ކުޑަކުއްޖަކަށް ޖިސްމާނީ އަނިޔާކުރިކަމަށް ތުހުމަތުވެ ހައްޔަރުކުރި އިންޑިއާ އަންހެނަކު 15 ދުވަހަށް ބަންދުގައި ބަހައްޓަން ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
އުމުރުން 22 އަހަރުގެ އިންޑިއާ އަންހެންމީހާ ކުޑަކުއްޖަކަށް އަނިޔާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ މާލެއިންނެވެ. އޭނާ ހައްޔަރުކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރީ އިއްޔެއެވެ.
އޭނާގެ މައްޗަށް ތުހުމަތެއް ވުޖޫދުވާން ބޭނުންވާ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައިވާކަމަށް އިއްޔެ ކުރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން ފުލުހުންވަނީ އެ އަންހެމީހާގެ ވީޑިއޯއެއް ކޯޓަށް ހުށަހަޅާފައެވެ.
މެއިޑެއްގެ ގޮތުގައި މަސައްކަތްކުރާ އަންހެންމީހާއަށް ތުހުމަތުވާކަމަށް އަމުރުގައި ބުނެފައިވަނީ އޭނާގެ ބެލެހެއްޓުމުގެ ދަށުގައި ހުރި ކުއްޖަކަށް އަނިޔާކުރިކަމަށެވެ. އަދި އެ މައްސަލާގައި އޭނާގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގައި ބެލެވޭތީ ބަންދުގައި ބަހައްޓަން ފެންނަކަމަށް އަމުރުގައި ބުނެފައިވެއެވެ.
އެ މައްސަލާގައި ކުރިމިނަލް ކޯޓުން ނިންމާފައިވަނީ 15 ދުވަހަށް އޭނާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ފުލުހުންނަށް ފުރުސަތު ދިނުމަށެވެ.