Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އިލްޔާސް ލަބީބް

ސަޕްލިމަންޓަރީ ބަޖެޓުގައި 500 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދޭން އޮތީ ހިމަނާފައި: އިލްޔާސް

މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގެ ޚަރަދުތައް ފޫނުބެއްދުމުގެ ސަބަބުން ފިނޭންސް މިނިސްޓްރީން މިހާރު ހުށަހަޅާފައިވާ ސަޕްލިމެންޓަރީ ބަޖެޓުގައި ބަދަލުގެ ގޮތުގއި 500 މިލިއަން ރުފިޔާ ދިނުމަށް ހިމަނާފައިވާކަމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.

އިލްޔާސް ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސްއަށް މެންބަރުން އިތުރުކުރުމުގެ ހަރަކާތެއް ފެށުމަށް ރޭ އެ ޕާޓީގެ މައި ޖަގަހައިގައި އޮތް ޖަލްސާގައި ވާހަކަދައްކަވަމުން އިލްޔާސްވަނީ ސަރުކާރުން ހުށަހަޅާފައިވާ ސަޕްލިމެންޓަރީ ބަޖެޓަކީ މިހާރު އޮތް ކުރު މުއްދަތުގެ ތެރޭގައި ވައްކަންކުރަން ހުށަހަޅާފައިވާ ބަޖެޓެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

އިލްޔާސް ފާހަގަކުރެއްވި ގޮތުގައި މި ސަރުކާރު ޤާއިމުވިއިރު ރާއްޖޭގެ ޖުމްލަ ދަރަންޏަކީ 48 ބިލިއަން ރުފިޔާއެވެ. ނަމަވެސް މި ދައުރުގައި ޖުމްލަ ދަރަނި 113 ބިލިއަން ރުފިޔާއަށް އިތުރުވާނެކަމަށް މި އަހަރަށް ލަފާކޮށް ފާސްކުރި ދައުލަތުގެ ބަޖެޓުގައި އަންދާޒާކޮށްފައިވާކަމަށާއި، މިހާރު ހުށަހަޅާފައިވާ ސަޕްލިމެންޓަރީ ބަޖެޓާއެކު ދަރަނި 120 ބިލިއަނަށް އިތުރުވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

"މިސަރުކާރުން މިފަސް އަހަރު އެކަނި ދައުލަތަށް ދަރުވާލައިފި 75 ބިލިއަން ރުފިޔާއިން. ކީއްތޯ ކުރީ؟ ކޮން ގެއެއްގެ ކާކުގެ އާމްދަނީތޯ އިތުރުވީ؟،" ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ދަރަނި އިތުރުވި މިންވަރާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން އިލްޔާސް ސުވާލުކުރެއްވިއެވެ.

ސަޕްލިމަންޓަރީ ބަޖެޓު ހުށަހަޅަނީ ތެޔޮ އަގުބޮޑުވުމާއި އާސަންދައަށް ކުރާ ޚަރަދުތައް އިތުރުވުމާ ގުޅިގެންކަމަށް ސަރުކާރުން ބުނާކަން ފާހަގަކުރައްވައި އިލްޔާސްވަނީ އެ ދެ ކަންތަކަށް ސަޕްލިމަންޓަރީ ބަޖެޓުން ކަނޑައަޅާފައިވާ އަދަދުތައް ވިދާޅުވެފައެވެ. 6.5 ބިލިއަން ރުފިޔާގެ ސަޕްލިމަންޓަރީ ބަޖެޓުން ތެލުގެ އަގުބޮޑުވާތީ އިތުރަށް ޚަރަދުކުރަން ކަނޑައަޅާފައިވަނީ، 1.3 ބިލިއަން ރުފިޔާކަމަށްވާއިރު، އާސަންދައާއި އެންސްޕާއަށް އިތުރަށް ބޭނުންވަނީ 1.2 ބިލިއަން ރުފިޔާކަން އޭނާ ފާހަގަކުރެއްވިއެވެ.

އާސަންދައާއި އެންސްޕާގެ ޚަރަދުތައް ބޮޑުވެ، މި އަހަރަށް ކަނޑައެޅި ބަޖެޓު ހުސްވި ސަބަބު ވިދާޅުވެދެއްވަމުން އިލްޔާސް ފާހަގަކުރެއްވީ ނިމުނު ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓުދޭން ވައުދުވީ ބައެއް މީހުންނަށް ޗުއްޓީ ހެދުމަށް އިންޑިޔާއާއި ބެންކޮކާއި އެހެން ޤައުމުތަކަށް ދާން އާސަންދައާއި އެންސްޕާއިން ފައިސާ ބަހާފައިވާ ކަމަށެވެ.

