Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޖޯ ބައިޑަން

ފަލަސްޠީނުން ހާމަކުރާ ޝަހީދުންގެ އަދަދުތަކަށް އިތުބާރުނުކުރަން: ބައިޑަން

ޞަހުޔޫނީ ދައުލަތުން ފަލަސްޠީނުގެ ޣައްޒާއަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި ޝަހީދުވާ ފަލަސްޠީނު މީހުންގެ އަދަދުގެ ގޮތުގައި ފަލަސްޠީނުގެ ޞިއްޙީ ވުޒާރާއިން ހާމަކުރާ އަދަދުތަކަށް އިތުބާރުނުކުރައްވާކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.

ވައިޓްހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކުވަނީ، 2،700 ކުޑަކުދިން ހިމެނޭހެން ޖުމްލަ 6،500 ފަލަސްޠީނު މީހުން ޝަހީދުވެފައިވާކަމަށް އެ ޤައުމުގެ ޞިއްޙީ ވުޒާރާއިން ބަޔާންކުރާއިރު، އާންމުން މަރުވާ އަދަދު ވީހާވެސް މަދުކުރަން އެމެރިކާއިން އިލްތިމާސްކުރާ ކުރުމަށް އިސްރާއީލުން އަޅާނުލާކަން ދޭހަވޭތޯ ސުވާލުކޮށްފައެވެ.

އެ ސުވާލުގެ ޖަވާބުގައި ބައިޑެން ވިދާޅުވީ އިސްރާއީލުގެ އުދުވާނުގައި މަރުވި މީހުންގެ އަދަދުތައްކަމަށް ފަލަސްޠީނުން ބުނާ އަދަދުތަކަކީ ޞައްޙަ ޢަދަދުތަކެއްކަން ޔަގީންވާނެ އެއްވެސް ހެއްކެއް ލިބިވަޑައިގެންފައިނުވާ ކަމަށެވެ. "މައުސޫމު މީހުން މަރުވިކަން ޔަގީން. އެއީ ހަނގުރާމަކުރުމުގެ އަގު،" ބައިޑަން ވިދާޅުވިއެވެ.

އިތުރަށް ބައިޑަން ވިދާޅުވީ އިސްރާއީލުން ފަހައިދުވަނީ ޞަހުޔޫނީ ދައުލަތާ ދެކޮޅަށް ހަނގުރާމަ ފެށި މީހުންކަން ޔަގީންކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އެގޮތަށް އެކަންނުކުރުމަކީ އިސްރާއީލުގެ މަސްލަހަތުތަކާވެސް ފުށުއަރާ ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

ފަލަސްޠީނުން ހާމަކުރާ ޝަހީދުންގެ އަދަދުތަކާމެދު އިތުބާރުނުކުރައްވާކަމަށް ވިދާޅުވި ނަމަވެސް އެފަދައިން ބައިޑެން ވިދާޅުވި ސަބަބެއް އޭނާ ހާމަނުކުރައްވައެވެ. ނަމަވެސް ފަލަސްޠީނު އިދާރާތަކުން އަންނަނީ ހަނގުރާމާގައި ޝަހީދުވި ފަލަސްޠީނު ރައްޔިތުންގެ އަދަދުތަކާމެދު ޝައްކު އުފެއްދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނަމުންނެވެ. އަދި އެ އަދަދުތަކަކީ ސައްހަ އަދުތަކެއްކަމުގެ ޔަގީންކަން ދެމުންދެއެވެ.

އެމެރިކާގެ މުސްލިމު ޖަމްއިއްޔާއެއްކަމަށްވާ ދި ކައުންސިލް އޮން އެމެރިކަން އިސްލާމިކް ރިލޭޝަންސް (ސީއޭއައިއާރު)އިންވަނީ ފަލަސްޠީނުގެ ޝަހީދުންގެ އަދަދުތަކާމެދު ބައިޑެން ދެއްކެވި ވާހަކަފުޅާމެދު ކަންބޮޑުވާކަމަށް ބުނުމާއެކު، އެކަމުގައި ބައިޑެން މައާފަށް އެދިވަޑައިގަތުމަށް އިލްތިމާސްކޮށްފައެވެ.

ބައިޑަން އިތުރަށް ވިދާޅުވީ ޙަމާސްއިން ޣައްޒާގައި ދިރިއުޅޭ އާންމުން އައްޑަނައިގެ ގޮތުގައި ބޭނުންކުރުމުގެ ސަބަބުން އެ ޖަމާއަތާ ހަނގުރާމަކުރުން އިސްރާއީލަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށެވެ. ނަމަވެސް މަރުވާ އާންމުންގެ އަދަދު މަދުކުރުމަށް އިސްރާއީލުން ސަމާލުކަންދޭންޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ޙަމާސްއިން ހަނގުރާމާގައި ޣައްޒާގެ ރައްޔިތުން އިންސާނީ އައްޑަނައިގެ ގޮތުގައި ބޭނުންކުރާކަމަށް ހުޅަނގުގެ ބައެއް މީޑިއާއާއި ލީޑަރުން ދައްކަވާ ވާހަކަފުޅަކީ އެއްވެސް ޙަޤީޤަތެއް ނެތް ވާހަކައެއްކަމަށް ޣައްޒާގެ އަހުލުވެރިން ބުނެއެވެ.

ބައިޑެންއާއި ހުޅަނގުގެ ލީޑަރުންގެ ތެރެއިން އިސްރާއީލަށް ވާގިވެރިވާ ލީޑަރުން އަންނަނީ އިސްރާއީލުގެ ސޫރަ ރީތިކޮށްދީ ޞަހުޔޫނީންގެ ޖަރީމާތައް ވަންހަނާކޮށް ނުވަތަ އެ ޖަރީމާތައް ކުޑަކަމެއްގެ ގޮތުގައި ތަސައްވަރުކޮށްދޭން މަސައްކަތްކުރަމުންނެވެ.

މި ލިއުމާއި ގުޅޭ