Saturday 20th Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބަންޑާރަނައިބު އޮފީސް

ނަޝީދުގެ މައްސަލައިގައި މަޖިލިސް ތަމްސީލުކުރާނީ އަމީންއާންމުގެ ނިންމުމާ ދެކޮޅު، އޭޖީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލައާ ގުޅޭގޮތުން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި މަޖިލީހުގެ ފަރާތުން ވަކާލާތު ކުރައްވާނީ އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ކަމަށް އެ އޮފީހުން ބުނެފި އެވެ.
މަޖިލީހުގެ ގަވާއިދުގައި ވާގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައެއް އެޖެންޑާކޮށް ކުރިއަށްގެންދާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހެނީ މަޖިލީހުގެ ނައިބުރައީސް ކަމަށް މަޖިލީހުގެ އިދާރާއިން ބުނެ އެެވެ.
ނަމަވެސް އެމްޑީޕީން ބުނާ ގޮތުގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތެއްގައި މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގައި ވާގޮތުން މަޖިލީހުގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ފަސް މެންބަރުންގެ ތެރެއިން މެންބަރަކަށް ރިޔާސަތު ބެލެހެއްޓެވޭނެ އެވެ.
އެހެންވެ، ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް މަޖިލީހުގެ އަމީންއާންމު ނިންމެވީ ގާނޫނަށް ހިލާފަށް ކަމަށް ކަނޑައެޅުމަށް އެމްޑީޕީން ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުން މާދަމާ ހެނދުނު 10:00 އަށް ސުޕްރީމް ކޯޓުގައި ވަނީ ތާވަލްކޮށްފަ އެވެ.
އިތުބާރު ނެތްކަމުގެ ގަރާރު ކުރިއަށް ގެންގޮސް، ކަމުގައި ގޮތެއް ނުނިންމާ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެ މައްސަލައިގައި އެމްޑީޕީން ވަނީ އެދިފަ އެވެ.
އެ މައްސަލައިގައި މަޖިލީހުގެ ފަރާތުން ވަކާލާތު ކުރައްވާނީ އޭޖީ އޮފީހުން ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު މިއަދު ވަނީ މީޑިއާއަށް މައުލޫމާތު ދީފަ އެވެ.
މާދަމާ އޮންނަ އަޑުއެހުމުގައި މަޖިލީހުގެ ފަރާތުން ބަންޑާރަ ނައިބު އޮފީހުން ވަކާލާތުކުރާއިރު، އިތުބާރު ނެތްކަމުގެ މައްސަލައަށް ގޮތެއް ނިންމާފައި ނޫނީ މަޖިލީހުގައި އިތުރު މަސައްކަތެއް ނުކުރެވޭނެ ކަމަށް އެމްޑީޕީން ބުނާ ބުނުމަށް އޭޖީ ރިއްފަތު ވަނީ ތާއީދުކުރައްވާފަ އެވެ.
އެގޮތުން މަޖިލިސް ގަވައިދުގެ 44 މާއްދާގައި، މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެވަޑައިގެންފި ނަމަ، އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނެ މެންބަރުން ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން، މަޖިލީހުގެ ރައީސް ކަނޑައަޅުއްވަން ވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށް ރިއްފަތު ވަނީ ވިދާޅުވެފަ އެވެ.
އަދި ރިޔާސަތު ބަލަހައްޓަވާނެ ބޭފުޅަކު ކަނޑައަޅާފައި ނުވާ ހާލަތުގައި، އެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވާނީ، މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ މެންބަރުންގެ ތެރެއިން މެންބަރެއް ކަމަށް ވެސް ގަވައިދުގައި ބަޔާންކޮށްފައިވާ ކަމަށް ރިފްއަތު ވަނީ ވިދާޅުވެފަ އެވެ.
އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާއެކު ރައީސް ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅުމުން، އެ މައްސަލަ މިދިޔަ ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެން އެ ހަފްތާގެ ހުރިހާ ދުވަހަކަށް އެޖެންޑާކުރި އެވެ. އެކަމަކު ނައިބު ރައީސް އީވާ އަބްދުﷲ ޑެންގޫ ހުމުގެ އާލަސްކަންފުޅެއްގައި އުޅުއްވާތީ، ކޮންމެ ދުވަހަކު ވެސް ސަލާމް ފޮންނުއްވުމުން މިދިޔަ ހަފްތާ އެ މަސައްކަތް ކުރިއަށް ނުގެންދެވުނެވެ.
އެއަށްފަހު، ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ނުނިމެނީސް، މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް އީވާ އިއްޔެ މަޖިލީހުގެ އިދާރާއަށް އެންގި ނަމަވެސް އެ އުޒުރު ބަލައިނުގަނެ، ރިޔާސަތު ބަލަހައްޓަވަން މަޖިލީހުން ވަނީ އީވާއަށް އަންގާފަ އެވެ.
މި ލިއުމާއި ގުޅޭ