Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދައުލަތުގެ ބަޖެޓު

އަންނަ އަހަރުގެ ބަޖެޓު ހިންގުމަށް 17.2 ބިލިއަން ރުފިޔާ ދަރަންޏަށް ހޯދަންޖެހޭ

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ތަންފީޒުކުރުމަށް 17.2 ބިލިއަން ރުފިޔާ ދަރަންޏަށް ހޯދަންޖެހޭކަން ބަޖެޓުގެ ހިސާބުތަކުން ދައްކައިފިއެވެ.

ބަޖެޓު ފޮތުގައި ބުނެފައިވާ ގޮތުގައި އަންނަ އަހަރުގެ ބަޖެޓުގެ ޚަރަދުތައް ފޫބެއްދުމަށް ދަރަންޏަށް ހޯދަންޖެހޭ 17.2 ބިލިއަން ރުފިޔާގެ ތެރެއިން، 4.6 ބިލިއަން ރުފިޔާއަކީ މަޝްރޫޢުތައް ހިންގުމަށް މިހާރުވެސް ހަމަޖައްސާފައިވާ ފައިސާގެ ތެރެއިން އަންނަ އަހަރު ދައުލަތަށް ލިބޭނެ ފައިސާއެވެ.

އަދި އަންނަ އަހަރު ރާއްޖޭގެ ބާޒާރުން ދަރަންޏަށް 4.8 ބިލިއަން ރުފިޔާ ހޯދުމަށް ބަޖެޓުގައި ހިމަނާފައިވެއެވެ. އެއީ ޓްރެޝަރީ ބޮންޑު ފަދަ ސެކިއުރިޓީސް އިޝޫކޮށްގެން އަދި ޓީބިލު ވިއްކައިގެން ހޯދަންޖެހޭނެ ފައިސާއެވެ.

އެހެންކަމުން އިތުރަށް 6.9 ބިލިއަން ރުފިޔާ ބޭރުގެ އެކި ފަރާތްތަކުން ކޮންސެޝަނަލް ލޯނު ނުވަތަ ލުއި ލޯނުތަކުގެ ގޮތުގައި ހޯދުމަށް ބަޖެޓުގައި ހިމަނާފައިވެއެވެ. މިފައިސާ ހޯދުމަށް ހިމަނާފައިވަނީ ބޭރުގެ ބޭންކުތަކާއި ޖަމްއިއްޔާތާކާއި މާލީ އިދާރާތަކުގެ އިތުރަށް ދޭދޭ ދައުލަތްތަކުންނެވެ.

އަންނަ އަހަރު ހޯދަން ކަނޑައަޅާފައިވާ 17.2 ބިލިއަން ރުފިޔާގެ ތެރެއިން 8.3 ބިލިއަން ރުފިޔާއަކީ ދޭދޭ ދައުލަތްތަކުން ދަރަންޏަށް ނަގަން ނިންމާފައިވާ ފައިސާއެވެ. އެއް ދައުލަތަކށް އަންނަ އަހަރު އެންމެ ބޮޑު އަދަދެއްގެ ފައިސާ ދަރަންޏަށް ދޭނެކަމަށް އަންދާޒާކޮށްފައިވަނީ ސައުދީ އަރަބިއްޔާއެވެ. އެ ޤައުމުން ދަރަނީގެ ގޮތުގައި 318 މިލިއަން ރުފިޔާ ހޯދުމަށް ބަޖެޓުގައި ހިމަނާފައިވެއެވެ. އަދި އަބޫދާބީ ފަންޑުން 144 މިލިއަން ރުފިޔާއާއި ކުވައިތުން 278 މިލިއަން ރުފިޔާ ދަރަންޏަށް ހޯދަން ނިންމާފައިވެއެވެ. ކޮން ޤައުމުތަކެއްކަން ސާފުކޮށް ބަޔާންނުކޮށް އެކި ޤައުމުތަކުން 7.6 ބިލިއަން ރުފިޔާ ދަރަންޏަށް ހޯދަން ބަޖެޓުގައި ހިމަނާފައިވެއެވެ.

ދަރަންޏަށް ފައިސާ ދޭނެކަމަށް އަންދާޒާކުރާ ބޭރުގެ ބޭންކުތަކާއި މާލީ އިދާރާތަކާއި ޖަމްއިއްޔާ ޖަމާއަތްތަކުގެ ތެރެއިން އަންނަ އަހަރުވެސް އެންމެ ބޮޑު އަދަދަކަށް ފައިސާ ނަގަން ނިންމާފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުންނެވެ. އިންޑިއާ އެގްޒިމް ބޭންކުން މި އަހަރު 2.9 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރިއިރު އަންނަ އަހަރު 2.3 ބިލިއަން ރުފިޔާ އެ ބޭންކުން ހޯދަން ބަޖެޓުގައި ހިމަނާފައިވެއެވެ.

އައިއެންޖީ ބޭންކުން އަންނަ އަހަރު 253 މިލިއަން ރުފިޔާ ދަރަންޏަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވެއެވެ. ޖުމްލަ 8.8 ބިލިއަން ރުފިޔާ ބޭންކުތަކާއި ޖަމްއިއްޔާތަކާއި ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން ދަރަންޏަށް ނެގުމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވެއެވެ.

އަންނަ އަހަރުގެ ބަޖެޓު ތަންފީޒުކުރުމަށް 17.2 ބިލިއަން ރުފިޔާ ދަރަންޏަށް ނަގަންޖެހޭއިރު މި އަހަރުގެ ނިޔަލަށް ދިވެހި ދައުލަތުގެ ދަރަނި 120 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި އަންނަ އަހަރު ނިމޭއިރު ދައުލަތުގެ ޖުމްލަ ދަރަނި 131 ބިލިއަން ރުފިޔާއަށް އަރާނެކަމުގައިވެސް ފިނޭންސް މިނިސްޓްރީން އަންދާޒާކުރެއެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަކީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓަކަށްވާއިރު، އެ ބަޖެޓުގައި ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާއި އަންނަ އަހަރު ހިނގާނެކަމަށް އަންދާޒާކުރާ ޚަރަދުގެ ފަރަގު އުޅެނީ 13.8 ބިލިއަން ރުފިޔާގައެވެ.

މި ލިއުމާއި ގުޅޭ