ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވި ނަމަވެސް ރާއްޖެއަށް ފަތުރުވެރިކަމުގެ ސިނާއަތުން ލިބުނު އާމްދަނީ މަދުވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށާއި، އެފަދަ މައްސަލަތަކަށް ހައްލުތަކެއް ހޯދަންޖެހޭކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން ބުނެފިއެވެ.
ކޮންމެ މަހަކު އެއްފަހަރު މަޓާޓޯއިން ނެރޭ ނޫސްރިޕޯޓުގައި ނޮވެންބަރު 2023 ގެ އަދަދުގައި އެ ޖަމްއިއްޔާއިން ބުނެފައިވަނީ 1 ނޮވެންބަރާ ހަމައަށް ރާއްޖޭގައި 62،822 އެނދު ލިބެން އެބަހުރި ކަމަށެވެ. ނަމަވެސް މިއަހަރު އެ އެނދުން ވިކުނީ %51 އެނދުކަމަށެވެ.
އޭގެ އިތުރަށް މަރުކަޒީ ބޭންކު އެމްއެމްއޭއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، 2022 ވަނަ އަހަރުގެ ފުރަތަމަ 8 މަހުގައި އެވެރެޖުކޮށް ފަތުރުވެރިޔަކު ރާއްޖޭގައި 8.1 ދުވަސް ހޭދަކޮށްފައިވާ ކަމަށެވެ. 2023 ވަނަ އަހަރުގެ އެ މުއްދަތުގައި އެވެރެޖުކޮށް ފަތުރުވެރިން ރާއްޖޭގައި ހޭދަކުރީ 7.6 ދުވަސްކަމަށްވެސް އެ ހިސާބުތަކުން ފެންނަ ކަމަށްވެސް ބުނެފައިވެއެވެ.
ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަށްދާ މިންވަރު ބަލާ މިންގަނޑުކަމަށްވާ ލިބެންހުރި ކޮޓަރިއާއި ލިބޭ އާމްދަނީއާ އަޅާބަލާއިރު، ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތުކުރުވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށްވެސް މަޓާޓޯއިން ބުންޏެވެ.
އަދި މި އަހަރުގެ ފުރަތަމަ 8 މަސްދުވަހަށް ބަލާއިރު މިސިނާއަތުން ލިބެންވާ އާމްދަނީ ފާހަގަކޮށްލެވޭ މިންވަރަކަށް ދަށްވެފައިވާކަމަށްވެސް އެ ޖަމްއިއްޔާއިން ބުނެފައިވެއެވެ. އެގޮތުން 2.6 ބިލިއަން ރުފިިޔާ މި އަހަރުގެ ފުރަތަމަ 8 މަސްދުވަހުގައި ލިބުނު އާމްދަނީ ފާއިތުވި އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 2.5 ބިލިއަން ރުފިޔާއިން މަދުވެފައިވާ ކަމަށް މަޓާޓޯއިން ބުންޏެވެ.
އެ މުއްދަތުގައި ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު 1.2 މިލިއަން ފަތުރުވެރިންނަށް އަރާފައިވާއިރު، ޖީއެސްޓީ 16 އިންސައްތައަށް ބޮޑުކުރި ނަމަވެސް ނިމުނު އަހަރާ އަޅާބަލާއިރު ލިބޭ އާމްދަނީ މަދުވެފައިވުމުން ރިސޯޓުތަކާއި ގެސްޓުހައުސްތަކުން ނަގާ ފައިސާގެ އަދަދު މަދުކުރަންޖެހޭކަމަށް އެ ޖަމްއިއްޔާއިން ބުނެފައިވެއެވެ.
އިތުރު މައްސަލައެއްގެ ގޮތުގައި މަޓާޓޯއިން ފާހަގަކުރީ ނިމުނު އަހަރުގެ ތިން މަހުގައި އޮކިއުޕެންސީ ރޭޓު 50 އިންސައްތައަށްވުރެ ދަށުގައި ހުރި ނަމަވެސް މި އަހަރުގެ 4 މަހުގައި އެ ނިސްބަތް 50 އިންސައްތައަށްވުރެ ދަށުގައި ހުރުމެވެ.
އެހެންކަމުން މިހާރު ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، މާކެޓު ކުރުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ ހަރުދަނާ ބަދަލުތަކެއް ގެނައުމާއެކު، ވާދަވެރި އަގުތައް ހޯދުމާއި ފަތުރުވެރިންގެ ބޭނުންތަކަށް އަންނަމުންދާ ބަދަލުތަކަށްވެސް ބަލަންޖެހޭކަމަށް އެޖަމްއިއްޔާއިން ބުންޏެވެ.