Friday 1st Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ނޮވެންބަރު 3

ނަސްރުގެ ދުވަސް: ޝަހީދުންނަށް ޙައްޤު ޙުރުމަތާއި ޤަދަރު ދޭނެ ދައުރަކަށް 13 ދުވަސް

ޝަހީދު ޙުސައިން އާދަމް ޤައުމަށްޓަކައި ވެވަޑައިގެންނެވި ޤުރުބާނީއާއި އޭނާ ހިމެނިވަޑައިގަންނަވާހެން 19 ދިވެއްސަކު އެބޭފުޅުންގެ ތާހިރު ލެއިން ކާދު ދެއްވައިގެން، ދިވެހި ޤައުމާއި ވަޠަނުގެ މިނިވަންކަމަށް ދިރުންދެއްވިތާ މިއަދަށް 35 އަހަރުވީއެވެ. ދިވެހި ޤައުމުގެ ތާރީޚުގައި ދިވެހިންގެ މިނިވަންކަމަށްޓަކައި ދިވެހިން ލެއިން ޤުރުބާންވެ ޝަހީދުވި އެންމެ ފަހުގެ ހާދިސާ ހިނގިތާ 35 އަހަރުވީއެވެ.

ޤައުމެއްގެ ތާރީޚުގައި އެ ޤައުމެއްގެ މިނިވަންކަމަށްޓަކައި އެ ޤައުމަކުން ހަނގުރާމަކޮށް ކާމިޔާބާއި ފަތަޙަ ހޯދި ދުވަސްތައް ކުލަގަދަކޮށް ފާހަގަކުރުމަކީ ދުނިޔޭގެ ހުރިހާ ޤައުމުތަކުން ފެންނަ ކަމެއް ނަމަވެސް، ފާއިތުވި ދުވަސްތަކުގައި ނޮވެންބަރު 3 އެ ދުވަހަށް ޙައްޤު ގޮތުގައި އިހުތިފާލުކުރެވުނު ކަމުގައި ބުނެވޭކަށް ނެތެވެ. 5 އަހަރުގެ ދައުރެއް ނިމިގެން މިދަނީ މި ދުވަހަށް ދޭންޖެހޭ އަހަންމިއްޔަތު ނުދެވިއެވެ.

ސަބަބުތައް ބައިވަރެވެ. އެ ދުވަހުގެ ހަނދާންތައް ގުޅިފައިވަނީ އެ ދުވަހު ޤައުމުގެ ދިފާއުގައި ހަނގުރާމަކުރެއްވި މުޖާހިދުންނާއި، އެ ދުވަހު ދިވެހި އުދަރެސް ބަނަކޮށްލި ނުރައްކާތެރި ބިރުވެރި ހާލަތު އުފަންކުރި ޚާއިނުންނާއެވެ. ޝަހީދު ޙުސައިން އާދަމާއި، ޝަހީދު ކުޑަނެވި ތުއްތުމަނިކާއި، ޝަހީދު އާދަމް ނަސީރާއި، ޝަހީދު މުޙައްމަދު އިބްރާހީމާއި އިތުރު އެހެން ޝަހީދުންގެ ޒިކުރާއާއެކު، ހާޖަރާގޭ ޢަބްދުﷲ ލުތުފީއާއި ސަގަރު ނާސިރާއި، ސިއްކަ އަޙްމަދު އިސްމާއީލު މަނިކުގެ ވާހަކަތަކާއެވެ.

ނޮވެންބަރު 3 ޤައުމެއްގެ ގޮތުގައި އަޅުގަނޑުމެން ފާހަގަކުރަނީ ބޭރުގެ ކުލީ ސިފައިންގެ ބަޔަކު ދިވެހިންގެ ތެރެއިން ބަޔަކު ދިން ދައުވަތަކަށް އައިސް ދިވެހިރާއްޖެއަށް ދިން އުދުވާނީ ހަމަލާއިން ދިވެހިރާއްޖެއާއި ދިވެހި ދައުލަތާއި ދިވެހި ރައްޔިތުން މާތްﷲގެ ރަހުމަތްފުޅުން ސަލާމަތްވި ދުވަހުގެ ގޮތުގައެވެ.

