ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި މި އަހަރަށް ހުށަހަޅާ ސަޕްލެމަންޓަރީ ބަޖެޓު ހުށަހެޅުމަށް އެޖެންޑާކޮށްފައިވަނިކޮށް އެ ޖަލްސާއަށް ވަޑައިނުގެންނެވުމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މިއުވާނާ ހަވާލާދީ ބައެއް މީޑިއާއިން ރިޕޯޓުކުރި ގޮތުގައި މިއަދުގެ ޖަލްސާއަށް އަމީރު ވަޑައިނުގަންނަވަނީ، ބަންޑާރަނައިބު އިބްރާހީމް ރިފްއަތު ދެއްވާފައިވާ ޤާނޫނީ ލަފައެއްގެ މައްޗަށް ބިނާކުރައްވައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅި އެ މައްސަލައިގެ ނޯޓިސްގެ މުއްދަތު ހަމަވެފައިވާތީ، އެ މައްސަލަ ނުނިންމައި އިތުރު މަސައްކަތެއް މަޖިލީހުގައި ކުރިއަށް ނުގެންދެވޭނެ ކަމުގައި ވެރިކަންކުރާ އެމްޑީޕީން ދެކެއެވެ.
މިއުވާން ވިދާޅުވެފައިވާ ގޮތުގައި ރިފްއަތު ލަފާ ދެއްވާފައިވަނީވެސް އެ މައްސަލައާމެދު ގޮތެއް ނިންމުމުގެ ކުރިން މަޖިލީހުގައި އިތުރު މަސައްކަތެއް ކުރިއަށްނުގެންދެވޭނެ ކަމަށެވެ. އަދި އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން އެފަދައިން ނިންމާފައި އޮތުމަކީވެސް އަމީރު މިއަދު މަޖިލީހަށް ވަޑައިނުގަންނަވާ ސަބަބެއްކަމަށް މިއުވާނު ފާހަގަކުރެއްވިކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށްނުގެންދެވިގެން އުޅެނީ މަޖިލީހުގެ ނައިބުރައީސް އީވާ ޢަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ އިތުބާރުނެތްކަމުގެ މައްސަލަ ތާވަލުކުރި ޖަލްސާގެ ރިޔާސަތު އޭނާއަށް ބެލެހެއްޓެވެން ނެތުމުންނެވެ. މަޖިލީހުގެ ޤަވާއިދުގައި ބުނެފައިވަނީ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށްގެންދާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަންވާނީ މަޖިލީހުގެ ނައިބުރައީސް ކަމަށެވެ.
އީވާ އާލާސްކަންފުޅާ އުޅުއްވާތީ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ މަޑުޖެހުމުން އެމްޑީޕީންވަނީ އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. އެމްޑީޕީން ހުށަހެޅި ދުސްތޫރީ މައްސަލާގައި އެދިފައިވަނީ މަޖިލީހުގެ ރައީސާއި ނައިބުރައީސްގެ އިތުރަށް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވޭނެކަމަށް ޤަވާއިދުގައި ބަޔާންކުރައްވާ މެންބަރުންނަށް އިތުބާރުނެތްކަމުގެ މައްސަލަ ހިންގާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވޭނެކަމަށް ކަނޑައަޅައި ދިނުމަށެވެ.