Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށްފި

ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސް (ސީއެފްޕީއެސް) އިން އަދާހަމަކޮށް ބަލަހައްޓަމުން ގެންދާ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާހްކޮށްފި އެވެ.
ޑިޖިޓަލައިޒޭޝަންގެ އެ މަސައްކަތް އިފްތިތާޖި ކޮށްދެއްވީ އިއްޔެ ޖެންޑާމިނިސްޓްރީގައި އޮތް ހަފްލާއެއްގައި، މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރެއް އެންމެ ފުރަތަމަ ފަހަރަށް އެކުލަވާލައިފައި ވަނީ 2018 ވަނަ އަހަރު އެވެ. މި ދަފްތަރުގައި އެމީހުންގެ ވަނަވަރުގެ އިތުރުން ކުރި ކުށުގެ ބާވަތާއި، ހުކުމް ތަންފީޒުކޮށް ނިމޭ ތާރީހް ފަދަ މުޙިންމު މަޢުލޫމާތުތައް ހިމެނެ އެވެ. އެ ދަފްތަރު އަދާހަމަކޮށް ޝާއިއުކުރަމުން އައިކަމުގައި ވީނަމަވެސް އާންމުންނަށް އެ ވެބްސައިޓަށް ވާސިލުވުމަށް ދަތިތަކާއި ކުރިމަތިވި އެވެ.
ޖެންޑާ މިނިސްޓްރީން ބުނި ގޮތުގައި ދަފްތަރު ޑިޖިޓަލައިޒް ކުރުމުގެ މަގްސަދަކީ މީގެކުރިން މެނުއަލްކޮށް އަޅަމުންދިޔަ މައުލޫމާތު ލަސްކަމެއްނެތި ވަގުތުން އަދާހަމަކުރުމެވެ. އަދި އާންމުންނަށް ފަސޭހައިން އެ ދަފްތަރުގައި ހުރި މައުލޫމާތަށް ވާސިލުވުމެވެ.
އެގޮތުން، ފިލްޓަރކޮށް ދަފްތަރުގައި ހިމެނޭ މީހުންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ބޭނުންކޮށްގެންވެސް މައުލޫމާތު ހޯދޭނެގޮތް މިހާރު ފަހިވެފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ދަފްތަރުގައި ހިމެނޭ މީހާ ހުރި ތަން ފިޔަވައި، އެހެން ހުރިހާ މައުލޫމާތުތަކަކީ ޕީޖީ އޮފީހުން ފޯރުކޮށްދިނުމުން، ސީއެފްޕީއެސް އިން ޝާއިއުކުރާ މަޢުލޫމާތެވެ. ޕީޖީ އޮފީހުން ފޯރުކޮށްދެއްވާ މައުލޫމާތު ބިނާވާނީ، ޝަރުއީ ކޯޓަކުން ނިންމާ ހުކުމްގެ މައްޗަށެވެ.
އިއްޔެގެ ރަސްމިއްޔާތުގައި މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ އެ ދަފްތަރު، ޑިޖިޓަލައިޒް ކުރެވިގެންދިޔުމަކީ އަނިޔާ ލިބިފައިވާ ކުދިންނާއި އެކުދިންގެ އާއިލާތަކަށް މުހިންމު މަސައްކަތެއް ކަމަށާއި ދަފްތަރު އަދާހަމަކޮށް ބެލެހެއްޓުމަކީ މިފަދަ އަނިޔާ ލިބިފައިވާ ކުދިންގެ ހައްޤުގައިވެސް ކުރުން ވަރަށް މުހިންމު ކަމެއް ކަމަށެވެ.
އަދި އެ ދަފްތަރު ޑިޖިޓަލައިޒްކުރުމުގެ މަސައްކަތަކީ އަދި ފެށުމެއް ކަމަށާއި އަދި އެ މަސައްކަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ޕީޖީ އޮފީހާއި ކަރެކްޝަންއާ އެކު ކުރިއަށް ގެންދަންޖެހޭ ކަމަށެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރާއި ގުޅޭ މައުލޫމާތެއް ހިއްސާކުރުމަށް ނުވަތަ ޝަކުވާއެއް ހުށަހެޅުމަށް ސީއެފްޕީއެސްގެ އީމެއިލް [email protected] މެދުވެރިކޮށް ހިއްސާކުރުމަށް ޖެންޑާ މިނިސްޓްރީން ވަނީ އެދިފަ އެވެ.
މި ލިއުމާއި ގުޅޭ