އޮކްޓޯބަރު 7 ވަނަ ދުވަހުގައި ޙަރަކަތު މުޤާވަމަލް އިސްލާމިއްޔާ (ޙަމާސް)ގެ އަސްކަރީ ގޮފި، ކަތާއިބުލް ޤައްސާމް، ނުވަތަ ޤައްސާމް ބްރިގޭޑްސްއިން ފެށި "އަޤުޞާގެ ޠޫފާން"ގައި 1،400 އަށްވުރެ ގިނަ އިސްރާއީލު މީހުން މަރުވިކަމަށް ޞަހުޔޫނީން ބުނެއެވެ. އެއިން ގިނަ ބަޔަކު މަރުވީ ބީރީ ނަމަކަށް ކިޔާ އާބާދުވުމެއްގައެވެ.
އިސްރާއީލުން މިހާރު ޣައްޒާއަށް ދެމުންދާ ވަރުގަދަ ހަމަލާތަކާއި، 3،000 އަށްވުރެ ގިނަ ކުޑަކުދިން ހިމެނޭހެން 8،000 އަށްވުރެ ގިނަ ފަލަސްޠީނު މީހުން ޤަތުލުކޮށްލުން ދުނިޔެ ކުރިމަތީގައި ރަނގަޅު ހަމަޖެހޭ ކަމެއްކަމުގައި އިސްރާއީލުން ދައްކައިދެނީ އެ ޤަތުލުތައް ބޭނުންކޮށްގެންނެވެ.
ނަމަވެސް އެ ލިޔުމުގައި ހިމެނޭ މައުލޫމާތުތައް ހާމަކުރުމުން ލިބިދާނެ ގެއްލުމަކާއި ކުރިމަތިލާންޖެހިދާނެ ނަތީޖާއަކަށް ރިއާޔަތްކޮށް ނަން ހާމަނުކޮށް، "މޮންޑެވެއިސް"ގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައި، އިސްރާއީލުގެ މި ދައުވާއާމެދު ސުވާލުތަކެއް އުފެދޭނެ ގިނަ މައުލޫމާތުތަކެއް ހިމަނާފައިވެއެވެ.
އެ ލިޔުމުގައި ބަޔާންކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އިސްރާއީލުން މަރުވިކަމަށް ބުނާ މީހުންގެ ތެރެއިން ވަރަށް ގިނަ މީހުން ޤަތުލުކުރީ ޙަމާސްއިންނެއް ނޫނެވެ. ނަމަވެސް އިސްރާއީލުގެ ބާރުތަކުންނެވެ.
ހަނިބަލް ޑައިރެކްޓިވްގެ ނަންދީފައިވާ އަސްކަރީ އުސޫލަކީ 1980ގެ އަހަރުތަކުގައި އިސްރާއީލު އަސްކަރިއްޔާގެ ވެރިން އެކުލަވައިލި ޑައިރެކްޓިވެކެވެ. ގިނަ އަހަރުތަކެއް ވަންދެން އިސްރާއީލުން އެފަދަ ޑައިރެކްޓިވެއް ވުޖޫދުގައި އޮތްކަމަށްވެސް އައީ އިންކާރުކުރަމުންނެވެ. ނަމަވެސް 2003 ވަނަ އަހަރުގައި ފުރަތަމަ ފަހަރަށް މި ޑައިރެކްޓިވް އާންމުކޮށް ޝާއިއުކުރެވިގެން ދިޔައެވެ.
1986 ވަނަ އަހަރުގައި ލުބުނާނަށް އިސްރާއީލުން ދިން ހަމަލާތަކާއި ހިނގި ހަނގުރާމާގައި ގިނަ އަދަދެއްގެ ޞިހުޔޫނީ ސިފައިން ލުބުނާނުގެ މުޖާހިދުންގެ އަތްދަށުވުމާއެކު އެކުލަވައިލި މި ޑައިރެކްޓިވްގެ މައިގަނޑު ބޭނުމަކީ އިސްރާއީލު ސިފައިންގެ މީހެއް ދިރިހުއްޓައި، ދުޝްމަނުންގެ އަތްދަށުވިޔަނުދިނުމެވެ.
މި ޑައިރެކްޓިވްގައި އިސްރާއީލުގެ އަސްކަރިއްޔާއަށް އަންގާފައިވަނީ އެމީހުންގެ ތެރެއިން މީހަކު ދުޝްމަނުންތަކެއް ރަހީނުކޮށްފިނަމަ އެމީހަކަށް ގެއްލުމެއްވި ނަމަވެސް އޭނާ ރަހީނުކޮށްގެން ގެންދިއުން ހުއްޓުވުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމަށެވެ.
