Saturday 20th Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިޤްތިސާދު

އިޤުތިޞާދުގައި ދައުރުކުރާ ނަގުދު ފައިސާގެ އަދަދު 4 އިންސައްތަ އިތުރުވެއްޖެ

ފާއިތުވި ހަތަރު އަހަރު ތެރޭގައި ރާއްޖޭގެ އިޤުތިޞާދުގައި ދައުރުކުރާ ނަގުދު ފައިސާގެ ނިސްބަތް 4 އިންސައްތައިން އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބުނެފިއެވެ.

މަރުކަޒީ އެމްއެމްއޭއިން އާންމުކުރި ޕޭމެންޓްސް ބުލެޓިން 2019-2022 ރިޕޯޓުގައި ނަގުދު ފައިސާއާ ބެހޭ ބައިގައި ބުނެފައިވަނީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އިޤުތިޞާދުގައި ފައިސާ ދައުރުކުރާ މިންވަރު %4 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ.

އެގޮތުން 2019 ވަނަ އަހަރު އިޤުތިޞާދުގައި ދައުރުކުރި ފައިސާގެ އަދަދަކީ 3.6 ބިލިއަން ރުފިޔާކަމަށްވާއިރު 2022 ގެ ނިޔަލަށް އެ އަދަދު ހުރީ 3.7 ބިލިއަން ރުފިޔާގައިކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ.

އިތުރަށް މަރުކަޒީ ބޭންކުން ފާހަގަކުރި ގޮތުގައި 2019 ވަނަ އަހަރާއި 2022 ވަނަ އަހަރުގެ ދެމެދުގައި އިޤުތިޞާދުގައި ދައުރުކުރާ ފައިސާގެ އަގުވަނީ 9.5 އިންސައްތަ އިތުރުވެފައެވެ. މައިގަނޑު ގޮތެއްގައި އިޤުތިޞާދުގައި ދައުރުކުރާ ނަގުދު ފައިސާ އިތުރުވި އެއް ސަބަބަކީ ކޮވިޑުގެ ސަބަބުން ކުރިމަތިވި ދަތިތަކުގައި ބޭންކުތަކުން ނަގުދު ފައިސާގެ ރިޒާވް އިތުރުކުރަން ގިނަ އަދަދެއްގެ ނަގުދު ފައިސާ ނެގުމެވެ.

އެހެންނަމަވެސް މި މުއްދަތުގެ ތެރޭގައި ނަގުދު ފައިސާއިން މުއާމަލާތްކުރާ މިންވަރު މަދުވެ، ކުދި އަދަދުތަކުގެ ފައިސާގެ ނޯޓުތަކަށް އޮތް ޑިމާންޑު ވަރަށް ބޮޑަށް ދަށްވިކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ.

އަދި އިލެކްޓްރޯނިކް ޕޭމެންޓަށް 2021 އާއި 2022 ގެ މެދުގައި މަޤުބޫލުކަން އިތުރުވުމުގެ ސަބަބުން އިޤުތިޞާދުގައި ދައުރުކުރާ ފައިސާގެ ޖުމްލަ އަދަދު އެ ދެ އަހަރު 2 އިންސައްތަ ސަށްވިއެވެ. ޚާއްޞަކޮށް ކޮވިޑުގެ ތެރޭގައި ރީޓެއިލް ވިޔަފާރިތަކުން ނަގުދު ފައިސާއިން އަގު އަދާކުރުމުގެ ބަދަލުގައި އިލެކްޓްރޯނިކް ޕޭމެންޓުތައް ހެދުމަށާއި ޓްރާންސްފާކުރަން ހިތްވަރުދިންކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ކޮވިޑަށް ފަހުވެސް މުއާމަލާތްތައް ހިންގުމަށް ނަގުދު ފައިސާގެ ބަދަލުގައި އިލެކްޓްރޯނިކް ޕޭމެންޓު ހެދުން އިތުރުވުމުގެ ސަބަބުން ނަގުދު ފައިސާ އިޤުތިޞާދުގައި ދައުރުކުރާ މިންވަރު މަޑުމަޑުން މަދުވެފައިވާކަމަށް އެ ރިޕޯޓުގައި ފާހަގަކުރިއެވެ.

މި ލިއުމާއި ގުޅޭ