"މިދިޔަ އިންތިޚާބުގައި މިސަރުކާރަށް ވޯޓުލާން މީހުން ލައްވައި ވައުދުވެ، އެމީހުންނަށް ޗުއްޓީ ހެދުމަށް އިންޑިޔާއާއި ބެންކޮކާއި ސިންގަޕޫރާއި ސްރީލަންކާއަށް ދާން އާސަންދައާއި އެންސްޕާގެ ނަމުގައި ދިޔައީ ލާރި ބަހަމުން ބަހަމުން،" އިލްޔާސް ފާހަގަކުރެއްވިއެވެ. އެގޮތުން މަޖިލިސް މެންބަރަކު ވިދާޅުވެގެން އެންމެ މީހަކަށް 600،000 ރުފިޔާ އެންސްޕާއިން ދީފައިވާކަން ފެންނަން ހުރި ހިސާބުތަކުން ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަޕްލިމަންޓަރީ ބަޖެޓުގައި އާމްދަނީ އިތުރުކުރެވޭނެ އެއްވެސް ގޮތެއް ފެންނަން ނެތްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެ ފައިސާ ހޯދޭނެ ހަމައެކަނި ގޮތަކީ އެމްއެމްއޭއިން ފައިސާ ޗާޕުކުރުން ކަމަށެވެ. އަދި ދޮޅުމަސް ތެރޭގައި 6.5 ބިލިއަން ރުފިޔާ މާކެޓަށް ނެރެ ބަހައިލުމުން ދިވެހި ރުފިޔާގެ އަގު މިހާރަށްވުރެ ދަށްވެ ޑޮލަރުގެ އަގު އުފުލި ޚިދުމަތާއި ތަކެތީގެ އަގުތައް އަތްނުފޯރާ ފަށަށް އަރާނެކަމަށެވެ.

އިތުރަށް އިލްޔާސް ވިދާޅުވީ ބަޖެޓުގައި ފައިސާ ހިމަނާފައިވާ ކަންކަމުގެ ތެރޭގައި 500 މިލިއަން ރުފިޔާ ދިނުމަށް ހިމަނާފައިވާ ކަމަށެވެ. އެގޮތުން ރައީސް ނަންގަވާ ކޮމިޓީއަކުން ބަދަލު ދިނުމަށް ހަމަޖެއްސުމުން ބަދަލުދޭ ގޮތަށް މާލިއްޔަތު ޤާނޫނުގައި މިހާރު މާއްދާއެއް ހިމަނާފައިވާ ކަމަށް ވިދާޅުވެ އިލްޔާސް ފާހަގަކުރެއްވީ މަޝްރޫޢުތައް ކުންފުނިތަކާ ހަވާލުކުރުމަށްފަހު، އެ ކުންފުނިތައް އަތުން އެ މަޝްރޫޢުތައް ނަގައި، ގެއްލުމުގެ ބަދަލު ދިނުމަށް މި ކޮމިޓީން ނިންމާ ކަމަށެވެ. ރިސޯޓު ހަދަން ރަށް ދޫކުރުމަށްފަހު، އެ ރަށް ސަރުކާރުގެ ބޭނުމަށް ކަމުގައި ބުނެ އަތުލުމަށްފަހު ފަޅާއި ފަޅުރަށް ބަދަލުގެ ގޮތުގައި ދީ ފައިސާވެސް ބަދަލުގެ ގޮތުގައި ދޭން ނިންމާކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

"ހަމަސީދާ ވައްކަން. ތިޔަ ބޭފުޅުންގެ ފައިސާއަށް އަތްކޮށްޕައި ނަގައިގެން ބަހަނީ. މިއީ މިފައިސާ ސަޕްލިމަންޓަރީ ބަޖެޓުގެ ގޮތުގައި ހުށަހަޅައިގެން ކުރަން އުޅެނީ މިކަހަލަ ވައްކަން" އިލްޔާސް ވިދާޅުވިއެވެ.

އަދި ލޯނު ދޫކުރަން އިތުރު 200 މިލިއަން ރުފިޔާ ސަޕްލިމަންޓަރީ ބަޖެޓުގައި ހިމަނާފައިވާކަން ފާހަގަކުރައްވައި އިލްޔާސް ވިދާޅުވީ އެ ފައިސާއަކީ ރިޔާސީ އިންތިޚާބުގައި އެސްއެމްއީ ބޭންކުން ދޫކުރަން ސަރުކާރުން މީހުންނަށް ހުށަހަޅައި ވައުދުވި ލޯނުތައް ދޫކުރަން ހިމަނާފައިވާ ފައިސާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ އެ ފައިސާގެ ތެރެއިން ބައެއް ކޮމިޝަން/ކަޓުގެ ގޮތުގައި އެމްޑީޕީގެ ވެރިން ނަންގަވާ ކަމަށެވެ.

މިކަންކަން ފާހަގަކުރައްވައި އިލްޔާސް ވިދާޅުވީ ބަދަލުކުރަންވީ އެމްޑީޕީގެ ލީޑާޝިޕުކަމަށެވެ. އެމްޑީޕީގެ އާންމު މެންބަރުންނަށްވެސް އެ ޕާޓީގެ ވެރިކަން ނިމުމަކަށް އައީ ޕާޓީގެ ލީޑާޝިޕު ފެއިލުވެގެންކަމާއި ފެއިލުވީ ވައްކަމާއި ޚިޔާނާތުގެ ސަބަބުންކަން ސާފުވާނެ ކަމަށެވެ. އެގޮތުން ރިޔާސީ އިންތިޚާބުގައި ކެމްޕެއިނަށް ދިން ފައިސާއަށްވެސް އެ ފައިސާއާ ހަވާލުވި ފަރާތްތަކުން ޚިޔާނާތްތެރިވިކަމަށް އޭނާ ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