އެންމެ ފަހުން އިސްރާއީލުން މި ޑައިރެކްޓިވް ތަންފީޒުކުރި ގޮތް މުޅި ދުނިޔެއަށް ފެނުނު އެއް މިސާލަކީ 2014 ވަނަ އަހަރު ޣައްޒާއަށް އިސްރާއީލުން ދިން ހަމަލާތަކުގައި ހާޑަރް ގޯލްޑިން ނަމަކަށް ކިޔާ ސިހުޔޫނީ ސިފައިންގެ މީހަކު މުޖާހިދުންގެ އަތްދަށުވުމުން އޭނާއާއެކު ގިނަ އަދަދެއްގެ މުޖާހިދުން ނައްތައިލުމަށް ޞިހުޔޫނީ އަސްކަރިއްޔާއިން ދިން ނުރައްކާތެރި ހަމަލާތަކެވެ.
އެއިރު ދިން ހަމަލާތަކުގައި ފަލަސްޠީނުގެ 200 އެއްހައި މީހުން ޝަހީދުކޮށްލިއެވެ. އޭގެ ތެރޭގައި 70 ކުޑަކުދިންވެސް ހިމެނުނެވެ. މިއީ މިފަދައިން އިސްރާއީލުން ދިން ފުރަތަމަ ހަމަލާއެއް ނޫނެވެ. އޭގެ ކުރިންވެސް އިސްރާއީލު އަސްކަރިއްޔާއިން އެމީހުންގެ އަމިއްލަ އޮފިސަރުން ނުރައްކަލަށް ހުށަހެޅޭ ގޮތަށް އޮޕަރޭޝަންތައް ހިންގާފައިވެއެވެ.
ޤުދުސްގައި މަރުކަޒުވެގެން މަސައްކަތްކުރާ ނޫސްވެރިއެއް ކަމުގއިވާ ކިއުކީ ކީސްޒެންބައުމް ދަ ގާޑިއަންގައި ލިޔެފައިވާ އޭނާގެ ތަޖުރިބާތަކަށް ބަލާއިރު، 7 އޮކްޓޯބަރުގެ ހާދިސާތަކުގައި ހަނިބަލް ޑައިރެކްޓިވް އިސްރާއީލުން ތަންފީޒުކުރިކަމަށް ބެލިދާނެއެވެ.
އިމާރާތަކަށް ފަހު އިމާރާތެއް ބިމާ ހަމަވެފައިވާއިރު އެ އިމާރާތްތައް ސުންނާފަތިވީ ހަމާސްގެ ހަމަލާތަކުގައިކަން ނުވަތަ އިސްރާއީލުން ޙަމާސްއަށް އަމާޒުކޮށް ރައްދުގައި ދިން ހަމަލާތަކުގައި ކަން ކަށަވަރުނުވާކަމަށް އޭނާ ލިޔެފައިވެއެވެ. އިތުރަށް އޭނާ ބުނެފައިވަނީ ޙަމާސްގެ ހަނގުރާމަވެރިން ތިބި ބައެއް އިމާރާތްތަކަށް އަމާޒުކޮށް އިސްރާއީލުގެ ޓޭންކުތަކުން ދިން ހަމަލާތަކުގައި އެތަންތަން ބިމާ ހަމަކޮށް ސުންނާފަތިކޮށްފައި ހުއްޓެވެ.
"އެއް ފަންގިފިލާ އަނެއް ފަންގިފިލާ މައްޗަށް ވެއްޓި، ފަންގިފިލާތަކުގެ ބީމްތައް މޭ ކަށިތަކެއްހެން ހުރީ ފެންނަން،" ބައެއް އިމާރާތްތައް ހުރި ހާލަތު ސިފަކުރަމުން ކިސްޒެންބައުމް ލިޔެފައިވެއެވެ.
ޙަމާސްއިން ރަހީނުކޮށްފައިވާ އިސްރާއީލު މީހުން ޞަހުޔޫނީ ސިފައިން މެރިކަމަށް ބާރުލިބޭ އަނެއްކަމަކީ ރަހީނުންގެ ތެރެއިން އެކެއްކަމަށްވާ ޔާސްމީން ޕޮރާޓް ދީފައިވާ ރޭޑިއޯ ބަސްދީގަތުމެކެވެ. ޙަމާސްގެ ހަނގުރާމަވެރިން ކަންކުރި ގޮތުގެ ތަފުސީލުތައް ކިޔައިދިންއިރު އޭނާ ބުނެފައިވަނީ ވަރަށް ގިނަ މީހުން މަރުވީ އިސްރާއީލުގެ ހަމަލާތަކުގައި ކަމަށެވެ.
"އިސްރާއީލު ސިފައިން އެންމެ ނައްތައިލީ. އޭގެ ތެރޭގައި ރަހީނުކޮށްފައި ތިބި މީހުންވެސް ހިމެނޭ. އަހަރެން މިނިވަންކުރީ 5:30 ގައި ހަމަލާ ބަދަލުކުރުން ނިމުނީ 8:30 ގައި. އަހަރުމެން ގެއަށް ޓޭންކުން ދެ ހަމަލާދިން. މުޅި ގެ ސުންނާފަތިކޮށްލި،" އިސްރާއީލު ސިފައިން އަމަލުކުރި ގޮތް ސިފަކޮށްދެމުން ޕޮރާޓް ބުނެފައިވެއެވެ.
