Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު މުހައްމަދު ސައީދު

ޑރ.މުޢިއްޒު ހުވައިކުރެއްވުމުގެ ކުރިން ބޭނުންކުރެވޭ ރިޒާވް 34 މިލިއަން ޑޮލަރަށް ވައްޓައިލަފާނެކަމުގެ ބިރު އެބައޮތް: ސައީދު

އަންނަ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ހުވައިކުރެއްވުމުގެ ކުރިން ދައުލަތުގެ ބޭނުންކުރެވޭ ރިޒާވް 34 މިލިއަން އެމެރިކާ ޑޮލަރަށް މި ސަރުކާރުން ވައްޓައިލަފާނެކަމުގެ ބިރު ވަރަށް ބޮޑަށް އެބައޮތްކަމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ބަޖެޓުގެ މަސައްކަތްކުރާ ކޮމިޓީގެ އިސްވެރިޔާ މާވަށު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އިންތިޚާބީ ރައީސްގެ ފަރާތްޕުޅުން 2024 ވަނަ އަހަރުގެ ބަޖެޓުގެ މަސައްކަތްކުރަން އެކުލަވައިލި ކޮމިޓީގައި އިސްކޮށް މަސައްކަތްކުރައްވާ ސައީދަކީ ކުރިން އިޤުތިޞާދީ ވަޒީރުކަންކުރައްވާފައިވާ ބޭފުޅެކެވެ. ސަންގުޓީވީގެ ޕްރޮގުރާމެއްގައި ވާހަކަދައްކަވަމުން ސައީދު ފާހަގަކުރެއްވީ މި ސަރުކާރުން ދިވެހިރާއްޖޭގެ މާލީ ހާލަތު ވަރަށް ބޮޑަށް ހީނަރުކޮށްފައިވާ ކަމެވެ.

ސަރުކާރުން މާލީ ހާލަތު ހީނަރުކޮށްފައިވާ މިންވަރުގެ އެއް މިސާލެއްގެ ގޮތުގައި ސައީދު ފާހަގަކުރެއްވީ ދައުލަތަށް ބޮޑުކަމެއް ކުރިމަތިވާ ހާލަތުގައި ބޭނުންކުރަން ރައްކާކުރާ ބޭރު ފައިސާގެ ރިޒާވް ހީނަރުވެފައިވާ މިންވަރެވެ. އެގޮތުން އިންތިޤާލީ މަރުހަލާގައި ބެލިބެލުމުން ބޭރު ފައިސާގެ ރިޒާވްގައި ބޭނުންކުރެވޭ ގޮތަށް މިހާރު ހުރީ 64 ބިލިއަނެއްހައި ރުފިޔާ ކަމެވެ.

އިތުރަށް ސައީދު ފާހަގަކުރެއްވީ މިއީ ރައީސް އަލްއުސްތާޛު މައުމޫނުގެ ވެރިކަމުގެ ފަހުކޮޅުން ފެށިގެން މިހާތަނަށްވެސް އެއްވެސް މާލީ ވަޒީރަކު އަދި ގަވަރުނަރެއްގެ ބެލުމުގެ ދަށުގައި ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް ނުވެއްޓޭހާ ދަތި ހާލަތެކެވެ. އެގޮތުން އަބަދުވެސް ހުރިހާ މާލީ ވަޒީރުންނާއި ގަވަރުނަރުން އަބަދުވެސް ބޭނުންކުރެވޭ ރިޒާވްގައި މަދުވެގެން 100 މިލިއަނެއްހައި ޑޮލަރު ބަހައްޓަވާކަމަށް ސައީދު ވިދާޅުވިއެވެ.

