Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

ދިވެހިންނަށް ނަސްރު ލިބުމުގެ ސިއްރަކީ ރައްޔިތުންނާ ސަރުކާރާ އޮތް ގުޅުން: ރައީސް

ތިނެއް ނޮވެމްބަރުގައި ދިވެހިންނަށް ލިބުނު ކާމިޔާބީގެ ސިއްރަކީ ދިވެހި ސަރުކާރާއި ރައްޔިތުންނާ ދެމެދު އޮތް ވަރުގަދަ ގުޅުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ 36 ވަނަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ ނަސްރުގެ ދުވަސް ފާހަގަކުރުމުގެ އެންމެ މުހިންމު ބޭނުމަކީ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގައި ސަރުކާރާއި ރައްޔިތުން ގުޅިގެން، އެއް އަޒުމެއްގައި އެއް އަމާޒަކަށް މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް ހޭލުންތެރިވުން ކަމަށެވެ.
ނޮވެންބަރު ތިންވަނަ ދުވަހު ދިވެހިންނާ ކުރިމަތިވި ބިރުވެރި ހާދިސާގައި، ދިވެހިންނަށް ނަސްރު ލިބުމުގެ ސިއްރަކީ، އެ ގުޅުމުގެ ހަރުދަނާ ކަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ދުޝްމަނުންގެ ބަޔަކު ހަތިޔާރާއެކު މާލެ އަރައި، އެ ދުވަހު ހިންގި އުދުވާނީ އަމަލުތައް ނާކާމިޔާބުކޮށްލެވުނީ، ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރު ގުޅިގެން ކުރި މަސައްކަތާއި ޖިހާދުގެ ސަބަބުންކަން ޔަގީން،" ރައީސް ވިދާޅުވި އެވެ.
"އެދުވަހު ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރެވުނީ، ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި، މިނިވަންކަމަށްޓަކައި ގުރުބާންވުމުގެ ރޫހު ދިވެހިންގެ ކިބައިގައި ވަރުގަދަކަމުން."
ރައީސް ވިދާޅުވި ގޮތުގައި މިފަދަ ދުވަހެއް ފާހަގަކުރާ އިރު، އަޒުމަކަށް ހަދަންވީ މި ގައުމުގެ ކަރާމަތާއި ދިވެހިންގެ މިނިވަންކަން ނަގަހައްޓައި ދެމެހެއްޓުމުގައި ސާބިތުވެ ތިބުމަށެވެ. އަދި ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަމެއް އައިސްދާނެ ކޮންމެ ކަމަކުން ދުރުހެލިވެ ތިބެ، ފަރުދީ މަސްލަހަތުގެ މައްޗަށް ގައުމީ މަސްލަޙަތު އިސްކުރުމަށެވެ.
"ޅަދަރިންގެ ހިތްތަކުގައި ގައުމީ ލޯބި އާލާކޮށް، ގައުމީ މަސްލަޙަތު އިސްކުރުމުގެ ސިފަ އެކުދިންގެ ކިބައިގައި ހަރުލެއްވުމަކީ، މިފަދަ ދުވަހެއް ފާހަގަކުރުމުގެ ވަރަށް މުހިންމު ބޭނުމެއް،" ރައީސް ވިދާޅުވި އެވެ.
ރައީސްގެ ހިތާބުގައި ވަނީ ފަލަސްތީނަށް ކުރިމަތިވެފައިވާ ހާލަތަށް ވެސް އަލިއަޅުއްވާލާފަ އެވެ.
ފަލަސްތީނުގެ މިނިވަންކަމާއި ސިޔާދަތު ނިގުޅައިގަނެ، ޒަޔަނިސްޓުންގެ އިސްތިއުމާރީ އަޅުވެތިކަމުގައި ފަލަސްތީނުގެ ރައްޔިތުން ކަސްތޮޅު އަޅުވާފައި ތިބޭތާ 75 އަހަރު ވެގެން ދިޔައިރު، ގައްޒާގެ ރައްޔިތުން މިއަދު ތަޙައްމަލު ކުރަމުން އެދަނީ މިޒަމާނުގެ އިންސާނީ ތާރީހު ނުދެކޭހާ އަނިޔާވެރި ލާއިންސާނީ އަމަލުތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"ބައިނަލްއަގުވާމީ މުޖުތަމައުގެ ހުރިހާ ކަންކޮޅެއްގައި، ޒަމާނީ ޑިމޮކްރެސީ އާއި އިންސާނީ ހައްގުތަކުގެ އަޑު ގުގުމަމުންދާ މި ޒަމާނުގައި، ފަލަސްތީނުގެ ރައްޔިތުންނަށް ވުރެ ވަކިން ބޮޑަށް، އެ ހައްގުތަކުން މަހުރޫމް ކުރެވި ނިކަމެތި ކުރެވިފައިވާ އެހެން ބަޔަކު އަދުގެ ދުނިޔޭގައި ނެތް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވަނީ ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ނިކަމެތިކަމުން އެމީހުން މިންޖުކުރައްވައި، ފަލަސްތީނުގެ ހިތްވަރުގަދަ މުޖާހިދުންނަށް ފުރިހަމަ ނަސްރެއް ދެއްވުމަށް އެދި ދުއާ ދަންނަވާފަ އެވެ.
މި ލިއުމާއި ގުޅޭ