ނަމަވެސް އެ ދުވަހުގެ އުދުވާން ރޭވުމުގައި ބައިވެރިވި ނިރުބަވެރިންނާއި އެމީހުން އާއިލާތަކުން އެދުވަސް ދެކޭނީ އަޅުގަނޑުމެން އެދުވަހާމެދު ދެކޭ ގޮތަށް ހެއްޔެވެ؟ ނޫނީ އެދުވަހަކީ ދިވެހި ދައުލަތުގެ ވެރިކަން ފުރޮޅައިލަން އެމީހުން ހިންގި އިންޤިލާބީ ހަރަކާތެއް ފެއިލުވި ދުވަސްކަމަށް އެމީހުން ނުދެކޭނެ ހެއްޔެވެ؟ އަދި އެދުވަހާ ގުޅިގެން އެމީހުންނާމެދު ދިވެހިންގެ ހިތްތަކުގައި އާލާވެ ހިނގަމުންދާ ޝުއޫރުތައް ކިލަނބުކޮށް ބަދަލުކޮށް އިންދިރާސްކުރުމުގެ ޝައުޤެއް ނިޔަތެއް އެމީހުންގެ ހިތްތަކުގައި ނުހިނގާނެ ހެއްޔެވެ؟

ސުވާލުގެ ޖަވާބު ވަރަށް ފަސޭހައިން ހޯދޭނެއެވެ. ފާއިތުވި 5 އަހަރާއި 2008 ވަނަ އަހަރުގެ ނޮވެންބަރު 11 އިން 2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހާ ހަމައަށް ރާއްޖޭގައި ހިނގި ދެ ވެރިކަމަށް ރަނގަޅަށް ބަލައިގެންނެވެ. މި ދެ ވެރިކަމުގެ މެދުގައި ތަފާތުތަކެއް ހުރި ނަމަވެސް އެއްގޮތް އެއް ސިފައަކީ ނަސްރުގެ ދުވަސް ފާހަގަކުރި ގޮތުގައި ހުރި އެއްގޮތް ކަމެވެ.

ނަސްރުގެ ދުވަހުގެ އަޑުތައް ފަޑުވެ، އެ ދުވަސް ފާހަގަކުރުން މަޑުޖެހި، ދުވަހުގެ ބައެއް ހަނދާންތައް އައުކުރުން ހުއްޓުނެވެ. ދައުލަތުގެ މީޑިއާއިން ޝަހީދުންގެ ވާހަކަތައް ކިޔައިދޭއިރު، އެ ޝަހީދުންގެ ޠާހިރު ލެއިން މިފަސްގަނޑު ތަތްތަޅުވާލަން މެދުވެރިވި ދިވެހި ޣައްދާރުންގެ ވާހަކަ ނުގެނެއެވެ. އަދި އަމިއްލަ މީޑިއާތަކުގެ ސަމާލުކަމުން ޣައްދާރުންގެ ވާހަކަ ކައްސާލައިގެން ގޮސްފައިވެއެވެ.

ސަބަބަކީ ވެރިކަމުގައި ތިއްބެވި ބޭފުޅުންނެވެ. މި ދެންނެވުނު ދެ ދައުރުގައިވެސް ވެރިކަމުގައި ތިއްބެވީ ލޭގެ ގޮތުން ޣައްދާރުންނާ ގުޅުން އޮތް ބޭފުޅުންނެވެ. އެބޭފުޅުންގެ އާއިލީ އަދި ޝަޚުޞީ މަސްލަހަތު އޮތީ ޣައްދާރުންގެ ވާހަކަތައް ދެކެވޭ މިންވަރު މަދުވުމުގެ މައްޗަށެވެ. ޚާއިނުންގެ ޚިޔާނާތާއި ޤައުމަށާއި ރައްޔިތުންނަށް އެއުރެން ދިން ބޮޑު ގެއްލުމާއި ހަލާކުގެ ވާހަކައަކީ ޖީލުތަކަށް ތަކުރާރުވެ ވާރުތަވާން އެބޭފުޅުން ބޭނުންފުޅުވާ ވާހަކަތަކެއް ކަމުގައިނުވުމެވެ.

މި ފަސް އަހަރުން ދެތިން މިސާލު ދަންނަވައިލާނަމެވެ. 2020 ވަނަ އަހަރު ނަސްރުގެ ދުވަހުގައި ޕީއެސްއެމްއިން ނަސްރުގެ ދުވަހުގެ މަޝްހޫރު ލަވަ "ކިޔާ ދޫތަކުން" ގެނެސްދިނީ އެ ލަވައިގެ އެއް ކަނޑި އެޑިޓުކޮށް އުނިކުރުމަށްފަހުއެވެ. ވެރިން އަންގަވައިގެން މަޖުބޫރުކުރައްވައިގެން އެކަން ކުރުވީ އެތަނުގެ މުވައްޒަފުން އިހުތިޖާޖުތަކަށް ބެލުމެއް ނެތި ގަދަބަދަވިކަމުންނެވެ. ވީހާވެސް މަދުން އެލަވަ ދައްކަންވެސް އެންގިއެވެ.