"އެއީ ރާއްޖޭގެ މިފަހުގެ ތާރީޚެއްގައި، ހަމަގައިމުވެސް 2008 އިން ފެށިގެން މިހިސާބަށް އައިއިރުގައި އަދި ރައީސް މައުމޫނުގެ ވެރިކަމުގެ ފަހު އަހަރުތަކުން ފެށިގެން އެއްވެސް ފައިނޭންސް މިނިސްޓަރަކު އަދި ގަވަރުނަރަކު ރާއްޖެ ގެންދިޔަ ހިސާބެއް ނޫން. 150 މިލިއަން އެމެރިކާ ޑޮލަރުގެ ނުވަތަ 125 މިލިއަން އެމެރިކާ ޑޮލަރުގެ ރިޒާވްއެއް އަބަދުވެސް ބައިންދާ،" ސައީދު ވިދާޅުވިއެވެ.

އިތުރަށް މުހިއްމު ނުކުތާއެއްގެ ގޮތުގައި ސައީދު ފާހަގަކުރެއްވީ އަންނަ މަހުގެ 17 ވަނަ ދުވަހުގައި ޑރ.މުޢިއްޒުގެ ރިޔާސަތު ފެށުމުގެ ކުރިން ދައުލަތުގެ ބޭނުންކުރެވޭ ރިޒާވް މި ސަރުކާރުން 34 މިލިއަން ޑޮލަރަށް ދަށްކުރުމުގެ ބިރު އެބައޮތް ކަމުގައެވެ. އަދި އެމިންވަރަށް ރިޒާވް ކުޑަވަނީ ސަރުކާރަށް އިތުރު ޚިޔާރެއް (ޗޮއިސެއް) ނެތުމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"34 މިލިއަން ޑޮލަރަށް [ބޭނުންކުރެވޭ ރިޒާވް ކުޑަކުރުމުން] ރާއްޖޭގެ ޖަނަރޭޓަރުތަކަށް ބޭނުންވާ މަސްދުވަހުގެ ތެޔޮ ގަންނާނެ ފައިސާވެސް ނެތީ އެ މި ސަރުކާރު ނިމޭއިރުގައި،" ބޭނުންކުރެވޭ ރިޒާވް ކުޑަވުމުގެ ޚުތޫރަތްތެރިކަން ސާފުކޮށްދެއްވަމުން ސައީދު އިތުރަށް ވިދާޅުވިއެވެ.

އިތުރަށް ސައީދުވަނީ ދައުލަތުގެ ދަރަންޏަށް ރައީސް އިބްރާހީމުގެ ފަސް އަހަރުގައި 70 ބިލިއަނަށްވުރެ ގިނަ ރުފިޔާ އިތުރުވެފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މިހާރު ރާއްޖެ އޮތް ހާލަތަކީ އަވައްޓެރި ސްރީލަންކާ މީގެ ދުވަސްކޮޅެއް ކުރިން އޮތް ހާލަތާ ދާދި އެއްގޮތް ހާލަތެއްކަމަށް ސައީދު ވިދާޅުވިއެވެ.

"[މިއަދު މިއޮތީ] ގާތްގަނޑަކަށް ސްރީލަންކާ ގޮސްފައި އޮތް ހާލަތު. ކަރަންޓު ކަނޑައިލަން މަޖުބޫރުވާ ހާލަތު،"

ރާއްޖޭގެ އިޤުތިޞާދު އޮތް ހާލަތު ސިފަކުރެއްވުމާއެކު ސައީދު ވިދާޅުވީ މި މައްސަލާގައި ޑރ.މުޢިއްޒުގެ ވައުދުފުޅަކީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ޔޫޒަބަލް ރިޒާވް މަދުވެގެން 400، 500 މިލިއަން ޑޮލަރާ ހަމައަށް އުފުއްލަވައިދެއްވުން ކަމަށެވެ. އެއާއެކު ސަރުކާރު ހިންގުމުގެ ޚަރަދުތައް ރަނގަޅުކުރުމާއެކު ކުންފުނިތަކުގެ ހިންގުން ޑިސިޕްލިންކުރުމަކީ ޑރ.މުޢިއްޒު ކުރައްވާނެ ކަމެއް ކަމުގައި ސައީދު ފާހަގަކުރެއްވިއެވެ.

މި ލިއުމާއި ގުޅޭ