ތިނެއް ނޮބެމްބަރު ފަދަ މުހިންމު ދުވަސްތަކުގެ ޒިކުރާ އާނުކުރާނަމަ ހިތްދަތި ދުވަސްތަކެއް ކުރިމަތިވާނެ ކަމަށާއި އެ ހިތްދަތިކަން މިދިޔަ ފަސް އަހަރު ކުރިމަތިވި ކަމަށް އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ނަސްރުގެ ދުވަހު ޕީއެސްއެމް އިން ގެނެސްދިން "ދިވެހިންގެރާއްޖެ" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ސެމްބެ ވިދާޅުވީ ގައުމަށް ނިކަމެތިކަން އަންނަނީ 3 ނޮވެމްބަރު ފަދަ މުހިންމު ދުވަސްތަކަށް އިހުމާލު ވެވޭތީ ކަމަށެވެ.
"[ނަސްރުގެ ދުވަސް ފަދަ ދުވަސްތަކުގެ] ޒިކުރާ އާނުކޮށް ތިބެއްޖެނަމަ ހިތްދަތި ދުވަސްތަކެއް ކުރިމަތިވާނެ. އެ ހިތްދަތިކަން މިދިޔަ ފަސް އަހަރު ކުރިމަތިވެގެން ދިޔައީ،" އިންތިހާބީ ނައިބު ރައީސް ވިދާޅުވި އެވެ.
ސެމްބެ ވިދާޅުވި ގޮތުގައި ރާއްޖޭގެ މިނިވަންކަމާ އިސްތިގްލާލު ދިފާއުކުރި ބޭކަލުންގެ ޒިކުރާ އާކުރުމާއެކު ދިވެހިންގެ ހިތްތަކުގައި މިނިވަންކަމާއި އިސްތިގުލާލު ދިފާއުކުރުމުގެ ރޫހު އަށަގެންނެވުމަށް ނަސްރުގެ ދުވަސް ފަދަ ދުވަސްތައް ފާހަގަކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
"މިފަދަ ދުވަސްތައް އަޅުގަނޑުމެންގެ އެއްވެސް ވެރިއަކު އިހުމާލުވެގެން ނުވާނެ،" މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނެވުމަށްފަހު ނައިބު ރައީސް ކަމަށް އިންތިހާބުވެވަޑައިގެން މިއަދު މީޑިއާއަށް ދެއްވި ފުރަތަމަ އިންޓަވިއުގައި ސެމްބެ ވިދާޅުވި އެވެ.
ނަސްރުގެ ދުވަހުގެ ގޮތުގައި 3 ނޮވެންބަރު އިހުތިފާލުކުރަނީ 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ވަނަ ދުވަހުގައި ދިވެހި ޚާއިނުންގެ ބަޔަކާއި ލަންކާގެ ކުލީ ސިފައިންގެ ބަޔަކު ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާއިން ދިވެހިރާއްޖެ ސަލާމަތްވުން ފާހަގަކުރުމުގެ ގޮތުންނެވެ.
ފާއިތުވި ފަސް އަހަރު، ނަސްރުގެ ދުވަހާ ގުޅިގެން ގައުމީ ފެންވަރުގައި އެއްވެސް ބޮޑު ހަރަކާތެއް ނުބާއްވައެވެ. އަދި އެ ދުވަހަކީ ރަސްމީކޮށް ފާހަގަކުރާ ދުވަސްތަކުގެ ތެރެއިން، ބީ ކެޓަގަރީގެ ދުވަހެއްކަމަށް ކަނޑައަޅައި ދައުލަތުގެ މީޑިއާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން އެ ދުވަސް ފާހަގަކުރުމަށް ކަނޑައަޅާފައިވާ ވަގުތު ވަރަށް ބޮޑަށް މަދުކުރިއެވެ.
އޭގެ އިތުރަށް ނަސްރުގެ ދުވަހުގެ ރަސްމީ ލަވަ ދައުލަތުގެ މީޑިއާގެ ޓީވީ ޗެނަލްތަކުން ފޮނުވުމުގެ ކުރިން އެ ލަވަ އެޑިޓުކޮށް އެއިން އެއް ކަޑި އުނިކޮށްފައިނޫނީ ނުފޮނުވަން ރައީސް އޮފީހުން އެންގިއެވެ.
ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި މިއަދު ކުރެއްވި ޓުވީޓެއްގައި، އެކަންކަމަށް އިޝާރާތްކުރައްވައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންނަ އަހަރުން ފެށިގެން ނަސްރުގެ ދުވަހަށް ސަރުކާރުން ދޭންޖެހޭ ސަމާލުކަން ފުރިހަމައަށް ދޭނެކަމަށް ވިދާޅުވެފަ އެވެ.