ޖެހިގެން އައި 2022 ވަނަ އަހަރުގެ ނަސްރުގެ ދުވަސް އައިއިރު ޤައުމީ ޓީވީގެ ޕްރޮގުރާމް ގައިޑުގައި ނަސްރުގެ ދުވަހާ ގުޅޭ އެންމެ ޕްރޮގުރާމެއްވެސް ނެތެވެ. ދުވާލުގެ 24 ގަޑިއިރުން އެންމެ ބައިގަޑިއިރުވެސް އެ ދުވަހުގެ ޛިކުރާތަކަށް ހުސްކޮށްލަން ޕީއެސްއެމްގެ ވެރިން އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެރިން ރުހިވަޑައިނުގަތީއެވެ.

އާންމުންގެ ފާޑުކިޔުންތަކާއެކު ޕީއެސްއެމްގެ އެމްޑީ އަލީ ޚާލިދު އިއުލާނުކުރެއްވީ، ޕީއެސްއެމްއިން ރަސްމީ ގޮތުން ފާހަގަކުރާ އެކި ދުވަސްތައް ކެޓަގަރީތަކަށް ބަހާލާފައިވާއިރު ނަސްރުގެ ދުވަހަކީ "ބީ ކެޓަގަރީ"ގައި ހިމެނޭ ދުވަހެއް ކަމަށެވެ. އެހެންކަމުން އެދުވަހަކީ އިހުތިފާލުކޮށް ފާހަގަކުރުން އެހައި މުހިއްމު ދުވަހަކަށް ނުވަނީއެވެ.

ނަމަވެސް ޤައުމުގެ ފަހުގެ ތާރީޚުގައި ހިނގި އެންމެ ހިތާމަވެރި، ބިރުވެރި، ނާމާން ހާދިސާ، އަދި މިނިވަންކަން ދިފާއުރުކުރުމުގައި ދިވެހިންގެ އެއްބައިވަންތަކަމާއި ތެދުވެރި އީމާންތެރިކަމާއި ހިތްވަރު ދައްކައިދިން މިދުވަސް އެހެން ޤައުމީ މުނާސަބަތަކަށްވުރެ އަހަންމިއްޔަތުކަން ކުޑަވާންވީ ސަބަބެއް އެބައޮތް ހެއްޔެވެ؟ ކުރިންވެސް ދެންނެނެވުނު ފަދައިން ވެރިކަމުގައި ތިއްބެވި ބޭފުޅުންނާއި ނޮވެންބަރު 3ގެ އުދުވާން މެދުވެރިކުރި ޚާއިނުންނާ އޮތް އާއިލީ ގުޅުމެއް ފިޔަވައި އެދުވަސް "ބީ ކެޓަގަރީ"ގެ ދުވަހަކަށް ހަދާންވީ ސަބަބެއް ނެތެވެ.

ކަން ދިމާވި ގޮތުން ކޮންމެ 5 އަހަރަކުން އެއްފަހަރު ނަސްރުގެ ދުވަސް ދިމާވަނީ ދިވެހިރާއްޖޭގެ ވެރިކަން ބަދަލުވެ ފުރޮޅިގެންދާ ދުވަސްވަރާއެވެ. މިއަދަކީ ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާގެ އެއް މޭސްތެރިޔާ ސިއްކަ އަޙްމަދު އިސްމާއީލުގެ އާއިލާއިން ކުރަމުން އައި ވެރިކަން ނިމި، އެ އުދުވާނީ ހަމަލާގެ ޝަރީޢަތްތަކުގައި ފަނޑިޔާރުކަން ކުރެއްވި ފަޟީލަތުއްޝައިޚު ޙުސައިން ޢަބްދުއްރަޙްމާނުގެ ދަރިކަލުން ޑރ.މުޙައްމަދު މުޢިއްޒުގެ ވެރިކަން ފެށުމަށް 13 ދުވަހަށް ވެފައިވަނިކޮށް ބައްދަލުކުރި ނަސްރުގެ ދުވަހެކެވެ.

ދިވެހިރާއްޖެ އިސްލާމްވި ދުވަހުގައި ރާއްޖޭގެ އިލްމުވެރިންނާއި މުފައްކިރުންނާއި ޔުނިވާސިޓީތަކުގެ މުޙާޟިރުންނާ ބައްދަލުކުރައްވައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވި އެއް ނުކުތާއަކީ ރާއްޖޭގައި މިހާރު ވަޅުޖެހެމުންދާ ޤައުމީ ރޫޙާއި ވަޠަނީ ލޯބި އަލުން އިއާދަކުރުމުގައި ޤައުމީ ދީނީ މުނާސަބަތުތައް ކުލަގަދަކޮށް އިހުތިފާލުކޮށް ފާހަގަކުރުމުގެ މުހިއްމުކަމެވެ. އަދި އެކަމަށް އެމަނިކުފާނުގެ ވެރިކަމުގައި ދެއްވާނެ ސަމާލުކަމުގެ ވާހަކައެވެ.