ހަނިބަލް ޑިރެކްޓިވްއަކީ އިސްރާއީލު ސިފައިންނާ ގުޅޭ ގޮތުން އެކުލަވައިލާފައިވާ ސިޔާސަތެއް ކަމުގއިވީ ނަމަވެސް ބައެއް މުހައްލިލުން ދެކެވަޑައިގަންނަވާ ގޮތުގައި ޙަމާސްއިން ޑިމާންޑުކުރި ގޮތަށް ޝަރީޢަތެއް ނުހިންގައި އިސްރާއީލު ޖަލުތަކުގައި ބަންދުކޮށްފައި ތިބި ފަލަސްޠީނުގެ ގައިދީން ދޫކޮށްލުމަށްވުރެ އިސްރާއީލު އަސްކަރިއްޔާއަށް ޙަމާސްގެ އަތްދަށުވި އާންމުންނާއި ޞަހުޔޫނީ ސިފައިން މަރައިލުންވެސް ލުއިވެފައި ފަސޭހަވުމުގެ އިހުތިމާލު ބޮޑެތވެ.
އިސްރާއީލުގައި މަސައްކަތްކުރާ ނޫސްވެރިއެއްކަމަށް ޖޮނަތަން ކުކް ލިޔެފައިވާ ގޮތުގައި ޙަމާސްއިން ހައްޔަރުކޮށްފައި ތިބި އިސްރާއީލުގެ މަދަނީން ނުވަތަ އާންމުން މިނިވަންކުރުމުގެ ބަދަލުގައި، އެމީހުންނާމެދު އިސްރާއީލުން ހަނިބަލް ޑައިރެކްޓިވް ތަތުބީގުކުރިކަމަށް ބެލެވެއެވެ. އެއީ އެމީހުން މިނިވަންކުރުމަށް ޙަމާސްއާއެކު ވާހަކަދެއްކުމަށްވުރެ އިސްރާއީލުން އެދޭ ގޮތްކަމަށްވުން ކައިރިކަމަށް އޭނާ ބުނެފައިވެއެވެ.
ބީރީގެ ވަޒަންވެރިންގެ ތެރެއިން ޞަހުޔޫނީއެއް ހާރެޓްޒްއަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވަނީ އިސްރާއީލުގެ ދިފާއީ ބާރަށް އެ ސަރަހައްދު އަނބުރާ އިއާދަކުރެވުނީ ރަހީނުންނާއެކު ހަމާސްގެ ހަނގުރާމަވެރިން މަރާލައިގެން ކަމަށެވެ. އެގޮތުން އެ ހަމަލާތައް އެކީ ނިމި އެ ސަރަހައްދު އިސްރާއީލު އަސްކަރިއްޔާގެ ބާރުުގެ ދަށަށް ގެނެވުނުއިރު 112 ޞަހުޔޫނީން މަރުވެފައިވެއެވެ.
އެހެންކަމުން 7 އޮކްޓޯބަރު ހަމަލާއާ ގުޅިގެން ޙަމާސްގެ މުޖާހިދުން ރަހީނުކުރި ޞަހުޔޫނީން މަރުވީ އިސްރާއީލުގެ ހަމަލާތަކުގައިކަން ނުވަތަ ނޫންކަން ކަށަވަރުވާނީ ތަހުގީގެއް ހިންގިގެންނެވެ. ނަމަވެސް މަންޒަރުތައް ފެނުނު، އެ ހަމަލާ ބަދަލުކުރުންތައް ތަޖުރިބާކުރި ޞަހުޔޫނީންގެ ހެކިބަހަށް ބުރަދަންދޭއިރު "ހަނިބަލް ޑައިރެކްޓިވް" މަދަނީންނާމެދު އިސްރާއީލުން ތަންފީޒުކޮށްފައި އޮތުން ގާތެވެ،.
ޙަމާސްއާ ވާހަކަދައްކައިގެން ރަހީނުވެފައި ތިބި ޞަހުޔޫނީން ސަލާމަތްކުރުމުގެ ބަދަލުގައި، އެމީހުންނާއެކު އެމީހުން ރަހީނުކުރި ޙަމާސްގެ މުޖާހިދުން ނައްތައިލުމުގެ ބޭނުމުގައި އެމީހުން ތިބި ތަންތަނަށް ޓޭންކަރުތަކުން ހަމަލާދީ ގިނަ އަދަދެއްގެ ރަހީނުން މަރާފައިވުމަކީ އެކަށީގެންވާ ކަމެކެވެ. އެކަން ޔަގީންކުރެވޭނީ ތަހުގީގެއް ހިންގައިގެންނެވެ. މިނިވަން ތަހުގީގެއް ހިންގައިގެން އެކަން ޔަގީންވެއްޖެނަމަ އެއީ އިސްރާއީލުން ހިންގާ ލާއިންސާނީ ޖަރީމާތަކުގެ ލިސްޓަށް އިތުރުވާނެ ކަމެކެވެ.