Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އިލްޔާސް ލަބީބް

ވޯޓު ހޯދުމުގެ ބޭނުމުގައި އެންމެ މީހަކަށް އެންސްޕާއިން 6 ލައްކަ ރުފިޔާ ދީފައިވޭ: އިލްޔާސް

ފާއިތުވި ސެޕްޓެންބަރު މަހުގައި އޮތް ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދު ހޯދުމުގެ ގޮތުން ނޭޝަނަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން 600،000 ރުފިޔާ އެންމެ މީހަކަށް ދީފައިވާކަމަށް ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.

ޑިމޮކްރެޓުންގެ ހަރުގޭގައި އޮތް ޖަލްސާއެއްގައި އިލްޔާސް ވިދާޅުވީ މި އަހަރުގެ ފަހު ދެ މަސް ނުފެށެނީސް ދައުލަތުގެ ބަޖެޓުން އާސަންދައާއި އެންސްޕާއަށް ކަނޑައެޅި ފައިސާ ހުސްވީ އެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް ސިޔާސީ ބޭނުމަށް ބަހައި ހުސްކުރުމުގެ ސަބަބުން ކަމަށެވެ. އަދި އެކަންކަން އޭނާ ސިފަކުރެއްވީ ވައްކަމުގެ ގޮތުގައެވެ.

އޭނާ ތުހުމަތުކުރެއްވި ގޮތުގައި ނިމުނު ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމަށް ވޯޓު ހޯދުމުގެ ގޮތުން އާސަންދައާއި އެންސްޕާއިން ގިނަ އަދަދަކަށް ފައިސާ ޚަރަދުކޮށްފައިވެއެވެ. އެފަދައިން ޚަރަދުކުރި ގޮތުގެ ބައެއް ތަފުސީލުތައްވެސް އިލްޔާސްވަނީ ވިދާޅުވެދެއްވާފައެވެ.

އެގޮތުން ރައީސަށް ވޯޓު ދިނުމަށް ހުވައިކުރުވުމަށްފަހު މީހުންނަށް ބޭސްފަރުވާކުރުމުގެ ނަމުގައި ބޭރު އެކި ޤައުމުތަކުގައި ޗުއްޓީ ހޭދަކުރަން ގިނަ އަދަދަކަށް ފައިސާ ބަހާފައިވާކަމަށް އިލްޔާސް ތުހުމަތުކުރެއްވިއެވެ.

"މިދިޔަ އިންތިޚާބުގައި މިސަރުކާރަށް ވޯޓުލާން މީހުން ލައްވައި ވައުދުވެ، އެމީހުންނަށް ޗުއްޓީ ހެދުމަށް އިންޑިޔާއާއި ބެންކޮކާއި ސިންގަޕޫރާއި ސްރީލަންކާއަށް ދާން އާސަންދައާއި އެންސްޕާގެ ނަމުގައި ދިޔައީ ލާރި ބަހަމުން ބަހަމުން،" އިލްޔާސް ވިދާޅުވިއެވެ.

"އާސަންދަ ނަމުގައި، އެންސްޕާގެ ނަމުގައި ދިޔައީ ދާރި ބަހަމުން ބަހަމުން. އަޅިގަނޑުމެންނަށް ފެންނަން ހުރި ހިސާބުތަކުގައި އެބަހުރި އެންމެ މީހަކަށް އެބަހުރި 6 ލައްކަ ރުފިޔާ ދީފަ. އެނސްޕާއިން. އެންމެ މީހަކަށް 6 ލައްކަ ރުފިޔާ ދީފަ، މަޖިލީސް މެމްބަރަކު ބުނީމަ އޭނަ ދާއިރާއަށް ވޯޓު ހޯދަދޭނަމޭ ބުނީތީ،"

އިލްޔާސް ވިދާޅުވި ގޮތުގައި ސަރުކާރަށް ތާއީދު ހޯދުމުގެ ބޭނުމުގައި މަޖިލިސް މެންބަރަކު ވިދާޅުވެގެން އެ މެންބަރުގެ ދާއިރާއިން ވޯޓު ހޯދައިދޭނެކަމަށް ވައުދުވި މީހަކަށް އެކަނި 600،000 ރުފިޔާ އެންސްޕާއިން ދީފައިވެއެވެ.

އާސަންދައާއި އެންސްޕާގެ ބަޖެޓު ހުސްވެފައިވާތީކަމަށް ބުނެ ސަރުކާރުންވަނީ 6.5 ބިލިއަން ރުފިޔާގެ ސަޕްލެމަންޓަރީ ބަޖެޓެއް ހުށަހަޅާފައެވެ. މި އަހަރަށް ލަފާކޮށް ފާސްކުރި ދައުލަތުގެ ބަޖެޓަކީ 42.5 ބިލިއަނެއްހައި ރުފިޔާގެ ބަޖެޓަކަށްވާއިރު، މިހާރު ފާސްކުރަން ހުށަހަޅާފައިވާ ސަޕްލެމަންޓަރީ ބަޖެޓާއެކު ދައުލަތުގެ ބަޖެޓު 50 ބިލިއަނާ ގާތްކުރާ މިންވަރަށް ބޮޑުވާނެއެވެ.

އިލްޔާސް ސިފަކުރެއްވި ގޮތުގައި ސަރުކާރުން ހުށަހަޅައިގެން އުޅޭ ސަޕްލެމަންޓަރީ ބަޖެޓަކީ ބަދަލު ދިނުމަށާއި، ސަރުކާރަށް ތާއީދުކުރާ މީހުންނަށް ލޯނު ދީގެން ކަޓު ހޯދުމަށް ހުށަހަޅާފައިވާ ވަގު ބަޖެޓެކެވެ.

މި ލިއުމާއި ގުޅޭ