Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފެނަކަ

ފެނަކައިގެ ކޮރަޕްޝަން ފަޅާއަރުވައިލިކަމުގެ ތުހުމަތުގައި މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި

ފެނަކައިން ހިންގާ ވައްކަމާއި ޚިޔާނާތުގެ މައުލޫމާތު ހާމަކުރާކަމަށް ތުހުމަތުކޮށް އެ ކުންފުނީގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިއެވެ.

އިންތިޤާލީ މަރުހަލާގެ ތެރޭގައި އެކި ކަންކަމަށް ބޭނުންވާ މުދާ ހޯދުމުގެ ނަމުގައި ފެނަކައިން ގިނަ އަދަދެއްގެ މުދާ ގަތުމަށް ވަކި ކުންފުނިތަކަކާ ހަވާލުކުރަމުން އަންނަކަން ފަޅާއަރާފައިވެއެވެ.

އެގޮތުން ފެނަކައިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ރަށްރަށުގައި ހުރި ޑީސަލް ރައްކާކުރާ ތާނގިތައް އައުކޮށް މަރާމާތުކުރުމަށް ބޭނުންވާ ސާމާނު ގަތުމަށް ކަމުގައި ބުނެ ކުންފުންޏަކާ އެތަކެތި ގަތުން އެތައް މިލިއަން ރުފިޔާއަކަށް ހަވާލުކޮށްފއިވަނިކޮށް، އެކަން ފަޅާއެރުމުން އޭސީސީންވަނީ އެ މަސައްކަތް ހުއްޓުވާފައެވެ.

އޭގެ ފަހުން، ނަރުދަމާއާއި ފެނުގެ ނިޒާމުގެ ޚިދުމަތަށް ބޭނުންވާ ބައެއް މެޓީރިއަލް ގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ކިބިދޫ ދާއިރާގެ މެންބަރު އަޙްމަދު ނާޝިޒުގެ މަސްލަހަތު އޮންނަ ކުންފުންޏަކާ ފެނަކައިން ހަވާލުކުރިކަންވަނީ ހާމަވެފައެވެ. މިތަކެތި ގަތުމަށް 100 މިލިއަނެއްހައި ރުފިޔާ ޚަރަދުވާނެކަމަށް ވެއެވެ.

އަދި ފެނަކަ ކުންފުނީގެ އިސްވެރިއެއްގެ އާއިލީ މަސްލަހަތު އެކުލަވޭ ކުންފުންޏަކަށް މުދާ އުފުލައިދިންކަމަށް ބުނެ އެތައް މިލިއަން ރުފިޔާއެއް ދޫކުރާކަމާއި، ބިޑުކުރުމެއް ނެތި އެ ކުންފުންޏަށް މުދާ އުފުލުން ހަވާލުކުރާކަން ފަޅާއަރާފައިވެއެވެ.

މިހުރިހާ މައްސަލައެއް ފަޅާއަރާފައިވަނީ، އެ މައްސަލައާ ގުޅޭ ލިޔެކިޔުންތަކާއެކުއެވެ. އެއާއެކު ފެނަކައިގެ ކޮރަޕްޝަނުގެ މައްސަލަތައް ބަލައި ތަހުގީގުކުރަން ގޮވައިލާ އަޑުތައްވަނީ މީސްމީޑިއާގައި ގަދަވެފައެވެ.

ފެނަކައިގެ ކޮރަޕްޝަނުގެ މައްސަލަތަކުގެ ތަފުސީލުތައް ހާމަވަމުންދަނިކޮށް، އެ ކުންފުނީގެ ލޮޖިސްޓިކްސް ޑިޕާޓުމެންޓުގެ ސީނިއާ އޮފިސަރުގެ މަޤާމުގައި ހުރި ޔޫސުފް ރަމީޒު އޭނާގެ ވަޒީފާއިން ވަކިކޮށްފައިވެއެވެ.

އޭނާއަށް ފޮނުވި ވަޒީފާއިން ވަކިކުރިކަމުގެ ލިޔުމުގައި ބުނެފައިވަނީ އޭނާ ވަޒީފާއިން ވަކިކުރީ ކުންފުނީގެ ސިއްރު މައުލޫމާތުތަކާއި، ކުންފުނީގެ ލިޔެކިޔުންތައް ހާމަކުރުމާއި، މީސްމީޑިއާ އަދި އެނޫންވެސް ވަސީލަތްތައް މެދުވެރިކޮށް އާންމުކުރުމާއި، ދޫކުރުމާއި، ކޮޕީހެއްދުމާއި، ރެކޯޑުކުރުން ނުވަތަ މިއިންކަމަކަށް މަގުފަހިކުރުން ނުވަތަ އެއިން ކަމެއް ކުރުމަށް އެހީތެރިވެދިނުމާއި އެއިން ކަމެއްގައި ބައިވެރިވުމުގެ ސަބަބުން ކަމަށެވެ.

އެ ލިޔުން ހިއްސާކޮށް ޔޫސުފް ރަމީޒު ކުރި ޓުވީޓެއްގައި ބުނީ މިހާރު މީސްމީޑިއާގައި ދައުރުވަމުންދާ، ފެނަކައިން ހިންގާ ކޮރަޕްޝަނާ ގުޅޭ ލިޔެކިޔުންތައް ބޭރުކުރާ މީހަކީ އޭނާކަމަށް ތުހުމަތުކޮށް، އިތުރު ކޮރަޕްޝަނާ ގުޅޭ ލިޔުންތަކެއް ހާމަކޮށްފާނެކަމަށް ބުނެ އޭނާ މި މަހުގެ 2 ވަނަ ދުވަހުން ފެށިގެން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.

ފެނަކައިގެ ގިނަ އަދަދެއްގެ ކޮރަޕްޝަން މައްސަލަތައް ފެންމަތިވެފައިވާއިރު، އެ މައްސަލަތަކާ ގުޅޭ ލިޔެކިޔުންތައް ނޫސްތަކާ ހިއްސާކުރުމަށް ގިނަ މުވައްޒަފުން ޖެހިލުންވަނީ އެ ކުންފުނީގެ އައިޓީ ސެކްޝަން މެދުވެރިކޮށް އެކަންކަން ހާމަކުރާ މުވައްޒަފުން ދެނެގަނެ އެމީހުންނާމެދު ކުންފުނީގެ މެނޭޖުމެންޓުން ހަރުކަށި ފިޔަވަޅުތައް އަޅާތީއެވެ.

ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކުގައި ހިނގާ މިފަދަ ކޮރަޕްޝަނުގެ އަމަލުތަކާއި އެހެނިހެން ނުރަނގަޅު ކަންކަން ހާމަކުރާ ފަރާތްތަކަށް ހިމާޔަތް ލިބޭ ގޮތަށް ވިސްލްބްލޮވާސް ރައްކާތެރިކުރުމާ ބެހޭ ޤާނޫނެއް ތަސްދީގުކޮށްފައި އޮތް ނަމަވެސް އެ ޤާނޫނުން ލިބޭ ރައްކާތެރިކަން މިފަދަ އަމަލުތައް ފަޅާއަރުވައިލާ ފަރާތްތަކަށް ނުލިބެއެވެ.

މި ލިއުމާއި ގުޅޭ