އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ހުވާކުރުމުގެ ރަސްމިޔާތަށް ހުރަސް ނޭޅޭނެކަމަށް, ޕީޕިއެމްގެ ޕީޖީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ސަލީމް މިހެން ވިދާޅުވެފައިވަނީ، ނަޝީދު ވަކި ނުކުރެވިއްޖެނަމަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމް.ޑީ.ޕީއިން 17 ނޮވެމްބަރުގައި އޮންނަ ރައީސްކަމަށް ހުވާކުރުމުގެ ރަސްމިއްޔާތުގައި އެއްބާރުލުން ނުދޭނެކަމަށް ބުނެފައިވާ ދަނޑިވަޅެއްގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރައީސްކަމުގެ މަގާމުން ވަކިކުރުމަށް 8 އޮކްޓޯބަރުވީ އާދިއްތަ ދުވަހު އެމް.ޑީ.ޕީއިންވަނީ 49 މެމްބަރުންގެ ސޮޔާއިއެކު މަޖިލީހަށް ހުށަހަޅާފައެވެ.
އެމް.ޑީ.ޕީއިން ބުނެފައިވަނީ، ރައްޔިތުން މަޖިލީހުގެ ރައީސް ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ މަސައްކަތް ކުރައްމުން ގެންދަވަނީ، ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ވަކި ގޮތެއް ވޯޓުން ނިންމުމަށް ފުރުސަތު ނުދީ އިންތިގާލީ ރައީސްގެ ހުވާ ކުރުމުގެ ރައްމިއްޔާތު ބޭއްވުމަށް ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި، މަޖިލީހުގެ އެއްވެސް ކަމެއް ކުރިއަށް ގެންދަން އެއްބާރުލުން ނުދޭނެ ކަމަށާއި އެއަށްފަހު ކުރިއަށް ގެންދާ ކަންކަން ގަވައިދާ ހިލާފަށް ކުރާ ކަންކަމަށް ވާނެ ކަމަށް އެމް.ޑީ.ޕީއިން ބުނެފައިވެއެވެ.
އިތުރަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ބުނެފައިވަނީ ނަޝީދު ރިޔާސަތުގައި އިންނަވައިގެން ބާއްވަވާ ޖަލްސާއެއްގައި އިންތިޚާބީ ރައީސްކުރައްވާ ހުވައަކީ ޞައްޙަ ހުވައެއްކަމަށް ޤަބޫލުނުކުރާތީ، ހުވައިކުރެއްވުމަށްފަހު އެމަނިކުފާނު އެކުލަވައިލައްވާ ސަރުކާރުގެ ކެބިނެޓުގެ ވަޒީރުގެ ނަންފުޅުތަކަށް ރުހުންނުދޭނެ ކަމަށެވެ. ނަޝީދުގެ ދަ ޑިމޮކްރެޓްސްއިން ސިފަކުރާ ގޮތުގައި ރައީސް އިބްރާހީމު މުހައްމަދުގެ ސާލިހުގެ އެންގެވުމަށް އެމްޑީޕީން އަންނަނީ އިންތިޚާބީ ރައީސް ހުވައިކުރެއްވުމަށް ހުރަސްއަޅަން މަސައްކަތްކުރަމުންނެވެ.
ސަލީމު މިއަދު ކުރެއްވި ޓުވީޓެއްގައި ހަމައެކަނި ވިދާޅުވެފައިވަނީ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ހުވައިކުރެއްވުމުގެ ރަސްމިއްޔާތަށް ހުރަސްނޭޅޭނެ ކަމަށެވެ. ނަމަވެސް އިތުރު އެއްވެސް ތަފުސީލެއް އޭނާގެ ޓުވީޓުގައި ހިމަނުއްވާފައިނުވެއެވެ.
ގިނަ ބަޔަކު އަންނަނީ އެމްޑީޕީން އިއްޔެ ނިންމި ނިންމުމާމެދު ނުރުހުން ފާޅުކޮށް އެމްޑީޕީން މަޖިލީހުގެ އަޣުލަބިއްޔަތު ބޭނުންކުރާނެ ނަހަމަ ގޮތްތައް މި ނިންމުމުން ސާފުވާކަމަށް ބުނަމުންނެވެ.