Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު ޙަސަން ލަޠީފު

ބަންޑާރަނައިބު ސުޕްރީމް ކޯޓުގައި މަޖިިލިސް ތަމްސީލުކުރެއްވުމަކީ މަސްލަހަތު ފުށުއަރާ ކަމެއް: ހަސަން

އެމްޑީޕީން ރައްޔިތުންގެ މަޖިލީހާ ދެކޮޅަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލާގައި ބަންޑާރަނައިބު އިބްރާހީމް ރިފްއަތު ރައްޔިތުންގެ މަޖިލިސް ތަމްސީލުކުރެއްވުމަކީ ވަރަށް ބޮޑަށް މަސްލަހަތު ފުށުއަރާ ކަމެއް ކަމުގައި ދަ ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނިކޮށް، މަޖިލީހުގެ ނައިބުރައީސް އީވާ ޢަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ އެކަމަނާއަށް މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތު މެދުވެރިވުމާ ގުޅިގެން އެމްޑީޕީއާއި މަޖިލީހުގެ އިދާރާއާމެދު މަޖިލީހުގެ ޤަވާއިދު މާނަކުރުމުގައި ޚިޔާލު ތަފާތުވުންތަކެއް އުފެދިގެން ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ފެށޭނީ މާދަމާއެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅީ އީވާ އާލާސްކަންފުޅާ އުޅުއްވާތީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްނުގެންދެވި މަޑުޖެހުމާ ގުޅިގެންނެވެ. މަޖިލީހުގެ ޤަވާއިދުގައި ބުނެފައިވަނީ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ ޤަރާރެއް ހުށަހަޅާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަންވާނީ މަޖިލީހުގެ ނައިބުރައީސް ކަމަށެވެ. ނަމަވެސް ނައިބުރައީސް އެފަދަ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާ ހާލަތުގައި ދެން އަމަލުކުރާނެ ގޮތެއް މަޖިލީހުގެ ޤަވާއިދުގައި ބަޔާންކޮށްފައި ނެތެވެ.

އެ މައްސަލާގައި މަޖިލީހުގެ އިދާރާއިން ދެކެނީ މަޖިލީހުގެ ނައިބުރައީސް ނޫން ބޭފުޅަކަށް މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައެއް ހިންގާ ޖަލްސާއެއްގެ ރިޔާސަތު ނުބެލެހެއްޓެވޭނެ ކަމަށެވެ. ނަމަވެސް އެމްޑީޕީން ދެކެނީ ޤަވާއިދުގައި ބަޔާންކުރާ މަޖިލީހުގައި އެންމެ ދުވަސްވީ މެންބަރުންގެ ތެރެއިން މެންބަރަކަށް އެހެނިހެން ޖަލްސާތަކޭ އެއްގޮތަށް އެ ޖަލްސާގެ ރިޔާސަތުވެސް ބެލެހެއްޓެވޭނެ ކަމަށެވެ.

މާދަމާ މައްސަލައިގެ އަޑުއެހުންތައް ފެށޭއިރު އެ މައްސަލާގައި މަޖިލިސް ތަމްސީލުކުރައްވާނީ ބަންޑާރަނައިބެވެ. ފިނޭންސް މިނިސްޓްރު އިބްރާހީމް އަމީރު އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުއްވުމާމެދު ރައީސް އޮފީހުން ބަންޑާރަނައިބުގެ ޤާނޫނީ ލަފައަކަށް އެދުމުން އޭނާވަނީ މަޖިލީހުގެ އަމީންއާންމުގެ ނިންމެވުމާ ޚިލާފުވާ ގޮތަށް ސަރުކާރަށް ޤާނޫނީ ލަފާ އަރުވާފައެވެ. ނަތީޖާއެއްގެ ގޮތުން އަމީރު ބަޖެޓު ހުށަހަޅުއްވަން ވަޑައިނުގަންނަވައެވެ.

