Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އަޙްމަދު ޠާރިޤު (ޓޮމް)

އެމްޑީޕީއިން އައްޑު އަށް ގެނައީ މަދިރިފަނީގެ ތަރައްގީ: ތޯރިގް

ނިމިގެން މިދާ އެމްޑީޕީ ސަރުކާރުން އައްޑު އަށް ގެނެސްފައި ވަނީ "މަދިރިފަނީގެ ތަރައްގީ" ކަމަށް ވިދާޅުވެ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ އިސް މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ފާޑު ވިދާޅުވެއްޖެއެވެ.

ޑރ. މުހައްމަދު މުއިއްޒުގެ ކާމިޔާބީ ފާހަގަކުރުމަށް ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން އައްޑު އަށް ކުރައްވާ ދަތުރުގައި ހިތަދޫގައި މިއަދު ބޭއްވި ބައްދަލުވުމުގައި ތޯރިގް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި ފަސް އަހަރުގެ ކުރީކޮޅު ވެސް އައްޑު އަށް ވަޑައިގެން ވިދާޅުވީ، އައްޑޫ ތަރައްގީ ނުވެ، މުޅި ރާއްޖެ ތަރައްގީ ނުވާނެ ކަމަށެވެ. އަދި މި ފަހަރުގެ ރިޔާސީ ކެމްޕެއިންގައި ވެސް ތަކުރާރު ކުރެއްވީ އެވާހަކަ ކަމަށް ތޯރިގް ވިދާޅުވިއެވެ.

އައްޑު އަށް މި ސަރުކާރުން ގެނައި ތަރައްގީ ފެންނަނީ އެ ސިޓީ އަށް ވަޑައިގަތުމުން ކަން ފާހަގަ ކުރައްވައި ތޯރިގް ވިދާޅުވީ، ހަމައެކަނި ތަގުރީރުތައް ލިޔުއްވާ ބޭފުޅަކު ބަހައްޓަވައިގެން ވެރިކަން ކުރެއްވި ބޭފުޅަކު ވެސް ފެނުނީ މި ފަސް އަހަރުގަ އެވެ.

"ކޮންމެ ގެއަކުން ނުކުންނައިރު، އެ ގެގޭ ދޮރުމަތީގައި މަދިރިފެންގަނޑެއް އެބައޮތް ހަދާފައި. އެ ނޫން ތަރައްގީއެއް ރައީސް ސޯލިހަށް ފަސް އަހަރު ދުވަހުގެ ތެރޭގައި މި ސިޓީއަށް ގެނެވިފައެއް ނެތް،" ތޯރިގް ވިދާޅުވި އެވެ.

"ވަރުގަދަ ސަރުކާރެއް" ބަލިކުރުމަށް މިދިޔަ ފަސް އަހަރު ރައްޔިތުންގެ މަޖިލިހުގައި އިދިކޮޅު ޕާޓީގެ ގޮތުގައި ޕީޕީއެމް މަސައްކަތް ކުރީ އަށެއްކަ މެމްބަރުންނާ އެކު ކަމަށާއި އަލުން ވެރިކަން ލިބި، އެ ވެރިކަން ދަމަހައްޓަން ކުރަން ޖެހެނީ ސީރިއަސް މަސައްކަތްތަކެއް ކަމަށް ތޯރިގް ވިދާޅުވިއެވެ.

ތޯރިގް ވިދާޅުވި ގޮތުގައި އެ މަސައްކަތާ ގުޅިފައިވާ އެއް ކަމަކީ، ރައްޔިތުންގެ މަޖިލިހުގައި އައްޑު އަށް ހާއްސަ ކޮށްފައިވާ 8 ގޮނޑި އަންނަ އަހަރުގެ ކުރީކޮޅު ބާއްވާ މަޖިލިސް އިންތިހާބުގައި ޕީޕީއެމް/ޕީއެންސީން ކާމިޔާބު ކޮށްދިނުމެވެ.

"އަޅުގަނޑުމެން ފަސް އަހަރުގެ ތެރޭގައި މި ކުރި މަސައްކަތުގެ ފޮނި ނަތީޖާ ލިބޭނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސްގެ އިންތިހާބު ކާމިޔާބު ކޮށްގެން. އައްޑޫ ސިޓީއަކީ އެމްޑީޕީގެ އައްޑާއެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކުރުމަކީ ތިޔަބޭފުޅުންގެ މަސައްކަތް. އުންމީދާ އެކު ކުރި މަސައްކަތުން މި އޮތީ ރިޔާސީ އިންތިހާބު ކާމިޔާބު ވެފައި،" އޭނާ ވިދާޅުވި އެވެ.

ޕްރައިމަރީގައި ބަލިވާ ކެންޑިޑޭޓް އިދިކޮޅު ނުވަތަ އެމްޑީޕީގެ ކެންޑިޑޭޓަށް މަޖިލިސް އިންތިހާބުގައި ތާއީދު ކޮށްފި ނަމަ އެ ގެއްލުވައިލަނީ ސިޔާސީ ހަޔާތް ކަމަށާއި ރައްޔިތުން އެ ކަމަށް މާފު ނުކުރާނެ ކަމަށް ތޯރިގް ވިދާޅުވިއެވެ.

އެހެންކަމުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓް ދޭނެ ކެންޑިޑޭޓުން ކަނޑައަޅަން އަންނަ އަހަރުގެ ޖެނުއަރީ 20 ގައި ބާއްވާ ޕްރައިމަރީން މޮޅުވާ ކެންޑިޑޭޓުގެ ފަހަތަށް ބަލިވާ ކެންޑިޑޭޓުން އެރުމަށް ތޯރިގް އެދިވަޑައިގަތެވެ.

ތޯރިގް މިހެން ވިދާޅުވެފައިވާއިރު، ޕާޓީ ޓިކެޓް ހޯދަން ޕީޕީއެމް އާ ގުޅޭބައެއް މެމްބަރުން، ޕްރައިމަރީ ކާމިޔާބު ނުވެއްޖެނަމަ އަމިއްލަ ގޮތުން ވެސް ކުރިމަތިލާނެ ކަމަށް ބުނަމުންދެއެވެ. އަދި ޕްރައިމަރީ ކާމިޔާބުކުރާ ކެންޑިޑޭޓްގެ ފަހަތަށް ނާރާނެ ކަމަށް ބުނެ ވާހަކަ ފަތުރަމުން ގެންދެއެވެ.

މި ލިއުމާއި ގުޅޭ