އެހެންކަމުން އަންނަން އޮތް ފަސް އަހަރަކީ ނަސްރުގެ ދުވަހުގެ އަބްޠާލުންގެ ހަނދާންތައް އޭގެ ޙައްޤު ގޮތުގައި އައުކުރެވޭނެ ފަސް އަހަރެވެ. ޝަހީދު ޙުސައިން އާދަމް ވެވަޑައިގެންނެވި ޤުރުބާނީގެ ވާހަކަ ޙައްޤު ގޮތުގައި ކިޔައިދިނުމަކީ ޅަދޮޅު އުމުރުފުޅުގައި ނޫކަށި ފުރައިގެ ޒުވާންކަމުގައި އެ ޤުރުބާނީވެވަޑައިގަތުމަށް މަޖުބޫރުކުރި ހާލަތު ދިވެހި އުންމަތާ ކުރިމަތިކުރި މީހުންގެ ވާހަކަތައްވެސް ކިޔައިދީ ބުނެދިނުމެވެ.

ނުވަވަނަ ޙަސަން ރަސްގެފާނާއި، ތާޖުއްދީނުގެ ދެ ދަރިންނާއި، ކަޅު މުހައްމަރު ރަސްގެފާނު ފަދަ ޚާއިނުންގެ ވާހަކައަކީ މާދުރު ތާރީޚެއްގައި ހިނގި ކަންތައްތަކެއްގެ ވާހަކައެވެ. ތާރީޚު ފޮތްފޮތުގައި ލިޔެވިފައި ހުރި އެވޭލާ ޒަމާނުގެ ވާހަކަތަކެވެ. ނަމަވެސް ހާޖަރާގޭ ލުތުފީއާއި ސިއްކަ އަޙުމަދާއި، ސަގަރު ނާސިރާއި، ކަރޯގޭ އައްބާސާއި، ޝާހިދާއި ދެންވެސް ނޮވެންބަރު 3ގެ އުދުވާން ރޭވުމާއި ތަންފީޒުކުރުމުގައި ބައިވެރިވި ދިވެހިންނަކީ 50 އަހަރުން މަތީ ގިނަ ދިވެހިންގެ ހަނދާންތަކުގައި ތާޒާކޮށް ހުރި ހަނދާންތަކެވެ.

އެ ހަދާންތައް ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ކިލަނބުވެ، އެއިރު ސާބިތުވެފައި ހުރި ޙަޤީޤަތްތައް ޚިޔާލީ ފޮލާގެ ގޮތުގައި ތަސައްވަރުވެ، ޝައްކާއި ވަހުމުގެ ތެރެއަށް ވަދެ ދިވެހިންގެ ފަހުގެ ތާރީޚު ދުށް އެންމެ ބިރުވެރި ނާމާން ދުވަހުގެ ޙަޤީޤަތްތައް އޮޅުވައިލެވެން ނުވަތަ އޮޅުންބޮޅުންވާން ދޫކޮށްލުމަކީވެސް ޚިޔާނާތެކެވެ. އެދުވަހުގެ ޙަޤީޤީ ފިލާވަޅުތައް ލިބިގަނެވޭނީ އެ ދުވަހުގެ ހުރިހާ ޙަޤީޤަތްތައް ރަނގަޅަށް ދިވެހިންގެ ހިތްމަތީގައި ހުރެގެންނެވެ.

ނޮވެންބަރު 3 1988 ގެ އުދުވާނީ ހަމަލާގައި ޝަހީދުކޮށްލެވުނު 19 ދިވެހިންނަށް ޙައްޤުވާ ހުރުމަތާއި ޤަދަރު ދިނުންކަމަށްވާނީ، އެ ބޭފުޅުން ޝަހީދުވި ބިރުވެރި ނާމާން ޢުދުވާނުގެ ހުރިހާ ޙަޤީޤަތްތައް ކިލަނބުކަމެއް ނެތި ދިވެހި ޟަމީރުގައި ތާއަބަދަށް ވަކިނުވާނެހެން ދާއިމަށް ހަރުލާފައި ހުރެގެންނެވެ. އަންނަ 5 އަހަރު އެމަގުން ދިވެހި ދައުލަތުން މި ދުވަސް އިހުތިފާލުކުރާނެކަމާމެދު އަޅުގަނޑުގެ ހިތުގައި ޝައްކެއް ނެތެވެ.

މި ލިއުމާއި ގުޅޭ