ފުލުހުންގެ މަތީ ފަންތީގެ ބައެއް އޮފިސަރުންނަށް ޕްރޮމޯޝަން ދިނުމުގެ މަސައްކަތް އިންތިޤާލީ މަރުހަލާގައި ކުރަމުން އަންނަކަން ހާމަވެއްޖެއެވެ.
"ދިޔަރެސް"އަށް މައުލޫމާތުދެއްވި ފުލުހުންގެ އިސް އޮފިސަރެއް ވިދާޅުވީ ފުލުހުންގެ އެކި ރޭންކުތަކުގެ އޮފިސަރުންނަށް ޕްރޮމޯޝަން ދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން އެ އިޖުރާއާތުގެ ތެރެއިން ބައެއް އޮފިސަރުންގެ އިންޓަވިއު މަރުހަލާވެސް މިހާރު ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ވަކި ފުލުހުންތަކެއް ނަގައިގެން އެމީހުން ފުލުހުންގެ އެގްޒެކެޓިވް ފެންވަރުގެ ރޭންކުތަކަށް ޕްރޮމޯޓުކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށާއި، އެގޮތުން ސުޕްރިޓެންޑެންޓު އޮފް ޕޮލިސްގެ ރޭންކުން ފެށިގެން އެސިސްޓެންޓު ކޮމިޝަނާގެ ރޭންކާ ހަމައަށް ފުލުހުންގެ ތެރެއިން ބައެއް އޮފިސަރުން ޕްރޮމޯޓުކުރުމަށް މަސައްކަތްކުރާކަމަށް އޭނާ ވިދާޅުވިއެވެ.
"ދިޔަރެސް"އާ ވާހަކަދެއްކެވި އޮފިސަރު ވިދާޅުވި ގޮތުގައި މަތީ ރޭންކުތަކަށް ޕްރޮމޯޓުކުރަންވީ އޮފިސަރުންގެ ލިސްޓެއް ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އަދި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްވެސް އެކުލަވައިލައްވާފައިވެއެވެ. އެ ލިސްޓުގައި އެ ބޭފުޅުން ހިމަނުއްވާފައިވަނީ އެ ބޭފުޅުންނަށް ވަފާތެރިވާނެކަމަށް ޤަބޫލުކުރައްވާ އޮފިސަރުންކަމަށްވެސް އޭނާ ތުހުމަތުކުރެއްވިއެވެ.
މިފަދައިން އިންތިޤާލީ މަރުހަލާގެ ތެރޭގައި ފުލުހުންގެ ތެރެއިން ބައެއް އޮފިސަރުން މަތީ ފަންތީގެ ރޭންކުތަކަށް ޕްރޮމޯޓުކުރުމުގެ މައިގަނޑު ވިސްނުމަކީ އަލަށް އުފެދޭ ސަރުކާރުގައި ފުލުހުންގެ ލީޑާޝިޕަށް އަންނަ ބަދަލުތަކާއެކު އައު ލީޑާޝިޕަށް އެ އިދާރާގެ މަސައްކަތްތައް އިންތިޒާމުކުރުމަށް ދަތިކުރުންކަމަށް ޤަބޫލުކުރެއްވޭ ކަމުގައި މި ނޫހަށް މައުލޫމާތުދެއްވި އޮފިސަރު ވިދާޅުވިއެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި 2013 ވަނަ އަހަރުގައި ވެރިކަން ބަދަލުވި ވަގުތުގައާއި، 2018 ވަނަ އަހަރުގެ އިންތިޚާބަށްފަހު ވެރިކަން ބަދަލުވި ހާލަތުގައިވެސް މިފަދަ އެއްވެސް ކަމެއް ފުލުހުންގެ އިދާރާގެ ތެރެއިން ހިނގާފައިނުވެއެވެ. އަބަދުވެސް ފުލުހުންގެ ލީޑާޝިޕުން ދަމަހައްޓަމުން އައި ވިސްނުމަކީ އިންތިޤާލީ މަރުހަލާގައި ފުލުހުންނަށް ޕްރޮމޯޝަން ދިނުމަކީ ރަނގަޅު ކަމެއް ނޫންކަމުގެ ވިސްނުންކަމަށް އޭނާ ވިދާޅުވިއެވެ.