Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބަންޑާރަނައިބު އޮފީސް

މަޖިލިސް ތަމްސީލުކުރަން ދިޔަ ބަންޑާރަނައިބުގެ އޮފީހުން ވަކާލާތުކުރީ މަޖިލީހާ ދެކޮޅަށް

އެމްޑީޕީން ރައްޔިތުންގެ މަޖިލީހާ ދެކޮޅަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލާގައި މަޖިލިސް ތަމްސީލުކުރަން ސުޕްރީމް ކޯޓަށް ދިޔަ ބަންޑާރަނައިބުގެ އޮފީހުން މަޖިލީހާ ދެކޮޅަށް ވަކާލާތުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނިކޮށް، މަޖިލީހުގެ ނައިބުރައީސް އީވާ ޢަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ އެކަމަނާއަށް މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތު މެދުވެރިވުމާ ގުޅިގެން އެމްޑީޕީއާއި މަޖިލީހުގެ އިދާރާއާމެދު މަޖިލީހުގެ ޤަވާއިދު މާނަކުރުމުގައި ޚިޔާލު ތަފާތުވުންތަކެއް އުފެދިގެން ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ފެށޭނީ މާދަމާއެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅީ އީވާ އާލާސްކަންފުޅާ އުޅުއްވާތީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްނުގެންދެވި މަޑުޖެހުމާ ގުޅިގެންނެވެ. މަޖިލީހުގެ ޤަވާއިދުގައި ބުނެފައިވަނީ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ ޤަރާރެއް ހުށަހަޅާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަންވާނީ މަޖިލީހުގެ ނައިބުރައީސް ކަމަށެވެ. ނަމަވެސް ނައިބުރައީސް އެފަދަ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާ ހާލަތުގައި ދެން އަމަލުކުރާނެ ގޮތެއް މަޖިލީހުގެ ޤަވާއިދުގައި ބަޔާންކޮށްފައި ނެތެވެ.

އެ މައްސަލާގައި މަޖިލީހުގެ އިދާރާއިން ދެކެނީ މަޖިލީހުގެ ނައިބުރައީސް ނޫން ބޭފުޅަކަށް މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައެއް ހިންގާ ޖަލްސާއެއްގެ ރިޔާސަތު ނުބެލެހެއްޓެވޭނެ ކަމަށެވެ. ނަމަވެސް އެމްޑީޕީން ދެކެނީ ޤަވާއިދުގައި ބަޔާންކުރާ މަޖިލީހުގައި އެންމެ ދުވަސްވީ މެންބަރުންގެ ތެރެއިން މެންބަރަކަށް އެހެނިހެން ޖަލްސާތަކޭ އެއްގޮތަށް އެ ޖަލްސާގެ ރިޔާސަތުވެސް ބެލެހެއްޓެވޭނެ ކަމަށެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށްދިޔައިރު، މި މައްސަލާގައި މަޖިލީހުގެ އިދާރާއިން މަޖިލީހުގެ ޤަވާއިދު މާނަކުރި ގޮތާއި، އެގޮތަށް މާނަކުރި ސަބަބުތައް ވަރަށް ކުރުކޮށް ބަންޑާރަނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅައިދިނުމަށްފަހު، ޤާނޫނު އަސާސީ 133 ވަނަ މާއްދާގެ ދަށުން ދައުލަތުގެ އިދާރާއަކުން ޤާނޫނުއަސާސީއާ ޚިލާފަށް ޤާނޫނެއް ނުވަތަ ޤާނޫނެއް މާނަކުރާނަމަ އެކަމެއް ކޯޓުގެ ސަމާލުކަމަށް ގެނައުމަކީ ބަންޑާރަނައިބުގެ ޒިންމާއެއް ކަމުގައި ބަންޑާރަނައިބުގެ އޮފީހުން ބުނެފައިވެއެވެ.

އެއަށްފަހު ބަންޑާރަނައިބުގެ އޮފީހުން ބުނެފައިވަނީ މި މައްސަލާގައި މަޖިލީހުން ޤަވާއިދު މާނަކޮށްފައިވަނީ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ ރޫހާ ޚިލާފަށް ކަމަށެވެ. އެ މާއްދާގެ ރޫހަކީ މަޖިލީހުގެ މަސައްކަތްތައް ނުހުއްޓި ކުރިއަށްދިއުން ކަމަށްވެސް ބަންޑާރަނައިބުގެ އޮފީހުން ބުންޏެވެ.

ބަންޑާރަނައިބުގެ އޮފީހުން ދެކޭ ގޮތުގައި މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައެއް ހުށަހަޅާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަންވާނީ މަޖިލީހުގެ ނައިބުރައީސްކަމަށް ބުނެފައިވާ މާއްދާގެ ބޭނުމަކީ މަސްލަހަތު ފުށުއަރާ މައްސަލަ ހައްލުކުރުންކަމަށާއި، އެ މާއްދާގެ މުރާދަކީ އަދި ބޭނުމަކީ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައެއް ހުށަހަޅާ ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ރައީސަށް ނުބެލެހެއްޓުން ކަމަށެވެ.

ނަމަވެސް މަޖިލީހުގެ ޤަވާއިދުގެ 44 ވަނަ މާއްދާގައި ބުނެފައިވާ އުސޫލުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބުރައީސަށް މަޖިލީހުގެ ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތުގައި މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވަން ކަނޑައަޅާފައި ތިއްބަވާ 5 ބޭފުޅުންނަށް މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައެއް ކުރިއަށްގެންދާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވޭނެކަމަށް ދެކޭކަމަށް ބަންޑާރަނައިބުގެ އޮފީހުން ބުނެފައިވެއެވެ. އެއީ އެމްޑީޕީންވެސް ދެކޭ ގޮތެވެ.

އިތުރަށް ބަންޑާރަނައިބުގެ އޮފީހުން ބުނީ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅުމުން އިތުރު މައްސަލައަކާމެދު ބަހުސްނުކުރެވޭނަމަ، ނުވަތަ ގޮތެއް ނުނިންމޭނެ ކަމުގައި ބުނެފައި އޮތުން އެ މައްސަލައަކީ އަވަހަށް އިސްކަންދީގެން ނިންމަންޖެހޭ މައްސަލައެއްކަން ސާފުވާ ކަމަށެވެ.

މި ލިއުމާއި ގުޅޭ