ސުޕްރީމް ކޯޓުގައި އޮތް މައްސަލައަށް ޑިމޮކްރެޓްސްއިން ތަދައްޚުލުވުމާ ގުޅޭ ގޮތުން ގޮތް ނިންމުމަށް މިއަދު ބޭއްވި އެ ޕާޓީގެ ކައުންސިލު ބައްދަލުވުމުގައި ޙަސަން ފާހަގަކުރެއްވީ އެ މައްސަލާގައި މަޖިލިސް ތަމްސީލުކުރައްވަން ރިފްއަތު ވަޑައިގަންނަވާއިރު އޭނާގެ އިތުބާރުނެތްކަމުގެ މައްސަލައަކާއި ސުލޫކީ މައްސަލައެއް މަޖިލީހަށް ހުށަހެޅިފައި އެބައޮތް ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގައި ހުރި ބަންޑާރަނައިބުގެ މައްސަލަތަކުގެ އިތުރުން ބަންޑާރަނައިބުވަނީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގައި އަމަލީ ގޮތުން އެމްޑީޕީއާއެކު މަސައްކަތްކުރައްވާފައި. އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައި އެއޮތީ. އިންތިޚާބުން [ރައީސް އިބްރާހީމް] ބަލިވެވަޑައިގަންނަވަންދެން އެމްޑީޕީއާއެކު ބަންޑާރަނައިބު ހުންނެވުމަށްފަހު، އެމްޑީޕީއާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހާ އެއްކޮޅަށް ވަޑައިގަންނަވާއިރު، މަޖިލީހުގައި ބަންޑާރަނައިބުގެ މައްސަލަތަކެއް ހުރިކަން މިހުރީ ފެންނަން. ވަރަށް ބޮޑު ކޮންފްލިކްޓް އޮފް އިންޓެރެސްޓެއް އެބައޮތް،" ހަސަން ވިދާޅުވިއެވެ.

ބަންޑާރަނައިބާ ވާހަކަދައްކައިގެން މަޖިލީހުގެ ސްޓޭންޑު ކޯޓުގައި ބަންޑާރަނައިބު މެދުވެރިކޮށް ސާފުކޮށްދިނުމަށް މަޖިލީހުގެ އިދާރާއަށްވެސް މިހާލަތުގައި އެކަށީގެންވާ ގޮތެއްގައި މަސައްކަތްނުކުރެއްވޭނެ ކަމަށާއި، އެ މަސްލަހަތު ފުށުއަރާ ހާލަތުގައި ހުންނަވައިގެން މަޖިލިސް ރަނގަޅަށް ބަންޑާރަނައިބަށް ތަމްސީލުކުރެއްވިދާނެކަމަށް ދެކެވަޑައިނުގަންނަވާ ކަމަށްވެސް ޙަސަން ވިދާޅުވިއެވެ.

"އެކަންކަމަކީ [މަސްލަހަތު ފުށުއަރާ އެރުން] އެއީ ކޮންމެވެސް ބަޔަކު ސުޕްރީމް ކޯޓުގައި ފާހަގަކުރަންޖެހޭ ކަންކަން. އެއީ އަޅުގަނޑުމެން ދަންނަވާ ވާހަކައަކީ، ޑިމޮކްރެޓުން ފާހަގަކުރަންޖެހޭ ވާހަކައެއް އެއީ. އެހެންވީމާ ތަދައްޚުލުވުން މުހިއްމީ،" ޙަސަން ލަތީފު ވިދާޅުވިއެވެ.

ޙަސަން ވިދާޅުވީ މައްސަލަތައް ފެށުމުގެ ކުރިން ތަދައްޚުލުވުމުގެ އިތުރަށް، މައްސަލައެއް ކުރިއަށްދަނިކޮށް ތަދައްޚުލުވުމަކީ ސުޕްރީމް ކޯޓާއި ރާއްޖޭގެ އެހެނިހެން ކޯޓުތަކުގައިވެސް މިހާރު އަމަލުކުރަމުންދާ އުސޫލު ކަމަށެވެ. އެހެންކަމުން މާދަމާ އޮންނަ އަޑުއެހުމަށް ތަދައްޚުލުނުވެވުނަސް ފަހުން އެ މައްސަލައަށް ތަދައްޚުލުވެވޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