މަސް ގަންނަމުން އައި އަގުކަމަށްވާ 25 ރުފިޔާގެ އަގަކީ ކުޑަ އަގެއްކަމަށް ވިދާޅުވެ މަހުގެ ހަމަ އަގު ހޯދައިދެއްވަން ވައުދުވެވަޑައިގެންނެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒުވަނީ ރާއްޖެއިން މަސް އުފައްދާ ކެޕޭސިޓީ އިތުރުކޮށް މަސް ބޭރުކުރާ އިތުރު އައު ބާޒާރުތައް ހޯދައި ދިވެހި މަސްވެރިން ބާނާ މަހުގެ އަގު 25 ރުފިޔާގައި ހިފަހައްޓަވަން ވައުުދުވެވަޑައިގެންފައެވެ.
ސެޕްޓެންބަރު 6 ވަނަ ދުވަހުގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުން ރައީސް އިބްރާހީމަށް ބޮޑު ނާކާމިޔާބަކާ ކުރިމަތިވެވަޑައިގަތުމުން، ސަރުކާރުންވަނީ މަހުގެ އަގު 25 ރުފިޔާއަށް ބޮޑުކުރިކަން އިއުލާނުކޮށްފައެވެ. މަހުގެ އަގު ބޮޑުކުރީ ދިވެހިރާއްޖެއިން ބޭރުކުރާ މަހުން ޔޫރަޕާއި އިނގިރޭސިވިލާތުން ނަގާ ޑިއުޓީ ކުޑަކުރާނެކަން ޔަގީންވުމުންކަމަށް ސަރުކާރުން ބުންޏެވެ.
ނަމަވެސް މަހުގެ އަގު ބޮޑުކުރި ނަމަވެސް އިންތިޚާބުގެ ދެވަނަ ބުރުގައިވެސް ރައީސް އިބްރާހީމަށް ކުރިމަތިވެވަޑައިގަތީ ބޮޑު ނާކާމިޔާބަކާއެވެ. އެއާއެކު އެއިރު ޕުލޭނެއް ނެތި އިއުލާނުކުރެއްވި ބައެއް ސިޔާސަތުތައް ހިންގުމުގައި ހުރި ދަތިތައް ފާހަގަވާން ފެށިއެވެ. އެގޮތުން މަސްވެރިން ބާނާ މަސް ކިރުމަށްފަހު މިފްކޯއަށް އަދި އަމިއްލަ ކުންފުނިތަކަށްވެސް މަސްވެރިންނަށް އަގު އަދާނުކުރެވޭ މައްސަލަ ބޮޑުވިއެވެ.
މިއަދު އޮންލައިން ނޫސް "މިހާރު"އަށް މައުލޫމާތު ދެއްވަމުން މިފްކޯގެ މެނޭޖިން ޑިރެކްޓާ އިސްމާއީލް ފައުޒީވަނީ މަހުގެ އަގު މުރާޖައާކުރަން ފިނޭންސް މިނިސްޓްރީއާއި ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރަން ފަށާފައިވާކަމަށް ވިދާޅުވެފައެވެ. އަދި މިހާރުގެ ބާޒާރުގައި އަގުތައް ހުރި ގޮތަށް ބަލާއިރު 20 ރުފިޔާއަށްވުރެ ބޮޑު އަގެއް ނުދެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާރު ބޮޑުކުރި އަގު ދެއްކުމުގައި ދަތިވެ، ފައިސާ ދައްކަންޖެހޭ ބިލުތައް އިތުރުވުމުގެ ސަބަބުން ކުންފުނީގެ ޚަރަދުތައް ދެކޮޅުޖެއްސުމަށް ބޮޑެތި ގޮންޖެހުންތަކެއްވަނީ ކުރިމަތިވެފައެވެ. އަދި ކުންފުނީގެ މަސައްކަތްތައް މިހާރުގެ ހާލަތުގައި ކުރިއަށް ގެންދެވޭނީ ސަރުކާރުގެ އެހީތެރިކަމުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
މަހުގެ އަގު ބޮޑުކުރަން ނިންމީ އީޔޫއާއި އިނގިރޭސިވިލާތަށް ބޭރުކުރާ ރާއްޖޭގެ މަހުގެ އުފެއްދުންތަކުން ނަގާ 22 އިންސައްތަ ޑިއުޓީ ކަނޑައިލުމުގެ އުންމީދު އޮތުމުންކަމަށް ސަރުކާރުން އެއިރު ބުނި ނަމަވެސް އެކަމުގެ މަޝްވަރާތައް އޮތީ އެ މަސައްކަތުގެ ވަރަށް ކުރީ ކޮޅުގައިކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.
އެހެންކަމުން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ނިމުނުފަހުން ކުއްލި ގޮތަކަށް މަހުގެ އަގުތައް ބޮޑުކުރަން ނިންމި ނިންމުމަކީ އިޤުތިޞާދީ ހާލަތަށާއި، ބައިނަލްއަޤުވާމީ މަހުގެ ބާޒާރަށް ރިއާޔަތްނުކޮށް ނިންމި ސިޔާސީ ނިންމުމެއް ކަމަށް މަސްވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުން ދެކެއެވެ.