ސަރުކާރުން އަޅަމުންދާ 4،000 ފުލެޓު ލިބޭ މީހުންގެ ލިސްޓާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ކޮމިޝަނުން ހައުސިން މިނިސްޓްރީއަށް ތަހުގީގަށް ވަދެއްޖެއެވެ.
މި ސަރުކާރުން އަޅަމުން އަންނަ ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމު ކޮށްފައިވާއިރު، އެ ލިސްޓުގައި މައްސަލަތަކެއް އުޅުމުގެ ސަބަބުން، އެ ލިސްޓަކީ އިންސާފެއް ނެތް ހިތުހުރި ބަޔަކަށް ދީފައިވާ ފްލެޓު ތަކެއް ކަމަށް ބުނެ އެތައް ރައްޔިތުންނެއްގެ މެދުގައި ކަންބޮޑުވުންތަކެއް އުފެދިފައިވެއެވެ. ނަތީޖާއަކަށްވީ، ފްލެޓުގެ ދާއިމީ ލިސްޓަކީ އިންސާފެއްނެތް ލިސްޓެއް ކަމަށް ބުނެ އޭ.ސީ.ސީއަށް މައްސަލަ ހުށަހެޅުމެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ފްލެޓު ތަކުގެ ދާއިމީ ލިސްޓުގައި މައްސަލައެއް ވޭތޯ ބެލުމަށް އޭ.ސީ.ސީއިން ތަހުގީގު ފަށައިފިއެވެ. އެގޮތުން އެ ކޮމިޝަނުން މިއަދު ތަހުގީގު ބޭނުމަށްޓަކައި ހައުސިންގް މިނިސްޓްރީއަށް ވަދެފައިވެއެވެ.
އޭ.ސީ.ސީއިން މައުލޫމާތު ދީފައިވާގޮތުގައި، ފްލެޓުތަކާއި ބެހޭގޮތުން ހުށަހަޅަން ހުރި މައްސަލަތައް ހުށަހެޅުމަށް އެކަޝީގެންވާ ވަގުތެއް ދިނުމަށްފަހު ހުށަހަޅާ މައްސަލަތައް ތަހުގީގު ކުރުމަށްފަހުގައި މެނުވީ ފްލެޓު ދިނުމުގެ ކަންކަން އިތުރަށް ކުރިޔަށް ނުގެންދިއުމަށް އަންގާފައިވެއެވެ.
ހައުސިންގް މިނިސްޓްރީ ދޮށުގައި އާނމުން އަޑުގަދަކޮށް އިހުތިޖާޖު ކުރަމުންދާ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެގޮތުން އެތައް ބަޔަކު ވަނީ، ފްލެޓުގެ ދާއިމީ ލިސްޓު އިއުލާން ކުރުމުގައި ޝަރުތު ހަމަނުވާ އެތައް ފަރާތަކަށް ފްލެޓު ދީފައިވާކަމުގެ އިލްޒާމު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މައްޗަށް ދަނީ އަޅުވަމުންނެވެ.
މި ސަރުކާރުގައި މިހާތަނަށް ފްލެޓުގެ މަސައްކަތް ފަށައިގެން ކުރިޔަށް ގެންގޮސްފައިވާ 4000 ފްލެޓަށް 20،000 އަށް ވުރެއް ގިނަ މީހުން ކުރިމަތިލާފައިވެއެވެ. އަދި ކުރިމަތި ލާފައިވާ މީހުންގެ ތެރެއިން ޝަރުތުހަމަވެފައިވަނީ 13،000 މީހުންގެ ކަމަށް އިއުލާން ކޮށްފައިވެއެވެ. އަދި މި ސަރުކާރުން ފްލެޓަށް ޝަރުތު ހަމަވާ ހުރިހާ ރައްޔިތުންނަށް ފްލެޓު ދޭނެކަމަށް އިއުލާންކޮށްފައިވީއިރު، ފްލެޓު ދިނުމުގައި ބޭއިންސާފަށް ކަންތައް ކުރަމުން ދާކަމަށްބުނެ އެތައް ބަޔަކު ދަނީ ހިޔާލު ފާޅުކުރަމުންނެވެ.